އައްދުއް ރަހީމް (އަދުރޭ)ގެ ހިސާބު ބަރާބަރަށް ދިމާވާ ކަމަށާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ އޮތް ތާއީދާ އިތުބާރާ އުއްމީދު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ކާމިޔާބުވުމާ ގުޅިގެން މިނިސްޓަރު ވަނީ ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށާ އެބޭފުޅުންގެ ޓީމްތަކަށް މަރުހަބާ ދަންނަވާފައެވެ.
ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ ޚާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله އިންތިޚާބުގެ ކުރިން ވިދާޅުވި ވާހަކަފުޅެއް ހިމެނޭ ޚަބަރެއްގެ ސުރުޚީވެސް މިނިސްޓަރު ވަނީ ޙިއްސާކުރަށްވާފަ. އެ ޚަބަރުގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ މި އިންތިޚާބުގައި ޕީއެންސީން 70 ގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ.
އެ އިންތިޚާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން، މަޖިލީހުގެ 65 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައިވާއިރު އަދި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ވަނީ 13 ގޮނޑިއެވެ.
އެގޮތުން އެމްޑީޕީން އަބަދުވެސް ކާމިޔާބުކުރަމުން އައި ގޮނޑިތައް ވެސް އެ ޕާޓީއަށް ގެއްލިފައިވާއިރު މާލެ ސިޓީއާއި ފުވައްމުލަކާއި އައްޑޫސިޓީ އަދި ކުޅުދުއްފުށި ސިޓީއާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއް ވެސް ވެރިކަންކުރާ ޕީއެންސީން ވަނީ ހޯދާފައެވެ.
އެމްޑީޕީގެ ގިނަ ދުވަސްވީ އަދި ލީޑަޝިޕްގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމް އަދި ޕީޖީ ލީޑަރު ރަޝީދު ހުސައިން (ބިގޭ) އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒަށް ވެސް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ނާކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ ނަތީޖާއިން މާޔޫސްވެ ވަޑައިގެންފައިވާ ކަމަށް. އަދި ޑިމޮކްރެސީގެ ހަމަތައް ހިފެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޒިންމާދާރު އިދިކޮޅެއްގެ ގޮތުގައި ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް އެމްޑީޕީ ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.