English Edition
Dhivehi Edition
އޮސްޓްރިއާ ގައުމީފުޓްބޯޅަ ޓީމް/ ފޮޓޯ: ބީއިން ސްޕޯޓްސް

މިވަގުތު ދުނިޔޭގެ ރޭންކިންގެ 25 ވަނައިގައި އޮތް އޮސްޓްރިއާ އަކީ ޔޫރަޕިއަންޗެމްޕިއަންޝިޕް (ޔޫރޯ) ފުޓުބޯޅަމުބާރާތަށް ވަރަށް ހަގު ޓީމެކެވެ. ޔޫރޯ މުބާރާތް ވުޖޫދުވެ، 1960 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ޔޫރޯ މުބާރާތުން ފެށިގެން މިހާތަނަށް ބޭއްވުނު 16 ނުބާރާތުގެ ތެރެއިން، އެޓީމުން ވާދަކޮށްފައި ވަނީ އެންމެ ތިން މުބާރާތުގައެވެ. އެއީ 2008، 2016 އަދި 2020 ވަނައަހަރުގެ ޔޫރޯ މުބާރާތުގައެވެ. އޮސްޓްރިއާ އެންމެ ފުރަތަމަ ވާދަކުރީ، ޔޫރޯ 2008 ގެ މުބާރާތް ހޯސްޓްކުރި އެއް ގައުމުގެ ހައިސިއްޔަތުންނެވެ. 2016 އަދި 2020 ވަނަ އަހަރުގެ މުބާރާތައް އޮސްޓްރިއާ ކޮލިފައިވިއެވެ. މިއަހަރުގެ މުބާރާތަކީ އެގައުމުން ވިދިވިދިގެން ކޮލިފައިވި ތިންވަނަ ޔޫރޯ މުބާރާތެވެ.

.މިހާތަނަށް ތިން ޔޫރޯގައި ވާދަކުރިއިރު، އޮސްޓްރިއާއަށް މި މުބާރާތުގައި ހޯދުނު ހަމައެކަނި ކާމިޔާބީއަކީ އެންމެ ފަހުން 2020 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރުމެވެ. އޮސްޓްރިއާގެ ފުޓްބޯޅައަށް ބަލާއިރު، އެގައުމުގެ ފުޓްބޯޅައިގައި އަވަށްޓެރި ޖަރުމަންގެ ނުފޫޒު ބޮޑެވެ. ޖަރުމަންގެ ބުންޑެސް ލީގާގައި އޮސްޓްރިއާގެ ކުޅުންތެރިން ގިނަ އެވެ. އޮސްޓްރިއާގެ ކޯޗަކީ ވެސް ހުޅަނގު ޖަރުމަނަށް ނިސްބަތްވާ ރަލްފް ރަންގްނިކްއެވެ.

ކޮލިފައިވީ ގޮތް

ޔޫރޯ ކޮލިފައިން ބުރުގައި ގުރޫޕް އެފްގައި ލައްވާލި ގޮތުން އޮސްޓްރިއާ އަށް ކޮލިފައި ނުވެވިދާނެކަމަށް ބެލެވުނެވެ. އެ ޓީމަށް ވާދަކުރަން އުނދަގޫ ދެ ޓީމެއް ގުރޫޕްގައި އޮތް އިރު، އެ ދެޓީމަކީ ބެލްޖިއަމް އާއި ސްވިޑަންއެވެ. ދެން އެ ގުރޫޕްގައި ހިމެނުނީ، އެސްޓޯނިއާ، އަޒަރަބައިޖާން އެވެ. ކޮލިފައިންގައި ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކުޅެން ޖެހުނުނަމަވެސް، ހީކުރެވުނު ވަރަށްވުރެ، އޮސްޓްރިއާ ފެނުނީ ވަރުގަދަކޮށެވެ.

ނެރުނު ނަތީޖާތައް ރަނގަޅެވެ. ކޮލިފައިން ގައި އޮސްޓްރިއާ ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބުކުރިއެވެ. ބަލިވީ އެންމެ މެޗަކުންނެވެ. އެއް މެޗުން އެއްވަރުވިއެވެ. އޮސްޓްރިއާ ޔޫރޯއަށް ކޮލިފައިވީ 19 ޕޮއިންޓް ހޯދައިގެން ގުފޫ އެފްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއްވަނަ ހޯދި ބެލްޖިއަމް އާއި އޮސްޓްރިއާ އާ ދެމެދު އޮތީ ހަމަ އެންމެ ޕޮއިންޓްގެ ފަރަގެވެ.

މުހިންމު ކުޅުންތެރިން

އޮސްޓްރިއާގެ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ، ބަޔާން މިޔުނިކްގައި 13 އަހަރު ހޭދަ ކުރުމަށް ފަހު ރެއާލް މެޑްރިޑަށް ބަދަލުވި ޑޭވިޑް އަލަބާ އެވެ. ނަމަވެސް ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާއަށް މިފަހަރުގެ ޔޫރޯގެ ފުރުސަތު ވަނީ ގެއްލިފައެވެ. އެހެން ކަމުން މިހާރު އެ މާގާމު އޮތީ އިންޓަ މިލާން އާއި ވެސްޓްހަމް ޔުނައިޓެޑަށް ކުރިން ކުޅުނު މާކޯ އާނައުޓޯވިޗްއަށެވެ. އޭނާ އަކީ ލަނޑު ޖެހުމުގެ މައްސަލަ ކުރިމަތިވެފައިވާ އޮސްޓްރިއާގެ ޓީމަށް ބޭނުން ވެފައި އޮތް އިދިކޮޅު ޓީމުތަކުގެ ޑިފެންސް ރޫޅާލައި ލަނޑު ޖަހާނެ ކުޅުންތެރިއާއެވެ. ޔޫރޯ ކޮލިފައިންގައި ވެސް އޭނާ ވަނީ ގިނަ ލަނޑުތަކެއް ޖަހައިފަ އެވެ.

މީގެ އިތުރުން ބޮރޫޝިއާޑޯޓްމުންޑަށް ކުޅޭ މާސެލް ސަބިޓްޒާ އާއި ބަޔާން މިޔުނިކްގެ ކޮންރޭޑް ލެއިމާގެ އިތުރުން ވެސްޓް ބްރޮމްގެ އެންޑްރެއަސް ވެއިމަން އަކީ އޮސްޓްރިއާ ޓީމުން ފަހަގަކޮށްލެވޭ ނަންތަކެވެ.

ކޯޗު

ރަލްފް ރަންގްނިކް ކޯޗެއްގެ ގޮތުގައި އެންމެ ގިނަ މުއްދަތެއް ހޭދަ ކުރީ ޖަރުމަންގެ ޝާލްކޭގަ އެވެ. ޝާލްކޭގެ ކޯޗް ކަމާ އޭނާ ހަވާލުވީ 2011 ގަ އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން އެ ކްލަބުން ޖަރުމަން ލީގުކަޕް، ޖަރުމަން ސުޕަކަޕްގެ އިތުރުން ލީގުގެ ރަނަރަޕްގެ މަގާމުވެސް ވަނީ ހޯދާފައެވެ. މީގެ އިތުރުން ރަންގްނިކް އަކީ ޔޫރަޕްގެ މަޝްހޫރު ގިނަ ކުލަބުތަކަށް ވެސް އިރުޝާދުދީފައިވާ ތަޖުރިބާ މުއްސަނދި ކޯޗެކެވެ.

މިއީ އޮސްޓްރީއާގެ ކޯޗް ކަމުގައި ރަންގްނިކް ދޭދަކުރާ ތިންވަނަ އަހަރެވެ. ޔުނައިޓެޑްގެ ވަގުތީ ކޯޗެއްގެ މަގާމުގައި އެއް ސީޒަން ހޭދަކުރުމަށް ފަހު ރަންގްނިކް އޮސްޓްރިއާގެ ގައުމީ ޓީމާއި ހަވާލުވީ 2022 ވަނަ އަހަރުގެ އޭޕްރީލްމަސްތެރޭގައެވެ. އޭނާ އެ މަގާމާއި ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމުމުގެ ދަށުންނެވެ. އެ ދެއަހަރުގެ އެއްބަސްވުމުގައި ރަންގްނިކްގެ އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި ވެފައިވަނީ މި އަހަރުގެ ޔޫރޯއަށް އެ ގައުމު ކޮލިފައިކޮށްދިނުމެވެ. އަދި އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ބޭނުންނަމަ މި މިސަން ކާމިޔާބުކުރަން ރަންގްނިކަށް ވަނީ މަޖުބޫރުވެފައެވެ. މިކަން އޭނާ ކާމިޔާބުކުރިއެވެ. ރަނގަޅު ނަތީޖާތަކެއް ނެރެ، އޮސްޓްރިއާ ޔޫރޯއަށް ކޮލިފައިކޮށްދިނެވެ. އެހިސާބުން މިހާރުވަނީ ރަންގްނިކްގެ އެއްބަސްވުން އިތުރު ދެ އަހަރަށް ދިގުދަންމާލާފައެވެ. އޮސްޓްރިއާއާއި އެކު ރަންގްނިކް ހަދާފައިވާ އެއްބަސްވުން މިހާރު ހަމަވާން އޮތީ 2026 ގެ ވޯލްޑްކަޕް ގެ ނިޔަލަށެވެ.

ގުރޫޕްގައި އޮތް ފުރުސަތު

އޮސްޓްރިއާ ލައްވާނީ ނިސްބަތުން އުނދަގޫ ގުރޫޕަކަށެވެ. އެއީ ފްރާންސް، ނެދަލެންޑްސްގެ އިތުރުން ޕޮލެންޑް ވެސް ހިމެނޭ ގުރޫޕް ޑީއެވެ. މިއީ އޮސްޓްރިއާއަށް ދެވަނަ ބުރައް ދިއުމަށް ބޮޑެތި ގޮންޖެހުންތަކަަކާއި ކުރިމަތިލާން ޖެހޭނެ ގުރޫޕެކެވެ. މި ގުރޫޕްގެ ފޭވަރިޓުންނަކީ ފްރާންސް އަދި ނެދަލެންޑްސްކަމަށް ވާއިރު، މި ޓީމުތަކުގެ މައްޗަށް ކުރި ހޯދުމަކީ އޮސްޓްރިއާއަށް އުނދަގޫކަމަކަށް ވާނެއެވެ.