English Edition
Dhivehi Edition

ޢިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެކަމަށާއި ޢިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ ޢިލްމާއި އާޚިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ ޢިލްމު ހިމެނޭކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ތަޢުލީމާއި ގުޅުވައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ ހަމަކަށަވަރުން ޢިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށާއި ޢިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ ޢިލްމާއި އާޚިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ ޢިލްމު ހިމެނޭކަމަށެވެ.

ޚުތުބާގައި ބުނީ ޢިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި ޢިލްމަކީ އަރަހުށި މާތް ﷲ ގެ އެއްކައުވަންތަކަން މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމުކަން ކަށަވަރުކަމަށާއި ޢިލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެއްކަމަށެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ ޢިލްމުވެރިންނަށް ތަޢުރީފުގެ ބަސް ވަޙީކުރައްވާފައި ވެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ” ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާމީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. ” ހަމަކަށަވަރުން، ﷲ، އެކަލާނގެ ފިޔަވައި (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި ތަދުބީރު ކުރެއްވުމުގައި) ޢަދުލުވެރިކަމާއިގެން އެކަލާނގެ ޤާއިމްވެ ވޮޑިގެންވެތެވެ. އެކަލާނގެ މެނުވީ (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވެތެވެ. (އެކަލާނގެއީ) ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ.” ޚުތުބާގައި ވެއެވެ.

ޚުތުބަގައި އިތުރަށް ބުނީ ޢިލްމު އުނގެނުމަށް ވަކި ޢުމުރެއް، ވަކި ޖިންސެއް ނޯންނަކަމަށާއި މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރާން ޖެހޭކަމަށެވެ.

އަދި މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭކަމަށާއި އެއީ، ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަމެއްކަމަށް ވެސް މިއަދުގެ ޚުތުބަގައި ބުނެފައިވެއެވެ.

ދަރިވަރުންނަށް ﷲ ގެ ރަޙުމަތުން ލިބިފައިވާ ފަދަ ތަޢުލީމީ ފުރުޞަތަކަށް އެދިއެދި ތިބި އެތައްހާސް ކުދިންނެއް ދުނިޔޭގައި އުޅޭކަން ފާހަގަކޮށް ދަރިވަރުންނަށް ލިބިފައިވާ ފުރުޞަތު ބޭކާރުކޮށްނުލައި، ﷲ ގެ ވާގިފުޅާއެކު ހިންމަތާއެކު މަސައްކަތްކޮށް، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ޢަޒުމް އައުކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައިއެވެ.