English Edition
Dhivehi Edition
ފޮޓޯ: ގޯލް

ދުނިޔޭގެ އެންމެ ދުވަސްވީ ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ސްކޮޓްލެންޑް ޔޫރޯގައި މިހާތަނަށް ވާދަކޮށްފައި ވަނީ އެންމެ ތިން ފަހަރު އެވެ. ސްކޮޓްލެންޑް އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 1992 ވަނަ އަހަރު ސްވިޑަންގައި ބޭއްވި މުބާރާތުގައެވެ. އޭގެ ފަހުން ޔޫރޯގައި އެ ޓީމު ކުޅުނީ 1992 ވަނަ އަހަރާއި 1996 ވަނަ އަހަރުގެ އިތުރުން އެންމެ ފަހުން ކުޅެވުނު 2020 ވަނަ އަހަރުގެ ޔޫރޯގައެވެ. ތިން ފަހަރު ވެސް މުބާރާތުން އަލްވަދާއުކީ ފުރަތަމަ ބުރުންނެވެ. މިއީ ސްކޮޓްލެންޑް ޔޫރޯގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި، ސްކޮޓްލޭންޑަށް މިހާތަނަށް މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެ އެވެ. ވޯލްޑް ކަޕްގައި އަށް ފަހަރު އެ ގައުމު ވާދަކުރި ނަމަވެސް، ކޮންމެ ފަހަރަކު ވެސް މުބާރާތް ނިންމާލަނީ ފުރަތަމަ ބުރުންނެވެ. ވޯލްޑް ކަޕެއްގައި އެންމެ ފަހުން ސްކޮޓްލެންޑް ކުޅުނީ 1998 ވަނަ އަހަރު އެވެ.

ކޮލިފައިވި ގޮތް:

ކޮލިފައިންގެ ގުރޫޕް ސްޓޭޖުގެ ގުރޫޕް އޭގައި ސްކޮޓްލޭންޑަށް ލިބުނީ ދެ ވަނަ އެވެ. ސްޕެއިން އާއި ނޯވޭ ހިމެނުނު ގުރޫޕްގައި، ސްކޮޓްލޭންޑުން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. ސްކޮޓްލެންޑް ދެ ވަނަ ހޯދީ ކުޅުނު އަށް މެޗުން 17 ޕޮއިންޓާ އެކު އެވެ. ސްކޮޓްލަންޑް ދެވަނާގައި ކޮލިފައިން ބުރު ނިންމާލިއިރު، އެއްވަނައިގައި 21 ޕޮއިންޓާ އެކު ކޮލިފައިން ނިންމާލީ ސްޕެއިން އެވެ.

މުހިންމު ކުޅުންތެރިން:

އެންޑްރޫ ރޮބަޓްސަން

ސްކޮޓްލެންޑްގެ ކެޕްޓަން އޭންޑްރޫ ރޮބަޓްސަން އަކީ ފާއިތުވި ދެ ތިން އަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. ލިވަޕޫލަށް ކުޅެމުން އަންނަ ރޮބަޓްސަން އަކީ ސްކޮޓްލެންޑްގެ ޓީމަށް މުހިންމު ކުޅުންތެރިއެކެވެ. އެސްޓަން ވިލާގެ މިޑްފީލްޑަރު ޖޯން މިގިން އަކީ ސްކޮޓްލެންޑްގެ މުހިންމު ކުޅުންތެރިއެކެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ބޮޑެތި ކްލަބުތަކުން ވެސް މިގިން އަށް ޝައުގުވެރިވާ ކަމަށް އަޑުފެތުރިފައިވާއިރު، މި އަހަރުގެ ޔޫރޯގައި ވެސް މިގިންގެ މުހިންމުކަން ސްކޮޓްލެންޑަށް ބޮޑެވެ. ސްކޮޓްލެންޑްގެ މެދުތެރެއިން، މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނޭ އަކީވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. އުމުރުން 27 އަހަރުގެ މެކްޓޮމިނޭ އަކީ މެދުތެރެއިން ވަރުގަދަ ކުޅުމެއް ކުޅޭ، ހުނަރުވެރި ކުޅުންތެރިއެކެވެ. އެކަން އޭނާ އަންނަނީ ޔުނައިޓެޑުގައިވެސް ސާބިތުކޮށްދެމުންނެވެ. ޓޮމިނޭ އަކީ މުހިންމު ދަނޑިވަޅުގައި ލަނޑު ޖެހުމަށް ވެސް މޮޅު ކުޅުންތެރިއެކެވެ. ޔޫރޯ ކޮލިފައިންގައިވެސް ސްކޮޓްލަންޑަށް އެންމެ ގިނަ ލަނޑު ޖަހައިދީ ރެކޯޑް ހަދާފައިވަނީ އޭނާއެވެ.

