ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ބަލައިގަތުމާ މެދު އިއްޔެ ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވި މައްސަލާގައި ޕީއެންސީގެ ރަސްމީ މަޖިލިސް ވަޓްސްއެޕް ގްރޫޕުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ބޭރުކޮށްލައިފިއެވެ.
އޭނާއަކީ އެ ބިލާ ދެކޮޅަށް ޕީއެންސީގެ ޕީޖީ ގްރޫޕްގައި ވެސް ވާހަކަ ދެއްކެވި ބޭފުޅެއް ކަމަށް ވަނީ އެނގިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު 5 އަށް މަދުކުރަން ގާނޫނަށް ހުށަހެޅި އިސްލާހުގެ މައްސަލަ ބަލައިގަތުމަށް ވޯޓު ދިނުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން ވިޕެއް އޮތީ ނެރެފަ އެވެ. ނަމަވެސް އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ޕީއެންސީގެ 10 މެމްބަރަކު ބައިވެރިވެވަޑައިނުގަންނަވައެވެ.
އެ ބިލު ބަލައިގަތުމާ މެދު ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތީ 76 މެންބަރުންނެވެ. އޭގެ ތެރެއިން 64 މެންބަރުންގެ ވޯޓާ އެކު ބިލު ބަލައިގެންއިރު ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅަށް ނިސްބަތްވާ 12 މެންބަރުންނެވެ.
އެކަމާ ގުޅިގެން ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު ފަލާހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ 11 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރަކު އުޅުއްވަނީ ރަސްމީ ދަތުރުތަކެއްގައި ކަމަށެވެ. އަދި ދެން ތިއްބެވި ދެ މެމްބަރުން ވޯޓުގައި ބައިވެރިނުވި ސަބަބު ޕާޓީން ބަލާނެ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެސް އެ މަނިކުފާނާ އެކު ތިން މެމްބަރަކު އެބައުޅުއްވަ އެވެ. އެއީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހާމިދު އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން އެވެ.
އިއްޔެ މަޖިލިސް ޖަލްސާ ނިންމުމަށްފަހު ޕީއެންސީގެ ޕީޖީ ގްރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް އެ ޕާޓީގެ ޕީޖީ ލީޑަރު ފަލާހް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް ގަސްތުގައި ވިޕްލައިނާ ހިލާފުވާ ބޭފުޅުންނާ މެދު ގަވާއިދުގައި އޮންނަ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް މެސެޖެއް ފޮނުއްވައިފައެވެ. މި މެސެޖުގައި ވަނީ، ވޯޓުގައި ބައިވެރިވެވަޑައިނުގެން ޕީއެންސީގެ މެންބަރުން ކުރެއްވީ އެއްވެސް ފަހަރަކު އެއްވެސް މެންބަރަކު ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށެވެ.