English Edition
Dhivehi Edition
އެންއީއޯސީގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

މީޑިއާތަކަށް އިންޒާރުދޭ މައްސަލަ ތަހުގީހުކުރަން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭގެ ބައެއް ޓީވީ ޗެނަލްތަކަށް ގެއްލުންދޭން އުޅުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފި އެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ކާކުކަން ނޭނގޭ މީހަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ޗެނަލް 13 އާއި ރާއްޖެ ޓީވީއަށް އިންޒާރު ދިން މައްސަލައާ ގުޅިގެންނެވެ. އެގޮތުން މި ދެ ޗެނަލަށް ނޭދެވޭ އަމަލުތައް ހިންގުމުގެ އިންޒާރު ސީދާކޮށް ދީފައިވާތީ، މިއީ ވަރަށް ބޮޑު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލެވޭ ކަމުގައި ފުލުހުން ބުންޏެވެ.

މީޑިއާތައް މިނިވަންކަމާއެކު ހިންގުމަށް ހުރަސްއަޅާ، ނުވަތަ މަސައްކަތްކުރާ ފަރާތްތަކަށް ނުރައްކާ އުފެދޭ ފަދަ ނޭދެވޭ އަމަލުތައް ހިންގުމަކީ ޤާނޫނު އަސާސީން ކުށްވެރިކުރާ ކަމެއް ކަމަށާއި، މިފަދަ ޢަމަލުތައް ހުއްޓުވުމަކީ ފުލުހުންގެ އިސް ޒިންމާއެއް ކަމުގައި ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ސައިބާ ކްރައިމް އަދި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރު ވަނީ ތަހުގީގުތައް ފަށާފަ އެވެ. އަދި މި ޢަމަލު ހިންގި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ބޭނުންވާ ހެކިތައް ހޯދާ، ތުހުމަތުކުރެވޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

“މިއީ މިނިވަން މުއައްސަސާތަކާއި، އަދި އެތަންތަނުގައި މަސައްކަތްކުރާ ފަރުދުންނަށް ބިރުދެއްކުމުގެ މައްސަލައެއް. މިފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުން އަޅުގަނޑުމެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން،” ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވި އެވެ.

ރާއްޖޭގެ މުއައްސަސާ ތަކުގައި މިނިވަންކަމާއެކު މަސައްކަތްކުރުމުގެ މާހައުލު ރައްކާތެރި ކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް މި ފުރުސަތުގައި ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. ޤާނޫނު ތަންދޭ މިންވަރަކުން ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރަމުންދާކަމަށް ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

,