English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ކަނޑުތޮށިލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ފެނުގެ ނިޒާމު ޤާއިމުކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ފަދަ މޫސުމީ ބަދަލުތަކުން ދަފަރާވުމަށް އިސްކަންދޭ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ރައީސް، ޑރ.މުހައްމަދު މުއިއްޒު ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ނައިބު ރައީސް އެމްބަރައޮސް ފަޔޮލްއާއި މަޝްވަރަކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ފަރާތުން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި ވޭތުވެދިޔަ އެތައް އަހަރެއް ކުރީއްސުރެ ޤާއިމްވެފައި މިއޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ދެބޭފުޅުންގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ރާއްޖޭގައި ކާމިޔާބުކަމާއެކު ހިންގޭނެ ގޮތްތަކުގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމާއި، ދުރާލާ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ހިޔާލުބަދަލުކުރައްވަމުންނެވެ.