އިނގިރޭސި އެފްއޭކަޕް ތަށި ލިބުނަސް އަދި ނުލިބުނަސް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން އެރިކް ޓެން ހާގް ވަކިކުރަން ނިމްމާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން ޓެން ހާގް ވަކިކުރުމަށް އެ ކުލަބުގެ މެނޭޖްމަންޓުން މިހާރުވަނީ ނިންމާފައިއެވެ.
ވޭތުވެދިޔަ ދެ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި ޓެން ހާގް މަގާމުން ވަކިކުރުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފައިވާއިރު، އެންމެ ފަހުން ނިމިގެން ދިއަ ސީޒަން ޔުނައިޓެޑުން ނިންމާލީ އަށް ވަނާގައި އޮވެގެންނެވެ. މިއީ 1990 ވަނަ އަހަރުގެ ފަހުން މިހާތަނަށް ޔުނައިޓެޑަށް މިހާ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހު ފުރަތަ ފަހަރެވެ. މިއާއި އެކު ޔުނައިޓެޑަށް ވަނީ ސަރަހައްދީ ބޮޑެތި މުބާރާތް ތައް، ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު، ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފުރުސަތު ގެއްލިފައެވެ.
ނާކަމިޔާބު ސީޒަނަކަށް ފަހު ޔުނައިޓެޑުގެ ކުރިމަގު ބަނަވެފައިވަކަމަށް ކުލަބުގެ މެނޭޖްމަންޓާއި ސަޕޯޓަރުން ބުނަމުން އަންނައިރު، ޓެން ހާގް އާއި އެކު ޔުނައިޓެޑަށް ދެން ކުރިމަގެއް ނެތް ކަމަށް ވެސް ކުލަބުން ދެކެއެވެ. އެހެންކަމުން ޔުނައިޓެޑްގެ ކޯއޯނަރު ސަރ ޖިމް ރެޓްކްލިފް އާއި އިނިއޯސް ވަނީ ޓެން ހާގް އަށް ދެން އިތުރު ފުރުސަތެއް ނުދޭން ނިންމާފައިކަމަށް ދަ ގާޑިއަން އިން ރިޕޯޓުކޮށްފައިވެއެވެ.
އަދި ޓެން ހާގްގެ ބަދަލުގައި ޔުނައިޓެޑަށް ދެން ގެންނާނެ ކޯޗުންގެ ނަންތައް ވެސް މިހާރު ވަނީ ޝޯޓްލިސްޓް ކޮށްފައިކަމަށާއި އެގޮތުން ޝޯޓްލިސްޓު ކުރި ނަންތަކުގެ ތެރޭގައި ތޯމަސް ޓޫޗެލް، މައުރީސިއޯ ޕޮޗެޓީނޯ، ކިއަރަން މެކެނާ، ތޯމަސް ފްރެންކް އަދި ގްރެހަމް ޕޮޓާ ހިމެނޭ ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.