English Edition
Dhivehi Edition

އައްޑޫސިޓީގެ ގަމުގައި ހިންގަމުންދާ އީކުއޭޓަރ ވިލެޖް އިން ފިތުރު އީދަށް ޚާއްޞަކޮށްގެން 3 ޕެކޭޖެއް ތައާރަފްކޮށްފިއެވެ. 25 ޖޫން އިން 1 ޖުލައިގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި 80 ޑޮލަރުގެ ޕެކޭޖަކާއި 99 ޑޮލަރ އަދި 130ޑޮލަރުގެ ޕެކޭޖް ހިމެނެއެވެ. މި ޕެކޭޖް ތަކުގެ ތެރެއިން 80 ޑޮލަރުގެ ޕެކޭޖްގައި މަދުވެގެން 6 ގަޑި އިރަށް ރޫމެއްގައި ތިބެވޭއިރު ސްވިމިން ޕޫލް ބޭނުން ކުރުމާއި އަދި މެންދުރުގެ ކެއުން 2 މީހަކަށް ލިބެއެވެ. 2 މީހުންގެ އިތުރަށް 13 އަހަރުން ދަށުގެ ކުޑަ ކުއްޖަކު އިތުރުކުރާނަމަ 10 ޑޮލަރު އިތުރަށް ދައްކަން ޖެހެއެވެ. 99 ޑޮލަރު ގައި ފުލް ބޯޑުގައި ރިސޯޓުގެ ރޫމެއްގައި 1 ދުވަހަށް ތިބެވޭއިރު 130 ޑޮލަރުގެ ޕެކޭޖުގައި ރިސޯޓުގެ ހުރިހާ ޚިދުމަތްތަކެއް ލިބިގެން 1 ދުވަހަށް ކޮޓަރިއެއްގައި ތިބެވެއެވެ. ހުރިހާ ޕެކޭޖެއްގައިވެސް އުމުރުން 3 އަހަރު ނުވާ ކުޑަކުދިންނަށް އެއްވެސް އަގެއް ނުނަގާނެއެވެ. އީކުއޭޓަރ އިން ބުނީ މިއީ ހަމައެކަނި ދިވެހިންނާއި އަދި ވޯކްޕާމިޓް ވިސާގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އީދު ޕްރޮމޯޝަނެއް ކަމަށެވެ. އެ ރިސޯޓުން މިއަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ޕެކޭޖަށް ވެސް ގިނަ ބަޔެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ.