English Edition
Dhivehi Edition
ފޮޓޯ: ސްޕޯޓްސްބްރީފް

މިއީ ސްވިޓްޒަލޭންޑް ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ) ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ހަ ވަނަ ފަހަރެވެ. އެ ގައުމު އެންމެ ފުރަތަމަ ޔޫރޯގައި ވާދަކުރީ 1996 ވަނަ އަހަރު އިނގިރޭސިވިލާތުގައި ބޭއްވި މުބާރާތުގައިއެވެ. އަދި 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި މުބާރާތް، އަދި 2008 ވަނަ އަހަރު އަމިއްލަ ގައުމު ސްވިޒަލެންޑް އަދި އޮސްޓްރިއާގައި ބޭއްވި މުބާރާތުގެ އިތުރުން، 2016 ވަނަ އަހަރު ފްރާންސް ގައި ބޭއްވި މުބާރާތުގެ އިތުރުން އެންމެ ފަހުން 2020 ވަނަ އަހަރު ބޭއްވި މުބާރާތުގައި ވެސް ސްވިޒަލެންޑުން ވާދަކުރި އެވެ. ސްވިޒަލެންޑުން ޔޫރޯގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީވެސް އެންމެ ފަހުން ބޭއްވި މުބާރާތުގައެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅެ މުބާރާތުގެ ހަތްވަނަ މަގާމު އެޓީމުން ހޯދިއެވެ.

ކޮލިފައިވި ގޮތް

ޔޫރަޕްގެ ކޮލިފައިންގެ ގުރޫޕް އައިގައި ސްވިޓްޒަލޭންޑަށް ލިބުނީ ދެވަނަ އެވެ. އެއީ ކުޅުނު 10 މެޗުން 17 ޕޮއިންޓާއި އެކުގައެވެ. ކޮލިފައިންގައި 10 މެޗު ކުޅުނުއިރު، ބަލިވީ އެންމެ މެޗަކުންނެވެ. ހަތަރު މެޗު ކާމިޔާބުކުރިއިރު، ފަސްމެޗުން ވަނީ އެއްވަރުވެފައެވެ. އެއް ވަނަ ލިބުނީ ރޫމޭނިއާއަށެވެ. އެއީ 10 މެޗުން 22 ޕޮއިންޓު ހޯދައިގެންނެވެ.

ކޯޗު

މުރަތް ޔަކިން ވަނީ މީގެ ކުރިން ސްވިޓްޒަލޭންޑްގެ މަޝްހޫރު ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ބާސެލް އާއި ސިއޯންގެ އިތުރުން ގްރާސްހޫޕަސް އަދި ސުން ހިމެނެ އެވެ. އޭގެ އިތުރުން ރަޝިއާގެ ސްޕާޓަކް މޮސްކޯ އަށް ވެސް ކޯޗުކޮށްދިނެވެ. ބާސެލް އާއި އެކު ހޭދަކުރި ދެ ސީޒަންގައި އޭނާ ވަނީ ސްވިސް ސުޕަ ލީގް ދެފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ތުން އާއި އެކު އޭނާ ވަނީ ސްވިސް ޗެލެންޖް ލީގު ކާމިޔާބުކޮށްފައިއެވެ. ޔަކިން ވަނީ ސްވިސް ސުޕަ ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ދެފަހަރު ހޯދާފައިއެވެ. އޭގެ ފަހުން ޔަކިން ސްވިިޓްޒަލޭންޑްގެ ޓީމާ ހަވާލުވީ 2021 ވަނަ އަހަރުގައި އެވެ. ޔަކިންގެ ކޯޗު ކަމުގައި ސްވިޒަލެންޑް ވަނީ 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕަށް ވެސް ކޮލިފައިވެފައެވެ. އަދި އެ މުބާރާތުގެ ގަދަ 16 ވަނަ ބުރަށް ވެސް ސްވިޒަލެންޑް ވަނީ ދަތުރުކޮށްފައިއެވެ. މިފަހަރު ޖަރުމަނުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ޔޫރޯ ފުޓްބޯޅަ މުބާރާތައްވެސް ސްވިޒަލެންޑް ކޮލިފައިވެފައި ވާއިރު، މިއީ ޔަކިންގެ ކޯޗުކަމުގައި އެގައުމުން ވާދަކުރާ ދެވަނަ ބޮޑު މުބާރާތެވެ.

