English Edition
Dhivehi Edition

ފްރާންސް ލީގުގައި ރޭ ލޮރިއެންޓާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެ އެވެ.

ލޮރިއެންޓްގެ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 4-1 އިންނެވެ.

ރޭގެ މެޗުގައި ރަނގަޅަށް ކުޅުނު ޕީއެސްޖީން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ 19 ވަނަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޕީއެސްޖީއަށް ލީޑު ފުޅާކޮށްދިނީ ކީލިއަން އެމްބާޕޭ ޖަހައިދިން ލަނޑުންނެވެ. މިއީ މެޗުގެ 22 ވަނަ މިނެޓުގައި މެންދޭސްގެ އެހީތެރިކަމާއި އެކު އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑު ފެނުނުއިރު، އަނެއް ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގައި ޕީއެސްޖީގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޑެމްބެލޭ އެވެ. މެޗުގައި ލޮރިއެންޓްގެ ހަމައެކަނި ލަނޑު ޖެހީ މުޙައްމަދު ބަމްބާ އެވެ. ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ޖެހީ އެމްބާޕޭ އެވެ.

ރޭ ލޮރިއެންޓް އަތުން ހޯދި މި މޮޅާއި އެކު ޕީއެސްޖީން ވަނީ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 30 މެޗުން 69 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް މޮނާކޯ އަށް ލިބެނީ 56 ޕޮއިންޓެވެ.