English Edition
Dhivehi Edition

ޖަރުމަން ލީގުގައި މާބޮޑު ތަފާތުތަކެއް ނުދެއްކުނު ނަމަވެސް ބަޔާން މިއުނިކަކީ ޗެމްޕިއަންސް ލީގަށް ވަރަށް ވަރުގަދަ އަދި އެހާމެ ނުރައްކާތެރި ޓީމެއް ކަމަށާއި މިރޭގެ މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ޖަރުމަނުގެ އެލިއާންޒް އެރީނާގައި ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން އެންޗެލޯޓީ ބުނީ އަމިއްލަ ލީގުގައި ބަލިކަށިކޮށް ފެނުނު ނަމަވެސް ޗެމްޕިއަންސް ލީގުގައި އެޓީމު އަބަދަުވެސް ފެންނަނީ ވަރަށް ނުރައްކާތެރި އަދި އެހާމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި މިރޭގެ މެޗު ފަސޭ ނުވާނޭކަމަށާއި މި މެޗު ފަސޭކޮށް ނުލާނޭކަމަށެވެ.

“މި ސީޒަނުގައި ޖަރުމަނު ލީގުގައި ބަޔާން އެހާ ރަނގަޅެއްނޫން. އެކަމަކު ޗެމްޕިއަންސް ލީގުގައި އެމީހުން ވަރަށް މޮޅު. ވަރަށް ތަފާތު. އެކަން އެމީހުން ވަނީ ސާބިތުވެސް ކޮށްދީފަ. އެހެންކަމުން އަހަރުމެން މިރޭގެ މެޗު ފަސޭހަކޮށް ނުލާނަން.” އެންޗެލޮޓޯ ބުނެފައިވެއެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ފާހަގަކުރެވިފައިވާ ރެއާލް މެޑްރިޑް ވަނީ މީގެ ކުރިން މި މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފައެވެ. އެންޗެލޯޓީ އަކީ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރެއިން އެއް ކޯޗެވެ. އޭނާ ވަނީ ހަތަރު ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.

މި މެޗަށް ނުކުންނައިރު އެންޗެލޯޓީ ބުނީ އޭނާގެ ޓީމު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެ، މެޗުން މޮޅުވުމަށް ރަނގަޅު ރޫހެއްގައި ކަމަށާއި ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ރަނގަޅު ނަތީޖާއެއް ހޯދުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގު މިރޭ ބަޔާންގެ އޭލިއެންސް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.