މެކްޓޮމިނޭ

ސްކޮޓްލެންޑްގެ އެޓޭކްގައި އެންމެ ފާހަގަކޮށްލެވެނީ ސްކޮޓްލަންޑް ލީގުގެ ހާޓް އޮފް މިޑްލޮތީއަން އަށް ކުޅޭ ލޯރެންސް ޝެންކްލެންޑް އެވެ. ގޯލާއި ރައްޓެޖި އުމުރުން 28 އަހަރުގެ ލޯރެންސް ޝެންކްލެންޑް އަކީ މި އަހަރުގެ ޔޫރޯގައި ސްކޮޓްލެންޑް އިން ގޯލު ޖެހުމުގައި އެންމެ ބޮޑަށް ބަރޯސާވާނެ ކުޅުންތެރިޔާއެވެ.

ކޯޗު

ކޯޗު ސްޓެފަން ކްލާކް

ސްކޮޓްލެންޑްގެ ކޯޗު ސްޓެފަން ކްލާކަކީ ތަޖުރިބާކާރު ކޯޗެކެވެ. ސްކޮޓްލެންޑަށް ނިސްބަތްވާ ކްލާކް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކްލަބުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ނިއުކާސަލް ޔުނައިޓަޑާއި ލިވަޕޫލް ހިމެނެ އެވެ. ސްކޮޓްލެންޑްގެ ކޯޗުކަމާ 2019 ވަނަ އަހަރު ހަވާލުވުމުގެ ކުރިން އޭނާ މަސައްކަތްކުރީ ސްކޮޓްލެންޑްގެ ކިލްމަރްނޮކްގެ ކޯޗަކަށެވެ. މިފަހަރުގެ ޔޫރޯ މުބާރާތަކީ ސްލާކްގެ ކޯޗުކަމުގައި ސްކޮޓްލަންޑް ވާދަކުރާ ދެވަނަ ބޮޑު މުބާރާތެވެ.

ސްކޮޓްލެންޑަށް ޖެހިޖެހިގެން ދެ މުބާރާތުން ޖާގަ ލިބުމަކީ ކްލާކަށް ލިބުނުނު ބޮޑު ކާމިޔާބެކެވެ. ނަމަވެސް އުނދަގޫ މަސައްކަތް އަދި ކުރިއަށް އޮތީ އެވެ. ޔޫރޯގެ ގުރޫޕް ސްޓޭޖުން ސްކޮޓްލެންޑް ދެވަނަ ބުރަށް ދަތުރުކޮށްފި ނަމަ، އެއީ ސްކޮޓްލެންޑަށް ލިބޭނެ ބޮޑު ކާމިޔާބެކެވެ. އެކަން މިފަހަރުގެ މުބާރާތުން ހާސިލް ކުރެވޭނޭ ކަމުގައި ކޯޗު ކްލާކް ވަނީ ބުނެފައެވެ.

މިފަހަރުގެ ޔޫރޯ މުބާރާތުގައި ސްކޮޓްލަންޑް ލައްވާލީ މުބާރާތް ބާއްވާ ގައުމު ޖަރުމަނާއި، ހަންގޭރީ އަދި ސްވިޒަލެންޑާއި އެކު ގުރޫޕް އޭގައޮއެވެ. މި ގުރޫޕަކީ ސްކޮޓްލެންޑަށް ދެވަނަ ބުރަށް ދިއުމަށް އެހާ ފަސޭހަ ގުރޫޕަކަށް ނުވާނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސްކޮޓްލެންޑު ބައްދަލުކުރަން ޖެހެނީ ހޮސްޓް ގައުމު ޖަރުމަނާއެވެ. ސްކޮޓްލެންޑް އަދި ޖަރުމަން ބައްދަލުކުރާ މި މެޗު ކުޅޭނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން މެންދަމު 12:00 ގައެވެ.