English Edition
Dhivehi Edition

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ، މި ސީޒަން ނިމުމުން އެ ކުލަބު ދޫކޮށްލަން ނިންމާފައިވާކަން އޭނާ ހާމަކޮށްފި އެވެ.

މި ސީޒަނަށް ފަހު ކުލަނު ދޫކޮށްލާނެކަން ރަސްމީކޮށް ހާމަކުރަމުން ސިލްވާ ބުނީ، ސީޒަން ނިމުމުން ޗެލްސީ ދޫކޮށްލަން އޭނާ ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް، ކުލަބު ދޫކޮށް މި ދަނީ ކޮންމެ ވެސް ދުވަހަކުން އެނބުރި ޗެލްސީ އަށް އާދެވޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.

ސިލްވާ ބުނި ގޮތުގައި އޭނާ ޗެލްސީ ދޫކޮށް ދިޔަ ނަމަވެސް ވިސްނުން ހުރީ، ޓެކްނިކަލް ޓީމުގައި ހިމެނިގެން ކޮންމެ ވެސް ދުވަހަކުން ޗެލްސީ އަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އޭނާ ބުނީ ޗެލްސީ އަކީ މިހާރު އޭނާގެ އަމިއްލަ އާއިލާގެ ބައެއް ކަމަށާއި އާއިލާއެއް ފަދަ ގާތް ގުޅުމެއް އޮތް ޗެލްސީ އާއި ކުލަބުގެ ސަޕޯޓަރުން ދޫކޮށްލާފަ ދިނުމަކީ ހިތަށް އެހާ ފަސޭހަކަމެއްވެސް ނޫންކަމަށެވެ.

ސިލްވާ ބުނީ އޭނާ ޗެލްސީއާއި ގުޅުނީ އެންމެ އަހަރަކަށް ކަމަށާއި ނަމަވެސް އެއް އަހަރު ހަތަރު އަހަރަށް ބަދަލުވެގެން ގޮސްފައިވާކަމަށެވެ. އަދި އެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުލަބާއި އެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދިފައިވާކަން އޭނާ ފާހަގަކުރިއެވެ. އަދި ޗެލްސީ އަކީ އޭނާގެ އަމިއްލަ އާއިލާގެ ބައެއް ކަމަށް ސިލްވާ ވަނީ ބުނެފައެވެ.

ސިލްވާ ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޗެލްސީން ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ސިލްވާ އަށް އައު އެއްބަސްވުމެއް ވެސް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އެ އެއްބަސްވުން ސިލްވާ ޤަބޫލު ނުކުރީ ވެސް، ސީޒަން ނިމުމުން ކުލަބު ދޫކޮށްލަން ބޭނުންވާތީ އެވެ.

ސިލްވާ، ޗެލްސީ ދޫކޮށްލަން ނިންމާފައިވާއިރު ބްރެޒިލްގެ ފްލުމިނެންސޭ އިން އޭނާ ހޯދަން ޝައުޤުވެރިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެ ކުލަބުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން މީގެ ކުރިން ވެސް ފާޅުކޮށްފައިވާ ކަމަށާއި، އެ ކުލަބުން އޮތީ އޭނާ އަށް ހުށަހެޅުން ހުށަހަޅަން ތައްޔާރަށް ކަމަަށް ވެސް ސިލްވާ ބުނެފައިވެ އެވެ.

ޗެލްސީގައި ހޭދަކުރި ހަތަރު އަހަރުގައި އޭނާ ވަނީ އެ ކުލަބަށް، 151 މެޗު ކުޅެދީ ނުވަ ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕެއް ހޯދާފައިއެވެ.