މުހިންމު ކުޅުންތެރިން

ޒެރްދާން ޝަކީރީ: ހުނަރުގެ ގޮތުން ބަލާއިރު، ޝަކީރީ އަކީ މި ވަގުތު ސްވިިޓްޒަލޭންޑްގެ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އަދި މޮޅު ކުޅުންތެރިޔާ އެެވެ. ޝަކީރީ ޔޫރަޕްގައި އެންމެ ފުރަތަމަ ވިދާލީ އެފްސީ ބާސެލްގަ އެވެ. އެ ޓީމުގައި އޭނާ ދެއްކި ކުޅުމާ އެކު، ބަޔާން މިއުނިކް އަށް ގެންދިޔަ އެވެ. އޭގެ ފަހުން އިންޓަ މިލާނަށް ކުޅުމަށް ފަހު، ސްޓޯކް ސިޓީއަށްވެސް އޭނާ ކުޅުނެވެ. އޭގެފަހުން ލިވަޕޫލްގެ އިތުރުން ލިޔޯންއަށް ވެސް ކުޅުނެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ އެމެރިކާ ލީގުގެ ޗިކާގޯ ފަޔާއަށެވެ. ޝަކީރީ 32، ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. އޭގެ ފަހުން މިހާތަނަށް 121 މެޗު ގައުމީ ޓީމަށް ކުޅެދީ 30 ލަނޑު ޖަހައިދީފައިވެއެވެ. ޝަކީރީ ވަނީ މީގެ ކުރިން ސްވިޒަލެންޑް ޓީމުގައި ހިމެނިގެން ތިން ވޯލްޑް ކަޕްގެ އިތުރުން ދެ ޔޫރޯގައި ކުޅެފައިއެވެ. މިފަހަރުގެ ޔޫރޯ އަކީ އޭނާގެ ތިންވަނަ މުބާރާތެވެ.

ގްރަނިޓް ޝާކާ: އާސެނަލްގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު މިހާރު ޖަރުމަނުގެ ޗެމްޕިއަން ބަޔާ ލެވަކޫޝަން އަށް ކުޅެމުން އަންނަ ޝާކާ އަކީ ސްވިޓްޒަލޭންޑް ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އަދި ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. ޝާކާ ފުރަތަމަ ވިދާލީ ޖަރުމަން ލީގުގަ އެވެ. އެގޮތުން ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަށް ކުޅުމަށް ފަހު، އާސެނަލް އަށް ބަދަލުވީ 2016 ވަނަ އަހަރެވެ. އޭގެ ފަހުން ބަޔާ ލެވަކޫޝަން އަށް އޭނާ ބަދަލުވީ ނިމިގެން ދިޔަ ސީޒަނުގައެވެ. ބަޔާ ލެވަކޫޝަންއާއި އެކު ޖަރުމަނު ލީގު ހޯދިއެވެ. ސްވިޓްޒަލޭންޑްގެ ޤައުމީ ޓީމަށް 2011 ގައި ކުޅެން ފަށައި މިހާތަނަށް 123 އަށް ވުރެ ގިނަ މެޗު ކުޅުނެވެ. އަދި 14 ލަނޑު ޖަހައިދީފައިވެއެވެ.

ގުރޫޕްގައި އޮތް ފުރުސަތު

މި ގުރޫޕްގެ ފޭވަރިޓަކީ ޖަރުމަން އެވެ. ޖަރުމަނުގެ ފަހަތުން ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރާނެ ކަމަށް ބެލެވެނީ ސްކޮޓްލެންޑާއި ސްވިޒަލެންޑެވެ. އެހެންކަމުން، ގުރޫޕްގައި އެޓީމަށް އޮތް ފުރުސަތު ކުޑަކަމަށް ނުބެލެވެއެވެ.