މުޅި ރާއްޖެ އޮތީ ފަލަސްތީނުގެ ދިފާއުގައި ކަމަށާއި މި ދަނޑިވަޅުގައި ފިތުނަ އުފައްދަން ކުރާ މަސައްކަތްތައް ހުއްޓާލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައިފިއެވެ.
އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެ އަށް މަނާކުރަން ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެން، އެކަން ހުއްޓުވުމުގެ ގޮތުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅަން އަންނަނީ ތައްޔާރުވަމުންނެވެ. މި ވާހަކަތަކާއި ގުޅިގެން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފެށުމާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ދެމުންދާ އެހީ ކަނޑާލުމަށް ބިލެއް ތައާރަފްކުރުމުގެ މަސައްކަތުގެ ފަހަތުގައި ވަނީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް ތުހުމަތުކުރައްވާފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ޝާހިދު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލަ ފަދަ، ދިވެހިންގެ ހިތްތަކާ ރޫހާ ގުޅިފައިވާ ހައްސާސް މައްސަލައެއް ބޭނުންކޮށްގެން އަމިއްލަފުޅު ސިޔާސީ މަގްސަދެއް ހާސިލުކުރަން އުޅުމަކީ، ފަލަސްތީނުގެ މުސްލިމް އަހުންނަށް އިޒްރޭލުން އެދޭ އަނިޔާތަކަށް ހިތްވަރު ދިނުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
އިތުރަށް ޝާހިދު ވަނީ ފަލަސްތީނުގެ ދިފާއުގައި މުޅި ދިވެހި ގައުމު އެކަތިގަނޑަކަށްވެފައިވާ މިދަނޑިވަޅުގައި މަޖިލިސް މެމްބަރަކަށް ހުންނަވައިގެން ފިތުނަ އާއި ދޮގު ފަތުރައި ދިވެހި ސަފުތައް ބައިބައިކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވާފައެވެ.