English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ދިވެހި ފުލުހުންގެ ދައުރަކީ މުހިންމު ދައުރެއްކަމަށާއި، އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

“މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ”ގެ ދެވަނަ ދައުރު އިފްތިތާހުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ މުހިންމު ދައުރެއްކަމަށާއި، އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު މުހިންމު ކަމަށެވެ. އަދި އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އެކި ޚިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި، ބައިވެރިވުމާއި، އެ ފުލުހުންގެ އިސްކަން ވަރަށް މުހިންމުކަމަށާއި އަދި ރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރައްވާ މުހިންމު ދައުރަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ޤައުމުގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާ ކުރާ ދައުރާމެދު ފަޚުރުވެރިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ އަނބިކަނބަލުން ވިދާޅުވީ އަންހެނުން ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުން މުހިންމުކަމަށާއި، ކަނބަލުންގެ ޤާބިލުކަން އިތުރުވި ވަރަކަށް މުޖުތަމަޢުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ޙައްލު ކުރުމުގެ މަގު ފަހިވެގެންދާނެކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އެކުލަވާލައި ޝާޢިއުކޮށްފައިވާ ފޮތް ‘މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތުލީ ނިއުސް ލެޓަރ’ ގެ “ސްޕެޝަލް އިނައުގުރަލް އިޝޫ” އިފުތިތާޙުކޮށްދެއްވާފައެވެ.