English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށްލަފާކޮށް، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ. މޫސުން ގޯސްވާނެތީ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ.

އެގޮތުން މިރޭގެ 02:45 އާއި ހެނދުނު 7:00 އާއި ހަމައަށް އެލަރޓް ނެރެފައިވަނީ، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އެވަގުތުތަކުގައި ރާއްޖޭގެ ބޮޑުސަރަހައްދަކަށް ވާރޭވެހި، ގުގުރުމާއި އެކު ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާކަމަށެވެ. އަދި ވިލާގަނޑުގައި ވައިގަދަވާނެތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ޢާންމުގޮތެއްގައި ވައިގެ ބާރުމިން އުޅޭނީ 10މޭލާ 23މޭލާ ދެމެދުގައި ނަމަވެސް، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. މިގަޑިތަކުގައި ކަނޑު ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މި ގަޑިތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލްކަމެއް ދިނުމަށް ސަލާމަތީ ޚިދުމަތްތަކުން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ. މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރަކަށް ވުމާއެކު، އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ނަމަވެސް މޫސުން ގޯސް ވަގުތުތަކަށް ސަމާލުކަންދީ، ރައްކާތެރިކަމަށް ބަލައިގެން ނޫނީ ދަތުރަށް ނުނިކުތުމަށް ކަމާގުޅޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރައްވަމުންނެވެ.