English Edition
Dhivehi Edition

ސައުދީ ކިންގްސް ކަޕް ސެމީފައިނަލް މެޗުގައި އަލް އިއްތިހާދް އަދި އަލް ހިލާލް ބައްދަލުކުރާ ފޯރިގަދަ މެޗު މިރޭ ކުޅޭނެއެވެ.

މިރޭ މި ދެޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީން ވާއިރު، ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރާ ޓީމެއް އެނގިގެން ދާނީ މާދަމާ ރޭ އަލް ނަޞްރު އަދި އަލް ޚަލީޖް ބައްދަލުކުރާ ސެމީގެ ދެވަނަ މެޗަށް ފަހުގައިއެވެ.

އަލް އިއްތިހާދް އަދި އަލް ހިލާލް މިރޭގެ ކުރިމަތިލުމަށް ނުކުންނައިރު، މި ދެޓީމު ވަނީ މިދިޔަ އަހަރުގެ ކިގްސް ކަޕްގެ ސެމީގައި ވެސް ބައްދަލުކޮށްފައިއެވެ. އެފަހަރު ސެމީ ގައި އަލް ހިލާލް އާއި ބައްދަލުކޮށް އިއްތިހާދް ބަލިވެފައި ވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

އޭގެ ފަހުން މި ދެޓީމު ވަނީ މި އަހަރު ކުޅެވުނު ސައުދީ ސުޕަ ކަޕް ފައިނަލުގައި ބައްދަލުކޮށްފައެވެ. މި މެޗު ވެސް 1-4 ގެ ނަތީޖާއަކުން ކާމިޔާބު ކޮށް ސުޕަކަޕް ތަށި ނެގީ ހިލާލް އިންނެވެ.

މި ސީޒަނުގެ އޭއެފް ސީ ޗެމްޕިއަންސް ލީގުގެ ދެ މެޗެއް ގައި މި ދެޓީމު ބައްދަލުކުރިއެވެ. ހޯމްއަވޭ އުސޫލުން ކުޅުނު މި ދެމެޗުގެ ތެރެއިން އެއްވެސް މެޗަކުން އިއްތިހާދަށް މޮޅެއް ހޯދިފައެއްނުވެއެވެ.

ސައުދީ ލީގުގައި ވެސް މި ސީޒަނުގައި މި ދެޓީމު ފަސް ފަހަރެއްގެ މަތިން ބައްދަލުކުރިއިރު، އޭގެ ތެރެއިން ހަތަރު މެޗު ހިލާލް އިން ކާމިޔާބު ކުރިއިރު، އެއް މެޗު ވަނީ އެއްވަރުވެފައެވެ.

އެހެން ކަމުން މުޅި ޖުމުލަކޮށް ބަލާއިރު، އަލް އިއްތިހާދަކީ ހިލާލް އަށް ވުރެ އެތައް ގޮތަކުން ބަލިކަށި ޓީމެކޭ ބުމުގެ ފުރުސަތު އެބައޮތެވެ. އިއްތިހާދަކީ ވެސް ޔޫރަޕްގެ ބޮޑެތި ކުލަބުތަކަށް ކުޅެ ތަޖުރިބާ ލިބިފައިވާ މަޝްހޫރު ގިނަތަރިންތަކެއް ވެސް ހިމެނޭ ޓީމެކެވެ. އެގޮތުން ކަރީމް ބެންޒެމާ، އެންގޯލޯ ކާންޓޭ ފަދަ ކުޅުންތެރިން ތިމި ނަމަވެސް އެޓީމަށް ވާދަވެރި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނުނެރެވެއެވެ.

އަލް އިއްތިހާދް އަދި އަލް ހިލާލް ބައްދަލުކުރާ ކިންގްސް ކަޕް ސެމީ ފައިނަލުގެ މި މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން 11:00 ގައެވެ.