English Edition
Dhivehi Edition
ޑެންމާކް ގައުމީފުޓްބޯޅަ ޓީމް/ ފޮޓޯ: ވީއޯއައި

ޑެންމާކް އަކީ ވެސް ޔޫރަޕް ފުޓްބޯޅައިގައި ވަރުގަދަ ބާރެކެވެ. ދުނިޔޭގެ ތަށި މިހާތަނަށް ހޯދިފައި ނުވި ނަމަވެސް 1992 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ) މުބާރާތުގެ ތަށްޓާއި 1995 ވަނަ އަހަރު ސައުދީގައި އޮތް ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބު ކުރިއެވެ. މިއީ ފުޓްބޯޅައިގައި ޑެންމާކަށް މިހާތަނަށް ލިބިފައިވާ ހަމަ އެކަނި ކާމިޔާބީތަކެވެ.

ޑެންމާކްގެ ފުރަތަމަ ޔޫރޯ މުބާރާތަކީ 1964 ވަނަ އަހަރު ސްޕެއިންގައި ބޭއްވުނު ޔޫރޯ މުބާރާތެވެ. ޖުމުލަ ހަތަރު ޓީމުން ވާދަކުރި މި މުބާރާތުގައި އޮތީ ހަމައެކަނި ސެމީ ފައިނަލާއި ފައިނަލް މެޗެވެ. މި މުބާރާތް އެ ޓީމުން ނިންމާލީ ހަތަރުވަނައިގައި އޮވެގެންނެވެ. އޭގެފަހުން ކުޅުނު 13 ޔޫރޯގެ ތެރެއިން ފަސް ޔޫރޯއަށް އެޓީމު ކޮލިފައިނުވެ އެވެ. އެއީ 1968، 1972، 1976، 1980، 2008 އަދި 2016 އެވެ. ޑެންމާކް ޔޫރޯއަށް ކޮލިފައިވި މުބާރާތްތަކުގެ ތެރެއިން 1992 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދިއިރު، 1984 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ އަހަރުގެ މުބާރާތުގެ ސެމީގައި ޑެންމާކުން ކުޅުނެވެ.

ވޯލްޑް ކަޕަށް ބަލާއިރު، 1984 ވަނަ އަހަރުގެ މުބާރާތުން ފެށިގެން މިހާތަނަށް ހަ ވޯލްޑް ކަޕެއްގައި ޑެންމާކް ކުޅުނެވެ. ވޯލްޑް ކަޕެއްގައި އެޓީމަށް އެންމެ ދުރަށް ދެވިފައިވަނީ 1998 ވަނަ އަހަރު ފްރާންސްގައި އޮތް މުބާރާތުގައެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލް އެޓީމުން ކުޅުނެވެ.

ކޮލިފައިވީ ގޮތް

ޑެންމާކް ވަނީ ކޮލިފައިން ގްރޫޕުގެ އެއްވަނަ ހޯދާފަ އެވެ. ކޮލިފައިންގެ 10 މެޗުގެ ތެރެއިން އެޓީމު ހަތް މެޗު ކާމިޔާބުކުރި އެވެ. އެއް މެޗުން އެއްވަރުވި އިރު، ބަލިވީ އެންމެ ދެ މެޗުންނެވެ. 10 މެޗުގައި 19 ގޯލު ޖެހިއިރު އެޓީމު ކޮޅަށް ވަނީ އަށް ގޯލެވެ. ޔޫރަޕް ކޮލިގައިން ރައުންޑުގައި ޑެންމާކް ހިމެނުނީ ގުރޫޕް އެޗްގައެވެ. މިގުރޫޕުގެ އެއްވަނަ އެޓީމުން ހޯދީ 22 ޕޮއިންޓާއި އެކުގައެވެ.

ފާހަގަކޮށްލެވޭ ކުޅުންތެރިން

ޑެންމާކް ޓީމުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ކްރިސްޓިއަން އެރިކްސެން އެވެ. ހިތުގެ މައްސަލައެއް އެންމެ ފަހުން ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވުނަސް އާ ހިތްވަރަކާ އެކު އެރިކްސެން މިހާރު ހުރީ ކުރީގެ ފޯމުގަ އެވެ. މިފަހަރުގެ ޔޫރޯގައި ވެސް އެރިކްސެން ފެނުމަކީ ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބޭނެ ބޮޑު އުފަލެކެވެ.

އެރިކްސެންގެ އިތުރުން އެޓީމުގެ ކެޕްޓަން ސިމޯން ކިއޭ އާއި ކެސްޕާ ޝްމައިކަލް އަކީ ފާހަގަކޮށްލެވޭ ތަޖުރިބާކާރު ކުޅުންތެރިންނެވެ. މީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑުގެ ވޯވަޑް ރަސްމުސް ހޮއިލަންޑް އާއި ކްރިސްޓެންސެންގެ އިތުރުން ޕޯލްސަން އަކީ ވެސް ޑެންމާކް ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.

ކޯޗު: ކެސްޕާ ޖޮލްމަންޑް

ޖޮލްމަންޑްގެ ކޯޗުކަމުގައި 2020 ވަނަ އަހަރު އޮތް ޔޫރޯގެ ސެމީ ފައިނަލަށް ޑެންމާކް ވަނީ ދަތުރުކޮށްފަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ޑެންމާކް ވާދަކުރިއެވެ. އޭނާގެ ކޯޗުކަމުގައި ޑެންމާކް ކުޅުނު 49 މެޗުގެ ތެރެއިން 31 މެޗުން މޮޅުވި އެވެ. ފަސް މެޗު އެއްވަރުވިއިރު ބަލިވީ 13 މެޗުންނެވެ. ޖޮލްމަންޑް ވަނީ ޑެންމާކާއި ޖަރުމަނުގައި ކޯޗުކަން ކޮށްފަ އެވެ. ޑެންމާކް އަކީ އޭނާ އިރުޝާދުދޭ ފުރަތަމަ ގައުމެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މިފަހަރުގެ ޔޫރޯގައި ޑެންމާކް ހިމެނުނީ އިންގްލެންޑް، ސްލޮވީނިއާ، ސާބިއާ އާއި އެކު ގުރޫޕް ސީގައެވެ. މި ގުރޫޕުގެ ފޭވަރިޓަކީ އިންގްލެންޑެވެ. ނަމަވެސް ދެން މިގުރޫޕުގައި އޮތް ޓީމުތަކަށް ބަލާއިރު، ޑެންމާކަށް ދެވަނަ ބުރު ޔަގީންކުރެވިދާނެއެވެ. އިންގްލެންޑް ފިޔަވައި ދެން މިގުރޫޕުގައޮ އޮތް ދެ ޓީމަކީ ވެސް ފެންވަރުގެ ގޮތުން ޑެންމާކަށް ވުރެ ބަލިކަށި ޓީމުތަކެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.