English Edition
Dhivehi Edition
އިންގްލެންޑް ގައުމީފުޓްބޯޅަ ޓީމް/ ފޮޓޯ: ބީބީސީ

ފުޓްބޯޅައިގައި އެންމެ ނުފޫޒު ގަދަ ގައުމުގެ ނަންތަކުގެ ލިސްޓެއް ހަދާނަމަ، ލިސްޓުގެ ކުރީބައިން އިންގްލެންޑު ޖާގަ ހޯދާނެކަމީ ކަށަވަރުކަމެކެވެ.

އެކަމުގެ ސަބަބުތައް ވެސް ބައިވަރެވެ. އެހެނީ އެއީ ފުޓްބޯޅައިން އެގައުމުން ހޯދާފައިވާ ކާމިޔާބީތަކާއި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން ވެސް އުފެދޭ އަދި އުފައްދާ ގައުމަކަށް ވާތީ އެވެ.

އިންގްލެންޑް އެންމެ ފުރަތަމަ ޔޫރޯ އެއްގައި ވާދަކުރީ 1968 ވަނަ އަހަރުގައެވެ. އޭގެ ފަހުން 1980 ވަނައަހަރުގެ މުބާރާތުގައި ވާދަކުރިއެވެ. އިންގްލެންޑް ގަވައިދުން ޔޫރޯ ގައި ކުޅެންފެށީ 1988 ވަނަ އަހަރު ބޭއްވި މުބާރާތުން ފެށިގެން 1984 އަދި 2008 ފިޔަވައި މިހާތަނަށް ކުޅުނު ހުރިހާ ޔޫރޯ މުބާރާތެއްގައި އިންގްލެންޑް ވަނީ ކުޅެފައެވެ.

އިންގްލެންޑަށް މިހާތަނަށް ޔޫރޯގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެންމެ ފަހުން 2020 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކުރުމެވެ. މީގެ އިތުރުން 1968 އާއި 1996 ވަނަ އަހަރު މުބާރާތުގެ ސެމީފައިނަލަށް އިންގްލެންޑް ދަތުރުކުރިއެވެ. އެކަަމަކު ޒުވާން ސްކޮޑަކާ އެކު، އިންގްލެންޑުން މި ފަހަރުގެ ޔޫރޯއަށް ނުކުންނަނީ ފޮނި އުންމީދުތަކާ އެކު އެވެ.

ކޮލިފައިވި ގޮތް

މި ފަހަރުގެ ޔޫރޯއަށް އިންގްލެންޑް ކޮލިފައިވީ ފަސޭހަކަމާ އެކު ގުރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ކޮލިފައިންގެ ގުުރޫޕް ސީގައި އިންގްލެންޑް ކުޅުނު 8 މެޗުގެ ތެރެއިން ހަ މެޗުން އެޓީމު މޮޅުވި އެވެ. މެޗަކުން ބަލިވެފައެއް ނުވެއެވެ. ދެ މެޗުން އެއްވަރުވިއެވެ. ޖުމްލަ 20 ޕޮއިންޓް ހޯދިއިރު، އެންމެ ގާތުން ވާދަކުރި އިޓަލީ އޮތީ 14 ޕޮއިންޓްއާއި އެކު ގުރޫޕުގެ ދެވަނައިގަ އެވެ.

މުހިންމު ކުޅުންތެރިން

ހެރީ ކޭން: އިންގްލެންޑްގެ ފޯވަޑް ލައިންގައި މި ވަގުތު އެންމެ ފޯމުގައި ހުރި ކުޅުންތެރިޔަކީ އިތުބާރު ފޯވަޑް ހެރީ ކޭން އެވެ. މިފަހަރުގެ ޔޫރޯގައި އިންގްލެންޑްގެ ކެޕްޓަންކަން ވެސް ކުރާނީ އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ އެވެ. މި އަހަރުގެ ސީޒަން ބަޔާން މިޔުނިކްގައި އޭނާ ނިންމާލީ ގިނަ ލަނޑުތަކަކާ އެކު މޮޅު ކުޅުމެއްގަ އެވެ. އިންގްލެންޑްގެ ޖޫނިއަ ޓީމުތަކަށް ކުޅުމަށް ފަހު، ސީނިއަ ޓީމުން ކޭން ޖާގަ ހޯދީ 2015 ވަނަ އަހަރެވެ. އަދި އިންގްލެންޑާ އެކު 2016ގެ ޔޫރޯއާއި 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ވެސް އޭނާ ވަނީ ކުޅެފަ އެވެ. އިންގްލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 89 މެޗުގައި ކޭން ވަނީ 62 ލަނޑު ޖަހައިފަ އެވެ. މި ފަހަރުގެ ޔޫރޯގައި އިންގްލެންޑްގެ ފޯވާޑް ލައިންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ކޭން އެވެ.

