English Edition
Dhivehi Edition

ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ ޗައިނާ އީސްޓަން އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ބޭއްވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މިކަމާއި ގުޅޭ މަޝްވަރާތައް ކުރައްވާފައި ވަނީ އެ ގައުމުގެ ޝެންހާއީގައި ކުރިއަށްދާ އައިޓީބީ ޗައިނާ ފެއާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، ޗައިނާ އީސްޓަން އެއާލައިންގެ އެގްޒެކެޓިވް ވައިސް ޕްރެސިޑެންޓް، އީވީޕީ، ވަން ޗިންޗާއޯ އާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ޗައިނާ އީސްޓަން އެއާލައިންގެ ސީދާ ދަތުރުތައް ކޮވިޑް 19 އާއި ގުޅިގެން މެދުކަނޑާލުމަށްފަހު އަލުން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ޗައިނާ އީސްޓަން އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ބޭއްވުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެއްވިކަން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަކުރައްވާފައެވެ. ފައިސަލް ވިދާޅުވީ ޗައިނާ އީސްޓަން އެއާލައިންގެ އީވީޕީ އާއެކު ބޭއްވި ބައްދަލުވުމުގައި، ގުޅިގެން ރާއްޖެ ޕްރޮމޯޓްކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރެވެން ހުރި ފުރުސަތުތަކާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި ޗައިނާ އާ ގުޅާލުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފަ އެވެ. އެ މަޝްވަރާތަކުގެ ތެރެއިން ރާއްޖެއަށް އަންނަ ޗައިނާގެ އެއާލައިންތަކުގެ އަދަދު އިތުރު ކުރުމާއި ޗައިނާގެ ވީހާވެސް ގިނަ މަންޒިލްތަކަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް މަޝްވަރާ ކުރެއްވުން ހިމެނެއެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޗައިނާއިން 98,908 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެ އަންނަ ފަތުރުވެރިންގެ 11.2 އިންސައްތަ އެވެ.