English Edition
Dhivehi Edition
ފޮޓޯ: ގޯލް

މިވަގުތު ދުނިޔޭގެ ރޭންކިންގް 16 ވަނާގައި އޮތް، ޖަރުމަން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 1972 ވަނަ އަހަރު ބެލްޖިއަމްގައި ބޭއްވި މުބާރާތުގައެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލަށް ޖަރުމަން ދަތުރު ކުރިއިރު، އެ މުބާރާތުގެ ތަށި އެޓީމުން ނެގިއެވެ. ޖަރުމަނުން މިހާތަނަށް ޔޫރޯގެ 13 މުބާރާތެއްގައި ވާދަކޮށްފައިވާއިރު، ޖަރުމަނުން ހޯދާފައިވާ ކާމިޔާބީތައް ރަނގަޅެވެ. މިހާތަނަށް ޔޫރޯގެ 13 މުބާރާތެއްގައި ވާދަކުރި ޖަރުމަނުން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައެވެ. އެއީ 1972، 1980 އަދި 1996 ވަނަ އަރު ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަމެވެ. މިއީ ޔޫރޯ މުބާރާތުގައި އެ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މިފަހަރު އަމިއްލަ ގައުމުގައި ބާއްވާ ޔޫރޯ މުބާރާތަކީ ޖަރުމަނުގެ 14 ވަނަ މުބާރާތެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި ގަދަ ބާރެއްގެ ގޮތުގައި ބެލެވިފައިވާ ޖަރުމަނު ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ވެސް ހަތަރު ފަހަރު ހޯދާފައެވެ. އެޓީމުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވަނީ 1954، 1974، 1990 އަދި 2014 ވަނަ އަހަރުގައެވެ. އޭގެ ފަހުން 2017 ވަނަ އހަރު ރަޝިއާގައި އޮތް ފީފާ ކޮންފެޑެރޭޝަން ކަޕްގެ ޗެމްޕިއަންކަން ވެސް ޖަރުމަނުން ހޯދިއެވެ.

ކޮލިފައިވީ ގޮތް: މިފަހަރުގެ ޔޫރޯ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގައެވެ. އެހެން ކަމުން ޖަރުމަން މިފަހަރުގެ މުބާރާތުގައި ވާދަކުރާނީ ހޮސްޓު ޓީމުގެ ގޮތުގައެވެ. ކޮލިފައިން ނުކުޅެއެވެ.

މުހިންމު ކުޅުންތެރިން

ޖަރުމަނަކީ ތަރިންގެ ޓީމެކެވެ. ޔޫރަޕްގެ އެންމެ ބޮޑެތި ކްލަބުތަކުގައި ޖަރުމަން ކުޅުންތެރިންގެ ނުފޫޒު ގަދަ އެވެ. މިފަހަރު ޔޫރޯގައި ޖަރުމަންގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ބަޔާން މިޔުނިކްގެ މިޑްފީލްޑަރ ޖޯޝުއާ ކިމިޗް އަދި ރެއާލް މެޑްރިޑްގެ ޓޯނީ ކުރޫޒް އެވެ. ކޯޗް ނަގެލްމަން މިހާރު ކުޅުވާ އާ ސިސްޓަމްގައި ޓީމުގެ މެދުތެރެއިން މި ދެ ކުޅުންތެރިންގެ ދައުރު ފެންނަނީ ބޮޑުކޮށެވެ. ހާއްސަކޮށް ބަޔާން މިޔުނިކްގައި އޭނާއާ އެކު ކުޅެމުން ގެންދާ ޖަމާލް މުސިއާލާ އަދި ގުންޑޮގާލް ފަދަ ކުޅުންތެރިންގެ ކޮމްބިނޭޝަން އެކުވުމުން އިދިކޮޅު ޓީމުގެ ޑިފެންސް ހުޅުވަން ފަސޭހަ ވެގެންދެ އެވެ. އަދި އެ ދެކުޅުންތެރިންނާ އެކު ބަޔާން އަށް ކުޅެމުން އަންނަ އެލެގްޒެންޑަރ ޕަވްލޮވިޗް ވެސް އެޓޭކިންގައި މުހިންމު ދައުރެއް އަދާ ކުރެ އެވެ. ޚާއްސަކޮށް ލިއޮރޭ ސާނޭ އަދި ކައި ހަވަޓްޒްގެ ދައުރު ވެސް މިފަހަރު ޔޫރޯގައި ބޮޑުވާނެ އެވެ.

