English Edition
Dhivehi Edition
މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް

ބަހުސްތަކުގެ ބޭނުން ދަރިވަރުންގެ ފިކުރީ ހުނަރުވެރިކަން އިތުރުކުރުމަށް ބޭނުންކުރަން ޖެހޭނެކަމަށް ދިވެހި ބަހާއި ތަރިކައާއި ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ބަހުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ބަހުސްތަކުން ދަރިވަރުންގެ ފިކުރީ އުދަރެސް ތަނަވަސްވެ، އީޖާދުތަކާއި އުފެއްދުންތެރިކަން އުފެދޭނެކަމަށް މިނިސްޓަރު ފާހަގަކުރައްވިއެވެ.

“ތަފާތު ޢިލްމީ ދާއިރާތަކާ ގުޅޭ މައްސަލަތަކާމެދު ބަހުސްކޮށް މާދަމާއަށް ރަނގަޅު ގޮތްތައް ހޯދުމަކީ ބަހުސްތަކުގެ މައިގަނޑު މަޤްޞަދު,” ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ބަހުސްތަކުގައި ކޮންމެ ފަހަރަކު ވެސް އެ ވަގުތަކަށް ހުރި އެންމެ މުހިއްމު މައްސަލަތައް ގެނައުމަށާއި، ބަހުސްކުރާ ގޮތްތައް އިތުރަށް ތަރައްޤީކޮށް، ބުއްދީގެ ތެރެއިން ބަހުސްކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

ރާއްޖޭގެ ހުރިހާ ކޮލެޖާއި ޔުނިވަރސިޓީތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ ބަހުސްގައި ވާދަކުރަނީ ކުރީގެ އަހަރުތަކުގައި ބަހުސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެ ޓީމް ކަމުގައިވާ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއެވެ. މި ބަހުސް މުބާރާތް މިއަދުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.