English Edition
Dhivehi Edition
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިމްރާހިމް

ދިވެހީންގެ މެދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮތް އިތުބާރާއި، ޔަޤީންކަން ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ހާމަވެފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ، އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރުން ހޯއްދެވި ފުރިހަމަ ކާމިޔާބީ ފާހަގަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޤާސިމްގެ ޕޯސްޓުގައި ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި، ޕީ.އެން.ސީއިން ހޯއްދެވި ސްޕަރ މެޖޯރިޓީއަކީ އެޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދިވެހީންގެ މެދުގައި އޮތް އިތުބާރާއި، ޔަޤީންކަމުގެ އަލިގަދަ ހެއްކެއްކަމަށް ވިދާޅުވިއެވެ. އަދި މި ކާމިޔާބީ ފާހަގަކުރައްވާ ރައީސް ޑރ. މުޢިއްޒަށާއި، ޕީ.އެން.ސީގެ ލީޑަރޝިޕާއި، ކާމިޔާބު ހޯއްދެވި އެންމެހާ ކެންޑިޑޭޓުންނަށް ޤާސިމް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ޤާސިމް ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިޚާބުގައިވެސް އަދި 2024 ގެ މަޖިލިސް އިންތިޚާބުވެސް ސަރުކާރަށް ކާމިޔާބުވުމުގެ ފަހަތުގައި އޮތީ ނުހަނު ހުޠޫރަތްތެރި ޙާލަތެއްގައި، ނުހަނު އިޙްލާސްތެރިކަމާއެކު ރައީސް ޑރ. މުޢިއްޒާއި، އެމަނިކުފާނުގެ ޓީމުން ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ނަތީޖާކަމަށް. އަދި މިއީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީޖާއެއް ނޫންކަން ރައީސް ޑރ. މުޢިއްޒަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން ކަށަވަރުވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

ޤާސިމްގެ ޕޯސްޓުގައި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މާމިގިލީ ދާއިރާއަށް ޕީ.އެން.ސީން ކެންޑިޑޭޓަކު ނުނެރުއްވާ، އެމަނިކުފާނަށް ތާއީދުކޮށްދެއްވީތީ ރައީސް ޑރ. މުޢިއްޒަށް ވަނީ ވަކިން ޚާއްސަ ޝުކުރެއް ދަންނަވާފަ. އަދި ދިވެހި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ގެނައުމަށް ރައްޔިތުންގެ އެންމެމަތީ ތާއީދު ހުރިހާ ސިފައެއްގައިވެސް ރައީސް ޑރ. މުޢިއްޒަށް މިއަދު ދިވެހި ރައްޔިތުން އަރުވާފައިވާކަން ފާހަގަކުރެއްވިއެވެ.