ޖަރުމަންގެ ކޮންމެ މަގާމަކީ ވޯލްޑް ކްލާސް ކުޅުންތެރިން ތިބި ޑިޕާޓްމެންޓްތަކެވެ. މިޑްފީލްޑްގައި، ރެއާލް މެޑްރިޑްގެ މިޑްފީލްޑާ ޓޯނީ ކްރޫޒް، އާސެނަލްގެ ފޯވަޑް ކައި ހަވާޓްޒް އަދި ބާސެލޯނާގެ މިޑްފީލްޑާ ގުންޑޮގަން އެވެ. ޑިފެންސްގައި، އެންޓޯނިއަން ރޫޑިގާ އާއި ނިކޯ ޝްލޮޓަރބެކްއެވެ. ޑިފެންސިވް މިޑްފީލްޑަށް އާންމުކޮށް ކުޅޭ، ޔޯސުއާ ކިމިކް އަކީ ކަނާތު ބެކަށް ވެސް މޮޅަށް ކުޅޭ ކުޅުންތެރިޔެކެވެ. ގޯލް ކީޕަރުންގެ ގޮތުގައި ދުނިޔޭގެ ފެންވަރުގެ ދެ ކީޕަރުން ކަމަށްވާ، ކެޕްޓަން މެނައުލް ނޯޔާ އަދި ބާސެލޯނާގެ މާކް އެންޑްރޭ ޓާ ސްޓެގަން އެވެ.

ކޯޗު

މިފަހަރު ޔޫރޯ އަށް ނުކުންނައިރު، ޖަރުމުނެ ކޯޗުކަމުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި އެއް ކޯޗު، ޖަރުމަންގެ ކޯޗު، ލޯ ނުފެންނާނެއެވެ. ގައުމީ ޓީމުގައި މެދުކެނޑުމެއް ނެތި އޭނާ 17 އަހަރު މަސައްކަތްކުރިއެވެ. ނަމަވެސް ފަހަކަށް އައިސް އޭނާގެ ކޯޗުކަމުގައި ޖަރުމަނުން ނެރެމުން އައި ދައް ނަތީޖާތަކުގެ ސަބަބުން މަގާމުން ވަކިކުރީއެވެ. މިހާރު ޖަރުމަނުގެ ކޯޗުގެ މަގާމުގައި ހުރީ ޖޫލިއަން ނަގެލްސްމަންއެވެ. ލޯ މަގާމުން ވަކިކުރުމަށް ފަހު ނަގެލްސްމަން ކޯޗުކަމަށް ހަޖެއްސީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ގައެވެ. ނަގޭލްސްމަން މަޝްހޫރުވެފައިވަނީ ފޯމޭޝަންތަކާއި ޕޮސިޝަން ބެލެހެއްޓުމާއި ޓެކްޓިކްސް ތައް ރޭވުމުގައި މޮޅު ކޯޗެއްގެ ގޮތުގަ އެވެ. ނަގެލްމަން ވެފައިވަނީ މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި ހުރި އެންމެ މޮޅު ޒުވާން އެއް ކޯޗުގެ ގޮތުގައެވެ. ނަގެލްސްމަން އާއި އެކު ޖަރުމަނުން އަދި ވާދަވެރި މުބާރާތެއް، މެޗެއް ނުކުޅެއެވެ. އެކުވެރިކަމުގެ ހަ މެޗެއް ކުޅެފައިވެއެވެ. ނަތީޖާތައް ގޯހެއްނޫނެވެ. އޭނާގެ ކޯޗުކަމުގައި ޖަރުމަން މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ބަލކިވ އެންމެ ދެ މެޗުންނެވެ. އެއްމެޗުން ވަނީ އެއްވަރުވެފައެވެ.

ޖަރުމަނުގެ ކާމިޔާބީތައް:

ވޯލްޑް ކަޕް: 20 ވޯލްޑްކަޕް ގައި ކުޅެފައިވޭ، އޭގެތެރެއިން 1954، 1974، 1990 އަދި 2014 ޗެމްޕިއަންކަން ހޯދި.

ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ): 13 ޔޫރޯގައި ކުޅެފައިވޭ، އޭގެ ތެރެއިން 1972، 1980 އަދި 1996 ގައި ޗެމްޕިއަންކަން ހޯދި.

ފީފާ ކޮންފެޑެރޭޝަންކަޕް: ތިން މުބާރާތެއްގައި ކުޅެފައިވޭ، އޭގެ ތެރެއިން 2017 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި.

ސަމަރ އޮލިމްޕިކް ގޭމްސް: 13 ފަހަރު ވާދަކުރި، އޭގެތެރެއިން 1976 ގައި ގޯލްޑް މެޑަލް ހޯދި.

ގުރޫޕް އޭގައި ޖަރުމަނުގެ އިތުރުން ދެން ހިމެނެނީ ސްކޮޓްލަންޑް، ހަންގޭރީ އަދި ސްވިޒަލެންޑްއެވެ. މި ގުރޫޕަކީ ޖަރުމަނަށް މާ އުނދަގޫ ގުރޫޕެއްކަމަށް ނުބެލެވެއެވެ.