English Edition
Dhivehi Edition

މުވާސަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނކިފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހާއި ގުޅިގެން ކުރެއްވި ފޯސްޓެއްގައެވެ.

އެ ފޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުވާސަލްތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލައި، ދިވެހީންގެ ހުނަރާއި އުފެއްދުންތަކަށް ދުނިޔޭގެ މާރުކޭޓުތަކުން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދެއްވާނެކަމަށެވެ.

މާލީ މުޢާމަލާތްތަކާއި އީޖާދީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން މިދިޔަ މާޗުމަހު ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، ޑިޖިޓަލް ވޮލެޓު ހިމެނޭހެން އޮންލައިންކޮށް ފައިސާ ޓްރާންސްފަރކުރެވޭ ޕްލެޓްފޯމްތަކުން މުޢަމަލާތުކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހަމަޖައްސަފައެވެ.

މީގެއިތުރުން ރާއްޖެއަށް އީ-ވޮލެޓުގެ ޚިދުމަތް ތައާރަފުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މި ވޮލެޓާއެކު ޕޭޕާލް ފަދަ ޚިދުމަތްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތަކަށް މަގުފަހިވެގެންދާނެއެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކަމުގައިވާ ގޫގުލް، މައިކްރޯސްފޮޓް، އެމޭޒަން އަދި އައި.ބީ.އެމް ފަދަ ކުންފުނިތަކުގެ ސްޓޮކްސް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ގަނެ ވިއްކޭނެ މަގު ފަހި ކޮށްދިނުމުގެ އިތުރުން ފޮރެކްސްޓްރޭޑިންގް އާއި ކްރިޕްޓޯ ކަރެންސީ ޕްލެޓްފޯމްތަކަށް ފަސޭހައިން އެކްސެސް ލިބި، އެ ޕްލެޓްފޯމްތައް ވެދުވެރިކޮށް ދިވެހިންނަށް ޓްރޭޑް ކުރެވޭނެގޮތް ހަމަޖައްސައިދިނުމަކީވެސް އަދުގެ ސަރުކާރުގެ ވަޢުދެކެވެ.