ސްލޮވީނިއާ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މިހާތަނަށް އެއްވެސް ކާމިޔާބީއެއް ހޯދިފައިވާ ގައުމެއް ނޫނެވެ. ސްލޮވީނިއާ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ މައިދާނަށް އެންމެ ފުރަތަމަ ނުކުތީވެސް ޔޫގޯސްލޭވިއާގެ އަތްދަށުން މިނިވަންވެ، އަމިއްލަ ފުޓްބޯޅަ އެސޯޝިއޭސަނެއްގެ ދަށުން 1992 ވަނަ އަހަރުގައެވެ. ޔޫއެފާ އާއި ފީފާގެ މެބަރު ގައުމަކަށް ވެސް ސްލޮވީނިއާ ވެގެން ދިޔައީ ހަމަ އެއަހަރުގެތެރޭގައެވެ. އޭގެފަހުންވެސް 1998 ވަނަ އަހަރާއި ހަމައަށް ގައުމީ ފެންވަރުގައި ފުޓްބޯޅަައިގެތެރެއަށް ސްލޮވީނިއާއަށް ވަދެވިފައެއް ނުވެއެވެ.
ސްލޮވީނިއާގެ ފުޓްބޯޅަ ތާރީޚުގައި އެގައުމުން އެންމެ ފުރަތަމަ ވާދަކުރި ރަސްމީ ބޮޑު މުބާރާތަކީ 2000 ވަނަ އަހަރު ފްރާންސްގައި ކުޅެވުނު ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތަށް އެގައުމު ކޮލިފައިވީ ވެސް ޔޫރަޕް ކޮލިފައިން ބުރުގައި ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކުޅެ ރަނގަޅު ނަތީޖާތަކެއް ވެސް ނެރެގެންނެވެ. 2000 ވަނަ އަހަރުގެ ޔޫރޯ މުބާރާތަށް އެގައުމު ކޮލިފައިވި ނަމަވެސް އެފަހަރުގެ މުބާރާތުން ސްލޮވީނިއާ ވަކިވެގެން ދާން ޖެހުނީ ގުރޫޕް ސްޓޭޖުންނެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވެވި އެންމެ ފުލުގައި އޮވެގެންނެވެ.
އޭގެފަހުން 2002 ވަނަ އަހަރު ކޮރެއާ-ޖަޕާން ގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފުރަތަމަފަހަރަށް ސްލޮވީނިއާ ކޮލިފައިވިއެވެ. ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރެ މުބާރާތާއި ކުރިމަތިލި ސްލޮވީނިއާއަށް މި މުބާރާތްވެސް ނިންމާލަން ޖެހުނީ ގުރޫޕް ސްޓޭޖާއި ހަމައިންނެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ސައުތް އެފްރިކާގައި ބޭއްވުނު ވޯލްޑްކަޕް ގައިވެސް ސްލޮވީނިއާ ވާދަކުރިއެވެ. އެ މުބާރާތުންވެސް އެގަމުން ނިންމާލީ ހަމަ ގުރޫޕް ސްޓޭޖާއި ހަމައިންނެވެ.
މިފަހަރު ޖަރުމަނުގައި އޮން ޔޫރޯ އަށް ސްލޮވީނިއާ ކޮލިފައިވެފައިވާއިރު، މިއީ އެގައުމުގެ ތާރީޚުގައި ކުޅޭ ދެވަނަ ޔޫރޯ މުބާރާތެވެ.
ކޮލިފައިވީ ގޮތް
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ބުރުގައި ސްލޮވީނިއާ ހިމެނުނީ ގުރޫޕް އެޗްގައެވެ. މި ގުރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ ޑެންމާކް، ކަޒަކިސްތާން، ފިންލެންޑުގެ އިތުރުން ނޯދަން އަޔަލެންޑް އަދި ސަންމަރީނޯއެވެ. ކޮލިގައިން ގުރޫޕުގައި ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗު ސްލޮވީނިއާއިން ކާމިޔާބުކުރިއެވެ. އެއްމެޗުން އެއްވަރުވިއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ. ސްލޮވީނިއާ ކޮލިފައިވީ 22 ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިވީ ޑެންމާކެވެ. ޑެންމާކަށް ވެސް 22 ޕޮއިންޓް ލިބުނުއިރު، އެޓީމަށް ކުރި ލިބުނީ ފައިދާ އެންމެ ގޯލެއްގެ ފަރަގުންނެވެ.
މުހިންމު ކުޅުންތެރިން
ސްލޮވީނިއާގެ އެންމެ މުހިންމު ކުޅުންތެރިއަކީ ނުވަތަ ކީ ޕްލޭޔަރަކީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑްގެ ތަޖުރިބާކާރު ގޯލްކީޕަރު ޔަން އޮބްލަކްއެވެ. ޓީމުގެ ކެޕްޓަނަކީ ވެސް އޭނާއެވެ. ޓީމުގެ ކުޅުންތެރިން ގޮވައިގެން ކުރިއަށް ދިއުމުގައި އެންމެ އިސް މާލިމީއަކީވެސް އޮބްލަކެވެ. ޔޫރަޕް ގެ ގިނަ ކުލަބުތަކެއްގައި ކުޅެފައިވާ އޮބްލަކް ގައުމީޓީ މަށް ކުޅެން ފެށީ 2012 ވަނަ އަހަރުއެވެ. މިހާރު އުމުރުން 31 އަހަރުގެ މި ކުޅުންތެރިޔާ ވަނީ މިހާތަނަށް ގައުމީޓީމަށް 64 މެޗު ކުޅެދީފައެވެ. މިއީ އޭނާގެ އެންމެ ފަހުގެ ބައިނަލްއަގުވާވީ މުބާރާތްކަމަށް ވަނީ ބެލެވިފައެވެ.
