English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ކުޅުނު މެޗުތަަކުން މޮޅުނުވެ އެއްވަރުވެއްޖެއެވެ.

ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅެ ލިވަޕޫލް އެއްވަރުވީ 2-2ގެ ނަތީޖާއިންނެވެ. އަދި އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް އެއްވަރުވީ 1-1ގެ ނަތީޖާއިންނެވެ.

މެޗުގެ ކުޅުން ފެށިގެން ލިވަޕޫލަށް ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީން ވެސްޓް ހޭމްއިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ވެސްޓް ހޭމަށް ލީޑު ނަގައިދިނީ ޖެރޮޑް ބޮވެންއެވެ. އޭނާ މި ލަނޑު ޖެހީ ކުޑޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޮލުން ގޯލުގެތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ވެސްޓް ހޭމްއިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ކުޅެން އަރައި، މެޗުގެ 48 ވަނަ މިނެޓުގައި ޑިއާސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެންޑީ ރޮބަޓްސަން ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ލިވަޕޫލުން ހަމަހަމަކުރިއެވެ. އަދި އެއަށް ފަހު މެޗުގެ 65 ވަނަ މިނެޓުގައި ވެސްޓް ހޭމްގެ ތޯމަސް ސޫޝެކް އަތުން ބައިކޮޅަށް ވަން ލަނޑުން ލިވަޕޫލުން ލީޑުނެގި އެވެ. ވެސްޓް ހޭމް އިން ނަތީޖާ އެއްވަރުކުރީ، ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި ވަނިކޮށް، ބޮވެން ނެގި ހުރަހަކުން މިކޭލް އެންޓޯނިއޯ ބޮލުން ޖެހި ލަނޑުންނެވެ.

މި މެޗުން އެއްވަރުވުމުން، ލިވަޕޫލަށް ލީގު ލިބުމުގެ ފުރުސަތު އިތުރަށް ހަނިވީ އެވެ. ލިވަޕޫލް ލީގު ތާވަލްގެ ތިން ވަަނައިގައި އޮތީ ކުޅުނު 35 މެޗުން 74 ޕޮއިންޓާއި އެކުގައެވެ. އެއް ވަނައިގައި އޮތް އާސެނަލަށް 34 މެޗުން 77 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 33 މެޗުން ވަނީ 76 ޕޮއިންޓް ލިބިފަ އެެވެ.

އަމިއްލަ ދަނޑުގައި ބާންލީއަތުން ޔުނައިޓެޑަށް މޮޅެއް ނުހޯދުނުއިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑުން ލީޑުނެގީ މެޗުގެ ދެވަނަ ހާފުގެ 79 ވަނަ މިނިޓްގައި ބާންލީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައިގެން އެންތަނީ ޖެހި ލަނޑުންނެވެ. ބާންލީން މެޗުގެ ނަތީޖާ އެއްވަރުކުރީ 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ޒެކީ އަމްދޫނީ ޖެހި ލަނޑުންނެވެ. މިއީ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ ބޯޅަ އަކަށް އަރައި، ކުރި ފައުލަކަށް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

މި ނަތީޖާއާއި އެކު ޔުނައިޓެޑަށް 34 މެޗުން ލިބުނު 54 ޕޮއިންޓާ އެކު، އޮތީ ލީގުގެ ހަ ވަނައިގައިއެވެ.

ނިއުކާސަލް ޔުނައިޓެޑުން ޝެފީލްޑް ޔުނައިޓެޑް ބަލީކުރީ ފަސޭހަކަމާއި އެކު، 1-5 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ޝެފީލްޑުންނެވެ. އެއީ މެޗުގެ ފަސްވަނަ މިނެޓުގައެވެ. ނިއުކާސަލްއިން ނަތީޖާ ހަމަހަމަކުރީ އެލެގްޒެންޑަ އިސާކް ކާމިޔާބުކޮށް ދިން ލަނޑުން މެޗުގެ 26 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނުއިރު، ނިއުކާސަލް އިން އެޓީމުގެ އަނެއް ހަތަރު ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. ނިއުކާސަލްގެ ދެވަނަ ލަނޑު 54 ވަނަ މިނެޓުގައި ބްރޫނޯ ގިމަނޭސް ޖަހައިދިންއިރު، ތިންވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އިސާކްއެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑަކީ ޝެފީލްޑްގެ ބެން އޮންސަން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ނިއުކާސަލްގެ ފަހު ލަނޑު 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވިލްސަންއެވެ.

ރޭގެ މި މޮޅާއި އެކު، ނިއުކާސަލް ޔުނައިޓެޑުން ވަނީ 34 މެޗުން 53 ޕޮއިންޓް ހޯދައިފަ އެވެ. މި ނަތީޖާއާ އެކު ޝެފީލްޑް ވަނީ ލީގުން ރެލިގޭޓްވެފަ އެވެ.