ދައުލަތުގެ ދަރަނި މެނޭޖުކޮށް ހަރުދަނާކުރުމަށް ހާއްސަ ޤާނޫނެއް ހަދައި، ދަރަނި މެނޭޖުކުރާނެ އޮފީހެއް އުފެއްދުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ، ވޯލްޑް ބޭންކުން ރާއްޖެއާމެދު ތައްޔާރުކުރި “ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް” ރިޕޯޓާ ގުޅޭގޮތުން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސައިދު މުސްތަފާ ވާހަކަފުޅު ދައްކަވަމުންނެވެ.
“އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިދަނީ ޕަބްލިކް ޑެޓް މެނޭޖްމަންޓް ބިލެއް އެކުލަވާލުމުގެ މަސައްކަތުގައި. އެ ޤާނޫނު ފާސްވުމުން، ދަރަނި މެނޭޖުކުރާނެ ހާއްސަ އޮފީހެއް ގާއިމުކުރުމަށް ވަނީ ނިންމާފައި،” ސާއިދު ވިދާޅުވިއެވެ. އަދި ހުށަހަޅާ ބިލުގައި، ދަރަނީގެ ދެމެހެއްޓެނިވިކަން ރައްކާތެރި ކުރުމަށް ސަރުކާރުން ޢަމަލުކުރަންޖެހޭ ގަވާއިދުތައްވެސް ސާފުކޮށް ބަޔާންކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއާއެކު، ދަރަނި އަދާކުރުމަށް މިހާރު ގާއިމުކޮށްފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށްވެސް ޤާނޫނީ ރައްކާތެރިކަން ލިބޭނެ ގޮތަށް ޤާނޫނެއް ހަދަން ވަނީ ނިންމާފައެވެ.
“ސޮވަރިން ފަންޑު ބަލަހައްޓާނެ ގޮތާއި ފަންޑުން އިންވެސްޓްކުރާނެ އުސޫލުތައް ވެސް މި ޤާނޫނުގައި ކަނޑައެޅިގެންދާނެ،” ސާއިދު ފާހަގަކުރެއްވިއެވެ.
އިންވެސްޓްމަންޓްތަކާ ގުޅޭ ކަންކަން ބަލާނެ ހާއްސަ ކޮމިޓީއެއް ވެސް ޤާނޫނުގެ ދަށުން އުފެދިގެންދާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ދަރަންޏާ ގުޅޭ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމުގެ ގޮތުން މި ފިޔަވަޅުތައް އަޅުއްވަނީ ކަމަށް ސަރުކާރުން ބުނެއެވެ. ދަރަނި މެނޭޖްކުރާނެ ހާއްސަ ޤާނޫނެއް ގާއިމުކޮށް، ދަރަނި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަކީ ޤައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށާއި ފައިސާގެ ސިޔާސަތާ ދެމެހެއްޓެނިވި ތަރައްޤީއަށް ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެވެއެވެ.