ޖަރުމަނުގައި މިހާރު ކުރިއަށް ދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުތަކުން ޕޮލަންޑް ބަލިކޮށް އޮސްޓްރިއާ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކުރިއިރު، ފްރާންސް އަދި ނެދަލެންޑްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ގްރޫޕް ޑީގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާ ޕޮލަންޑް އަތުން މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ. އަދި ފްރާންސް އާއި ނެދަލެންޑްސް މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިންނެވެ.
ފުރަތަމަ މެޗުން ބަލިވި ދެޓީމް ވާދަކުރި މެޗު 3-1 ން ކާމިޔާބުކޮށް އޮސްޓްރިޔާ އިން ވަނީ ނޮކްއައުޓް ބުރަށް ދިއުމުގެ އަމިއްލަ ބާރު ދަމަހައްޓާފައެވެ.
ޕޮލަންޑް އަދި އޮސްޓްރިއާ ވެސް ގްރޫޕްގައި ފުރަތަމަ ކުޅުނު މެޗުން ވަނީ ބަލިވެފައެވެ. އެހެންކަމުން ދެވަނަ ބުރުގެ އުންމީދެއް އޮތީ ރޭގެ މެޗުން މޮޅެއް ހޯދައިގެންކަމަށް ވާއިރު، މި މެޗު ދިޔައީ ވަރަށް ފޯރިގަދަކޮށެވެ.
ރޭ އޮސްޓްރިއާ އަތުން ބަލިވުމުން ނޮކްއައުޓް ބުރަށް ދާން ޕޮލެންޑަށް އަމިއްލަ ބާރެއް ނެތެވެ. ދެ މެޗުން ބަލިވުމުން ގިނަވެގެންވެސް ދެން ޕޮލެންޑަށް ހޯދޭނީ ތިން ޕޮއިންޓެވެ.
ރޭގެ މި މެޗު ފެށިގެން އޮސްޓްރިއާ އިން ރަނގަޅަށް ކުޅުނުއިރު، އެޓީމުން މެޗުގެ ލީޑު ނެފީ ނުވަނަ މިނެޓުގައެވެ. އަރިމަތިން ފިލިޕް އެމްވީނާ ނަގައިދިން ބޯޅަ ބޮލުން ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެން ލީޑް ނަގައިދިނީ ޑިފެންޑަރ ގާނޮޓް ޓުރައުނާ އެވެ.
އެކަމަކު 29 ވަނަ މިނިޓްގައި ޕޮލެންޑުން ވަނީ ނަތީޖާ ހަމަހަމަކޮށް އުއްމީދު ހޯދާފައެވެ. ނަތީޖާ ހަމަހަމަ ކޮށްދިނީ ގޯލްއޭރިޔާ ބޭރުން ޕަޔަޓެކް ގޯލްގެ އަރިމަތިން ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ޕަޔަޓެކް އަށް ފުރުޞަތު ލިބުނީ ފުރަތަމަ ޖޭން ބެޑްނާރެކް ފޮނުވާލުމުން އޮސްޓްރިއާ ކުޅުންތެރިއަކު ގައިގަ ޖެހިފަ ބޯޅަ ކުޅުމުގެ ތެރެއަށް އައި ވަގުތު އެވެ.
އޮސްޓްރިއާއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ކްރިސްޓޮފް ބައުމްގާޓްނަރ އެވެ. ބޯޅައާއެކު ކުރިއަށް ޖެހިލާ މާކީ އާނައުޓޮވިޗް ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ޕެނަލްޓީ އޭރިޔާ ރޮނގު މަތީހުރެ ބައުމްގާޓްނަރ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
އޮސްޓްރިއާ އިން މެޗުގެ ލީޑް ފުޅާކުރީ 76 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ ހާފްގެ މެދަކާ ހިސާބުން ޕޮލެންޑް ކުޅުންތެރިޔާ އަތުން ބޯޅަ އަތުލައިގެން ކުރިއަށް އަރާ، ބޯޅަ އާއެކު އޭރިޔާ ތެރެއަށް ވަދެ ކީޕަރުވެސް ނައްޓާލިފަހުން ކީޕަރު ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ފްރާންސް އަދި ނެދަލެންޑްސް ބައްދަލުކުރި މެޗު އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، މި މެޗުގައި ލަނޑު ޖަހަން ދެޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގްރޫޕްގެ ގަދަ ދެބާރު ލަނޑެއް ނުޖެހި އެއްވަރުވުމުން ދެޓީމަށްވެސް ނޮކުއައުޓް ބުރުން ޖާގަ ހޯދަން މިހާރުވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ.
މިއީ މުބާރާތުގައި ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ މެޗެވެ. މިގްރޫޕްގައި ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު ފްރާންސާއި ނެދަލެންޑްސް ވެސް އޮތީ 4 ޕޮއިންޓާ އެކުއެވެ. އޮސްޓްރިއާއަށް ތިން ޕޮއިންޓެވެ. ޕޮލެންޑަށް ޕޮއިންޓެއް ނުލިބެއެވެ. ގްރޫޕް ތަރުތީބުވެފައިވާ ގޮތުން ގަދަ ދެޓީމްގެ ތެރޭގައި ހިމެނުމުގެ އެއްވެސް ފުރުޞަތެއް މިހާރު ޕޮލެންޑަކަށް ނެތެވެ.