English Edition
Dhivehi Edition

ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލް ކުޅުނު ފަހު މެޗުން މޮޅުވެއްޖެއެވެ.

ރޭގެ މެޗުން ޕޯޗުގަލް މޮޅުވީ އަޔަލެންޑް އަތުން 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ޕޯޗުގަލް އިން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެޓީމުން އެއް ލަނޑުޖެހިއެވެ. އަނެއް ދެ ލަނޑު ފެނިގެންދިޔައީ ފަހު ހާފުގައެވެ.

ފުރަތަމަ ހާފުގައި ޕޯޗުގަލް އިން ޖެހި ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ ޔާއޯ ފެލިކްސްއެވެ. މިއީ އެ ޓީމުގެ ޖޮޓާ އާއި ބްރޫނޯ ފެނާންޑޭސް ގުޅިގެން އުފެއްދި އެޓޭކަކުން ފެލިކްސް ކާމިޔާބުކުރި ގޯލެކެވެ.

ޕޯޗުގަލްގެ ދެވަނަ ލަނޑު، ފަހު ހާފުގެ 50 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިނީ ޖޮޓާ ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއްގެ އެހީގައެވެ. އޭގެފަހުން، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ރޮނާލްޑޯ އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިނެވެ. މި ލަނޑު ރޮނާލްޑޯ ޖެހީ ޔާއޯ ނެވޭސް ދިން ބޯޅައަކުންނެވެ. މިމެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެލަނޑާއެކު ގައުމީ ޓީމަށް ކުޅުނު 207 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 130 އަށް އަރާފައެވެ.

މީގެ އިތުރުން މިމެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި ކާމިޔާބުކުރި ލަނޑުގެ އަދަދުވެސް ވަނީ 895 އަށް އަރާފައެވެ. އަދި ރޭގެ މެޗުގައި ޖެހި ދެ ގޯލާއި އެކު ރޮނާލްވެގެން ގޮސްފައިވަނީ ޕޯޗުގަލް ގައުމީ ޓީމަށް ޖެހިޖެހިގެން 21 އަހަރު ލަނޑުޖެހި ފުރަތަމަ ކުޅުންތެރިއާއަށެވެ.

މި މެޗުގައި ޕޯޗުގަލް އިން މޮޅަށް ކުޅެ ބޮޑު ތަފާތަކުން އަޔަލެންޑް ބަލިކުރިއިރު، އެންމެ ފަހުން ކްރޮއޭޝިއާއާއި ދެކޮޅަށް ކުޅުނު މެޗުން 1-2 އިން ޕޯޗުގަލް ވަނީ ބަލިވެފައެވެ. މި މެޗުގައި ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ.

ރޭގެ މެޗާއި އެކު ޔޫރޯ ވޯމް-އަޕް ކެމްޕޭން ޕޯޗުގަލްއަށް ނިމިފައިވާއިރު، ދެން އެ ޓީމަށް އޮންނާނީ ޔޫރޯ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތަކެވެ.

ބުރާސްފަތި ދުވަހު ޖަރުމަނުގައި ފަށާ މުބާރާތުގައި ޕޯޗުގަލް ހިމެނުނީ ޗެކް ރިޕަބްލިކް، ޖޯޖިއާ އަދި ތުރުކީއާއެކު ގުރޫޕް އެފްގައެވެ. ގުރޫޕުގެ ފުރަތަމަ މެޗުގައި މިމަހުގެ 19 ވަނަ ދުވަހު ޕޯޗުގަލް ނުކުންނާނީ ޗެކް ރިޕަބްލިކާއި ދެކޮޅަށެވެ.