English Edition
Dhivehi Edition
މިރޭ އޮންނަ އަހާ ފޯރަމުގައި ބައިވެރިވާ ވަޒީރުން

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނާއި ސަރުކާރާ ދެމެދު ވާހަކަދެއްކުމުގެ ފުރުސަތު ހުޅުވާލުމަށް ބާއްވަމުންދާ “އަހާ” ފޯރަމުގެ ތިންވަނަ ދަނޑިވަޅު މިރޭ އޮންނާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިރޭ ރޭގަނޑު 8:30 ގައި މި ފޯރަމް ފެށުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުގެ ފަސް ވުޒާރާގެ ވަޒީރުން މި ފޯރަމްގައި ސީދާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އަދި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ހިމެނިވަޑައިގަންނަވައެވެ.

“އަހާ” ފޯރަމަކީ ރައްޔިތުންނާއި ސަރުކާރާ ދެމެދު ހާމަކަން ބޮޑު ގޮތެއްގައި މުޢާމަލާތްކުރުމަށް ރައީސް މުޢިއްޒު އިސްނަންގަވައިގެން ފަށުއްވާފައިވާ ޕްލެޓްފޯމެކެވެ. މި ފޯރަމްތަކުގެ ބޭނުމަކީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމާއި ރައްޔިތުން ކަންބޮޑުވާ ކަންކަމާ ގުޅޭގޮތުން ސުވާލުކޮށް، ވަޒީރުން ސީދާ ޖަވާބުދެއްވުމުގެ ފުރުސަތު ލިބިދިނުމެވެ.

މި ފޯރަމްގައި ރައްޔިތުންނަށް ބޭނުންވާ ސުވާލުތައް ކުރެއްވުމަށް އެސްއެމްއެސް މެދުވެރިކޮށް ފުރުސަތު ހުޅުވާލެވިފައިވެއެވެ. އަދި ސީދާ ފޯނުން ގުޅައިގެން ވެސް ސުވާލުކުރެވޭނެއެވެ.

ކޮންމެ ދެ މަހުން އެއްމަހު މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ތިން މަހުން އެއްމަހު ރައީސް މުޢިއްޒު ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބުދެއްވާނެކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

“އަހާ” ގެ ފުރަތަމަ ދެ ފޯރަމް ވެސް ވަނީ ކާމިޔާބު ގޮތެއްގައި ބާއްވާފައެވެ. މިފަދަ މުހިންމު ފޯރަމްތައް ބޭއްވުމުގެ މަޤްސަދަކީ ރައްޔިތުންގެ އަޑު އިއްވުމާއި ސަރުކާރުގެ މަސައްކަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ހިއްސާކޮށް، ދެފުށް ފެންނަ ވެރިކަމެއް ކުރުމެވެ. މިރޭގެ ފޯރަމް ވެސް ރާއްޖޭގެ ޓީވީތަކާއި އަދި ރޭޑިއޯ މެދުވެރިކޮށް ގެނެސް ދޭނެއެވެ.