އެމެރިކާގެ 39 ވަނަ ރައީސް ޖިމީ ކާޓާ، އުމުރުން 100 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އެމަނިކުފާނުގެ އޮފީހުން އާދީއްތަ ދުވަހު ކަށަވަރުކޮށްދީފި އެވެ.
ކެންސަރުގެ އާލާސްކަންފުޅެއްގައި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކާޓާ ފަރުވާ ހޯއްދަވަމުން ވަޑައިގަތީ ޖޯޖިއާގެ ޕްލޭންސްގައި ހުންނަ ކާޓާގެ ގޭގައި އޮންނަވައިގެންނެވެ.
ކާޓާއަށް ސިކުނޑީގެ ކެންސަރު ޖެހިފައިވާކަން އިއުލާން ކުރީ 2015 ވަނަ އަހަރު ގައެވެ. އެކަމަކު ކާޓާ ވެފައިވަނީ އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުންނެވި ރައީސަށެވެ. އަދި އޭނާ އަކީ ސިއްހީ ހާލު ގޯސްވަންދެން ވެސް އަމަލީ ގޮތުން އެކި ކަންކަމުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
ކާޓަރ އަކީ 100 ވަނަ އުފަންދުވަސް ފާހަގަކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސެވެ.
ޖޯޖިއާގެ ރަށްފުށު ހިސާބަކުން ވަރަށް އާދައިގެ ދިރިއުޅުއްވުމަކުން އެމެރިކާގެ ރައީސްކަމަށް ވަޑައިގެން 1977 ވަނަ އަހަރުން ފެށިގެން 1981 ވަނަ އަހަރާ ހަމައަށް ކާޓާ ވަނީ ވެރިކަން ކުރައްވައިފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ކާޓަރަށް ވަނީ 2002 ވަނަ އަހަރު ސުލްހައިގެ ނޮބެލް އިނާމު ލިބިވަޑައިގެންފަ އެވެ.