އޮބްލަކްގެ އިތުރުން ސްލޮވީނިއާ ޓީމުން ދެން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންއަކީ އުމުރުން އެންމެ 20 އަހަރުގެ ފޯވާޑް ބެންޖަމިން ސެސްކޯއެވެ. ޖަރުމަނުގެ އާރްބީ ލެއިޕްޒިގަށް ކުޅެމުން އަންނަ ސެސްކޯ އަކީ ސްލޮވީނިއާގެ މުޅި ފޯވާޑް ލައިން އެކުޅުންތެރިއަކަށް ބިނާވެގެންވާ ކުޅުންތެރިއާއެވެ. ނިމިގެން ދިޔަ ސީޒަނުގައި ލެއިޕްޒިގަށް ކުޅެދިން 31 މެޗުގައި އޭނާ ވަނީ 14 ގޯލު ޖަހައިދީފައެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ސެސްކޯ ވެގެންދާނީ މިފަހަރުގެ މުބާރާތުގައި ސްލޮވީނިއާ ޓީމުން އެންމެ ބޮޑަށް ވިދާލާނެ އެއް ކުޅުންތެރިޔާއަށެވެ. ސެސްކޯ ސްލޮވީނިއާ ގައުމީޓީމަށް ކުޅެފްނ ފެށީ 2021 ވަނަ އަހަރުގައެވެ. މިހާތަނަށް 28 މެޗު ކުޅެދީ 11 ލަނޑު ޖަހައިދީފައިވެއެވެ.
ކޯޗު
ސްލޮވީނިއާގެ ކޯޗުކަމުގައި މިވަގުތު ހުރި މަޓްޖާޒް ކެކް އަކީ ކުރިން ސްލޮވީނިއާގެ ޔޫތް ޓީމުތަކަށް ވެސް ކޯޗުކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އޭނާ ވަނީ ޔޫރަޕާއި އޭޝިއާގެ ބައެއް ކުލަބުތަކަށް ވެސް ކޯޗުކޮށްދީފައެވެ. އެގޮތުން ސްލޮވީނިއާ ގައުމީޓީމާއި ހަވާލުވުމުގެ ކުރިން އޭނާ ކޯޗުކޮށްދީފައިވަނީ ކްރޮއޭޝިއާގެ ސުޕަ ސްޕޯޓްސް ލީގުގެ ކުލަބް ރިޖެކާ އަށެވެ. އެ ޓީމާއި އެކު ކެކް ވަނީ ކްރޮއޭޝިއަން ލީގުގެ އިތުރުން ކްރޮއޭޝިއަން ކަޕް އަދި ކްރޮއޭޝިއަން ސުޕަކަޕް ކާމިޔާބުކޮށްދީފައެވެ.
ކެކް ސްލޮވީނިއާގެ ގައުމީ ފުޓްބޯޅަ ޓީމާއި ހަވާލުވީ 2018 ވަނަ އަހަރުގައެވެ. އޭގެ ފަހުން އޭނާގެ އިރުޝާދުގެ ދަށުން ސްލޮވީނިއާ 53 މެޗު ވަނީ ކުޅެފައެވެ. އޭގެތެރެއިން 26 މެޗުން މޮޅުވިއެވެ. 15 މެޗުން އެއްވަރުވެފައިވާއިރު، ބަލިވީ އެންމެ 12 މެޗުންނެވެ. މިފަހަރުގެ ޔޫރޯ މުބާރާތަކީ ކެކް ގެ އިރުޝާދުގެ ދަށުން ސްލޮވީނިއާ ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ.
ގުރޫޕުގައި އޮތް ފުރުސަތު
ސްލޮވީނިއާ ހިމެނުނީ އިސްގްލެންޑް، ޑެންކާމް އަދި ސާބިއާއާއި އެކު ގުރޫޕް ސީގައެވެ. މި ގުރޫޕަށް ބަލާއިރު، ސްލޮވީނިއާ ފިޔަވައި ދެން އޮތީ ފުޓްބޯޅައިގައި ނަން މަޝްހޫރު ޓީމުތަކެވެ. އެހެން ކަމުން ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް މި ގުރޫޕަކީ ސްލޮވީނިއާއަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވާނެ ގުރޫޕެކެވެ. މި ގުރޫޕުގެ ފޭވަރިޓުންގެ ގޮތުގައި ތަޖުރިބާކާރުން ބުރަވަނީ އިންގްލެންޑް އަދި ޑެންމާކަށެވެ.