ޢީދުގެ އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލަން ޖެހޭ ކަމަށާއި އަހަރެމެން މުސްލިމުން އުފާ ފާޅުކުރަން ޖެހޭނީ ނަބިއްޔާގެ އިރުޝާދުގައިވާ ގޮތަށް، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވެގެންކަމަށް ޢީދު ޚުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޢީދު ޚުތުބާގައި ވިދާޅުވީ އަޟްޙާ ޢީދު ދުވަހަކީ މީސްތަކުން ﷲ އަށްޓަކައި ޤުުރުބާން ކުރާ ދުވަސް ކަމަށެވެ. މުސްލިމުން މިދުވަހު ކުރާ ޤުރުބާންތަކުން އައުކޮށްދެނީ އިބްރާޙިމް އަލައިހިއްސަލާމްގެ ޒިކުރާކަމަށާއި އެކަލޭގެފާނުގެ ހަޔާތްޕުޅުން ހުރިހާ ހާލެއްގައިވެސް މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ މުހިންމުކަމުގެ އިބުރަތް ލިބޭކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ބަޔަކުވެސް އެ ބަޔަކަށް މާތް ﷲ ޙަވާލުކުރައްވައިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނަމަ، މި ދުނިޔެއިން އެންމެހާ ފަސާދަތައް ނެތިހިނގައިދާނޭކަމަށްވެސް ޙުޠުބާގައި ވިދާޅުވިއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުގައި 1445 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި މިއަދު ކުރިއިރު، އިއްވި ޢީދު ޚުތުބާގައި ބުނީ ނަބިއްޔާގެ އިރުޝާދުގައިވާ ގޮތަށް، އަހަރެމެން މުސްލިމުން އުފާ ފާޅުކުރާއިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވާން ޖެހޭކަމަށާއި ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހޭކަމަށެވެ.
“ނަބިއްޔާގެ އިރުޝާދުގައިވާ ގޮތަށް، އަހަރެމެން މުސްލިމުން އުފާ ފާޅުކުރާއިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވާން ޖެހެއެވެ. ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހެއެވެ. އަހަރެމެންނަކީ މާތް ﷲ އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރިކަން ދެއްވައިފައިވާ ބަޔެކެވެ.” ޚުޠުބާގައި ވިދާޅުވިއެވެ.
ޢީދު ޚުޠުބާގައި ބުނީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ، އެ ޤައުމުގެ އަހުލުވެރީންނަކީ މާތް ﷲ އެއްކައުވަންތަކޮށް އާޚިރަތް ދުވަހަށް އީމާންވާ ބަޔަކަށްވުންކަމަށެވެ. އަދި ޤައުމަކަށް ލިބޭނެ ބޮޑު އަނެއް ނިޢުމަތަކީ، އެ ޤައުމަކީ އަމަންއަމާންކަން ލިބިފައިވާ ޤައުމަކަށްވުން ކަމަށާއި، އެ ޤައުމުގެ އަހުލުވެރީންނަކީ، އުފާ ފާގަތިކަން ލިބިފައިވާ ބަޔަކަށް ވުންކަމަށްވެސް ވިދާޅުވިއެވެ.
މި ކަންކަން ޙާޞިލުވާނީ، ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަވެ، އެއްބައިވަންތަ ބަޔަކަށް ވެގެން ކަމަށާއި، ޚިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަކަށް އިޙްތިރާމުކޮށް، އަމިއްލަ މަޞްލަޙަތުގެ ބަދަލުގައި، ދީނާއި، ވަޠަނުގެ މަޞްލަޙަތު އިސްކުރުން މުހިންމު ކަމަށްވެސް ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
ޚުޠުބާގައި ވިދާޅުވި ގޮތުގައި މުސްލިމުންނަކީ އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރިކަން ދެއްވާފައިވާ ބައެކެވެ. އެހެންވެ، މުސްލިމުން އުފާ ފާޅުކުރާއިރު، ތަބައަވާން ޖެހޭނީ އިސްލާމްދީނުގެ އުޞޫލުތަކަށް ކަމަށް ވަނީ ވިދާޅުވެފައެވެ.
ޚުތުބާގައި ވިދާޅުވީ، އިސްލާމްދީނަކީ ޢިއްޒަތްތެރިކަން ލިބިގެންވާ ދީނެއް ނަމަވެސް، މިއަދު މުސްލިމުން ވަރަށް ނިކަމެތިވެފައިވާކަމަށެވެ. އެގޮތުން ފަލަސްޠީނުގެ ރަފަޙާއި، ޣައްޒާއާއި، އެހެނިހެން ބިންތަކަށް ޞަހުޔޫނީން ވެރިވެގަނެފައިވީ ހިނދުވެސް، މި ބޮޑު އުންމަތް، އެ ލޮބުވެތި އަޚުންނާއި އުޚުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
“މި މަތިވެރި ދުވަހުގައި، އުންމަތް ބިނާކުރުމަށް އަހަރެމެން ޢަޒުމްކަނޑައަޅަމާ ހިނގާށެވެ! ޢިލްމާއި ތަޢުލީމު ކުރިއެރުވުމުގައި، ކުރިއަރައިދިޔުމަށް މަސައްކަތްކުރަމާ ހިނގާށެވެ! ފަންނިއްޔަތާއި ފަންނުވެރިކަމުގައި، ހުނަރުވެރިވަމާ ހިނގާށެވެ! މާތް ﷲ އާއި ރަސޫލާގެ ޢަދުއްވުން، އިސްލާމްދީނާ ދެކޮޅަށް ރާވާ މަކަރުވެރި ރޭވުންތަކާ ދެކޮޅަށް، އެއްބައިވަންތަކަމާއެކު، ކުރިމަތިލަމާ ހިނގާށެވެ! ފަހެ މި އުންމަތަކީ އިންސާނިއްޔަތަށް އެތައް ގިނަގުނަ ޢިލްމާއި، ފަންނުވެރިކަމާއި، ހެވެއް ފޯރުކޮށްދިން ޝަރަފުވެރި އުންމަތެކެވެ.” ޚުތުބާގައި ވިދާޅުވިއެވެ.