English Edition
Dhivehi Edition

ޔޫރޯގެ ތާރީޚުގައި، އެ މުބަރާތުގެ ތަށި ހޯދި ގައުމުތަކުގެ ލިސްޓުގައި ސްލޮކާވިއާގެ ނަންވެސް ހިމެނެއެވެ. ނަމަވެސް އެއީ މީގެ 47 އަހަރު ކުރިން ޗެކްސްލޮވާކިއާގެ ނަމުގައެވެ. ޗެކްސްލޮވާކިއާގެ ނަމުގައި ދެ ޔޫރޯގައި ވާދަކުރިއިރު، އޭގެތެރެއިން، 1976 ވަނަ އަހަރުގެ މުބާރާތުގެ ތަށި ނެގިއިރު، 1980 ވަނަ އަހަރުގެ މުބާރާތުގެ ސެމީގައި އެޓީމު ކުޅުނެވެ.

ޗެކްސްލޮވާކިއާގެ ނަން، ސްލޮވާކިއާ އަށް ބަދަލުވުމަށް ފަހުވެސް، ދެ ޔޫރޯ މުބަރާތެއްގައި ވަނީ ވާދަކޮށްފައެވެ. އެއީ 2016 ވަނައަހަރުގެ މުބަރާތާއި 2020 ވަނަ އަހަރުގެ މުބާރާތުގައެވެ.

2016 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރިއިރު، 2020 ގެ މުބަރާތް ނިންމާލީ ގުރޫޕް ސްޓޭޖުންނެވެ. މިއަހަރުގެ ޔޫރޯ މުބާރާތަކީ ސްލޮވާކިއާގެ ނަމުގައި، އެގައުމުން ވާދަކުރާ ތިންވަނަ މުބާރާތެވެ..

ކޮލިފައިވީ ގޮތް

ސްލޮވާކިއާ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައިވަނީ 10 މެޗުން ލިބުނު 22 ޕޮއިންޓާއި އެކު، ކޮލިފައިން ގުރޫޕް ޖޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕުގެ އެއްވަނަ ލިބުނީ 30 ޕޮއިންޓު ހޯދި ޕޯޗުގަލްއަށެވެ.

ކޯޗު

ސްކޮލާކިއާގެ ކޯޗަކީ އިޓަލީއަށް އުފަން އުމުރުން 55 އަހަރުގެ ފްރެންޗެސްކޯ ކަލްޒޯނާއެވެ. ކަލްޒޯނާ ސްލޮވޭކިއާގެ ގައުމީޓީމުގެ ކޯޗުކަމާއި ހަވާލުވީ 2022 ވަނަ އަހަރުގައެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރީ އިޓަލީގެ ކުލަބުން ނަޕޮލީގެ ޓެކްނިކަލް ކޯޗެއްގެ ގޮތުގައެވެ. އަދި ސްލޮވާކިއާގެ ޓީމަށް އިރުޝާދުދެމުން އަންނައިރު، ކަލްޒޯނާއަކީ މިވަގުތު ނަޕޮލީގެ ހެޓް ކޯޗުވެސްމެއެވެ. އިޓަލީގެ ގިނަ ކުލަބުތަކަކަށް ކުރިން އިރުޝާދުދީފައިވާ ކަލްޒޯނާގެ އިރުޝާދުގެ ދަށުން ސްލޮވޭކިއާ މިހާތަނަށް 18 މެޗު ކުޅެފައިވާއިރު، ބަލިވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ.

މުހިންމު ކުޅުންތެރިން

މިފަހަރުގެ ޔޫރޯ މުބާރާތާއި ކުރިމަތިލާއިރު، ސްލޮވާކިއާ ޓީމުގައި ވެސް ފާހަގަކޮށްލެވޭ ރަނގަޅު ފެންވަރުގެ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އެގޮތުން މިފަހަރުގެ ޔޫރޯއަށް އެ ގައުމު ތައްޔާރުވެފައި އޮތް އިރު ޔޫރަޕުގެ ބޮޑެތި ލީގުތަކުގައި ކުޅޭ ރަނގަޅު ފެންވަރުގެ ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއް އެޓީމުގައި ތިބިކަން ފާހަގަކޮށްލަންޖެހެއެވެ.

ސްޓޭނިސްލާވް ލޮބޮޓްކާ: ލޮބޮޓްކާ އަކީ ސްލޮވާކިއާގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެޓޭކިން މިޑްފީލްޑަރެވެ. އޭނާ ސްލޮވާކިއާގެ ގައުމީޓީމަށް ކުޅެން ފެށީ 2016 ވަނަ އަހަރުގައެވެ. މިހާތަނަށް ސްލޮވާކިއާގެ ގައުމީޓީމަށް 55 މެޗު ކުޅެދީފައިވާއިރު، 4 ގޯލް ކާމިޔާބު ކޮށްދީފައިވެއެވެ. ލޮބޮޓްކާ މިވަގުތު ކުޅެމުން އަންނަނީ އިޓަލީގެ ކުލަބެއް ކަމުގައިވާ ނަޕޮލީ އަށެވެ

މިލާން ސްކްރައިނިއާ: ސްކްރައިނިއާ މިވަގުތު ކުޅެމުން އަންނަނީ ފްރާންސްގެ ޕީއެސްޖީ އަށެވެ. ނިމިގެން ދިޔަ ސީޒަނުގައި ޕީއެސްޖީގައި ރަނގަޅު ކުޅުމެއް އޭނާ ދެއްކިއެވެ. ސްކްރައިނިއާ އަކީ ސްލޮވާކިއާގެ ފަހަތުގެ މައި ތަނބެވެ. އުމުރުން 29 އަހަރުގެ ސްކްރައިނިއާ ސްލޮވާކިއާގެ ގައުމީޓީމަށް ކުޅެން ފެށީ 2016 ވަނަ އަހަރުގައެވެ. މިހާތަނަށް 68 މެޗު ގައުމީޓީމަށް ކުޅެދީ 3 ލަނޑު ޖަހާފައިވެއެވެ.

ގުރޫޕުގައި އޮތް ފުރުސަތު

ސްލޮވާކިއާ ހިމެނެނީ ގުރޫޕް އީގައެވެ. މި ގުރޫޕުގައި ސްލޮވާކިއާގެ އިތުރުން ޔުކްރޭން، ބެލްޖިއަމް އަދި ރުމޭނިއާ ހިމެނެއެވެ. މި ގުރޫޕަކީ ސްލޮވާކިއާއަށް މާ ފަަސޭހަ ގުރޫޕެއް ކަމަށް ނުބެލެވެއެވެ. ބެލްޖިއަމް، ރުމޭނިއާ އަދި ޔުކްރޭން އަކީވެސް ފުޓްބޯޅައިގެ ވަރުގަދަ ތިން ބާރެވެ. އެހެން ކަމުން ދެވަނަ ބުރައް ދިއުމަށް ސްލޮވާކިއާ ކުޅުން ވަރުގަދަ ވާން ޖެހެއެވެ.

 

ޓެގު