ރެއާލް މެޑްރިޑްގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް އާއި އާސެނަލްގެ ޒުވާން ފޯވަޑް ބަކާޔޯ ސަކާ އަދި ޗެލްސީ ފޯވަޑް ކޯލް ޕާމާ އަކީ ވެސް މިފަހަރު އިންގްލެންޑް ޓީމުގައި ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިންނެވެ. މިފަހަރުގެ ޔޫރޯގައި އިންގްލެންޑް ޓީމުގައި މުހިންމު ދައުރެއް އަދާކުރާނެ މި ތިން ކުޅުންތެރިންނަކީ ވިދުން ގަދަ ތިން ކުޅުންތެރިންނެވެ.

ކޯޗު

ކުޅުންތެރިއެއްގެ ގޮތުގައި ގެެރެތު ސައުތުގޭޓް ފާހަގަވެގެން ދިޔައީ މޮޅު ޑިފެންޑަރެއްގެ ގޮތުގަ އެެވެ. އޭނާގެ ކެރިއަރުގައި ވަނީ ކްރިސްޓަލް ޕެލެސް އާއި އެސްޓަން ވިލާ އަދި މިޑްލްސްބަރާ އަށް ކުޅެފަ އެވެ. އިންގްލެންޑްގެ ގައުމީ ޓީމާ އެކު ސައުތުގޭޓް ނުކުތީ 1998 ގެ ވޯލްޑް ކަޕަށެވެ.

އޭގެ އިތުރުން 1996 އަދި 2000ގެ ޔޫރޯގައި ވެސް ކުޅުނެވެ. އުމުރުން 35 އަހަރުގައި، 2006 ވަނަ އަހަރު، ކުޅުމުގެ ކެރިއަރު ހުއްޓާލައި، މިޑްލްސްބަރާގެ ކޯޗުކަމާ ހަވާލުވި އެވެ. އޭގެ ފަހުން އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގައި ތިން އަހަރު ހޭދަކުރި އެވެ. ސައުތުގޭޓަށް އިންގްލެންޑްގެ ސީނިއަ ޓީމުގެ ކޯޯޗުކަން ހަވާލުކުރީ 2016 ގަ އެވެ. ސޭމް އަލަޑައިސް މަގާމުން ވަކިކޮށް، ސައުތުގޭޓަށް އެންމެ ފުރަތަމަ އެ ޒިންމާ ހަވާލުކުރީ ވަގުތީ ގޮތުންނެވެ. އެކަމަކު ނޮވެމްބަރު 2016 ގައި ސައުތުގޭޓަށް ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިންގްލެންޑްގެ ކޯޗުކަން ހަވާލުކޮށްފަ އެވެ. ސައުތުގޭޓް ވަނީ އެންމެ ފަހުން 2020 ވަނަ އަހަރު އޮތް ޔޫރޯ މުބާރާތުގެ ފައިނަލަށް އިންގްލެންޑް ގެންގޮސްދީފައެވެ. ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ވަނީ މިހާތަނަށް ދެ ވޯލްޑް ކަޕް މުބާރާތާއި އެއް ޔޫރޯ މުބާރާތުގައި ވާދަކޮށްފައެވެ.

ގުރޫޕްގައި އޮތް ފުރުސަަތު

އިންގްލެންޑަކީ ގުރޫޕް ސީގެ ފޭވަރިޓެކެވެ. މި ގުރޫޕްގައި އިންގްލެންޑާ އެކު ދެން ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރާނެ ކަމަށް ބެލެވެނީ ޑެންމާކް އެވެ. މި ގުރޫޕްގައި ދެން އޮތީ ސާބިއާ އާއި ސްލޮވީނިއާ އެވެ.