ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ގައުމުތަކަށް ކަނޑުމަހުގެ ވިޔަފާރީގެ ދާއިރާގައި ބޮޑެތި ބައިނަލްއަގުވާމީ ކުންފުނިތަކާ ވާދަކުރުމަށް ދަތިތަކެއް ހުރިކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ފާހަގަކުރައްވައިފި އެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޭއްވުނު 18 ވަނަ އިންފޯ ފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ތަޤުރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފުޅާ ދާއިރާއެއްގައި ބައިނަލްއަގުވާމީ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކާ ވާދަކުރުމަށް ރާއްޖެ ފަދަ ގައުމުތަކުން މަސް މާކެޓަށް އުފެއްދުންތައް ވެއްދުމަށް ދަތިތަކެއް ހުރިކަމަށެވެ.
ނަމަވެސް، ކަނޑުމަހުގެ ވިޔަފާރީގެ ބާޒާރުގައި ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ގައުމުތަކުންނާއި ހުރިހާ ވިޔަފާރިވެރިންނަށް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ޝިޔާމް ވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ. އަދި މިކަން ހާސިލުކުރުމަށް މުޅި ދުނިޔޭގެ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
“މުޅި ދުނިޔޭގައިވެސް ކަނޑު މަހުގެ ވިޔަފާރީގެ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ކަށަވަރުކޮށްދީ، ހަމަހަމަ ޕްލެޓްފޯމެއް އުފެއްދުމަށް ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު މީ،” ޝިޔާމް ވިދާޅުވިއެވެ. މީގެ ތެރޭގައި ތަރައްޤީވަމުން އަންނަ ގައުމުތަކުން މަހުގެ އުފެއްދުންތައް މާކެޓަށް ވެއްދުމަށް ހުރި ހުރަސްތައް ނައްތާލުންވެސް ހިމެނެ އެވެ.
ރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަން ކުރާ ގައުމެއް ކަމަށްވާތީ، ބޮޑެތި ކުންފުނިތަކާ ވާދަކޮށް ބައިނަލްއަގުވާމީ ބާޒާރުގައި ހަރަކާތްތެރިވުމަށް ދަތިތަކެއް ހުރިނަމަވެސް ހަމަހަމަކަމާ އެކު މިކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ގޮވާލަމުން އަންނަ ކަން މިނިސްޓަރުގެ ވާހަކަފުޅުން ހާމަވެއެވެ.