އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލާ ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވޯޓުލާ ވަގުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. ނަމަވެސް ވޯޓުލާ ދުވަހު މޫސުން ގޯސްވެދާނެ ކަމަށް ބަލައި، ވޯޓުލާ ވަގުތު އިތުރުކުރަން ސިޔާސީ ޕާޓީތަކާ އެކު އިއްޔެ ބޭއްވި މަޖިލީސް އިންތިޚާބުގެ ގައުމީ ލަފާދޭ ކޮމިޓީގައި ވަނީ މަޝްވަރާކޮށްފައެވެ. ޕާޓީތަކުންނާއި މިނިވަން މުއައްސަސާތަކުން ވެސް ތާއީދު ކުރީ ވޯޓުލާ ވަގުތު އިތުރު ކުރުމަށެވެ. އަދި ވިއްސާރަ ނޫންނަމަ މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސް ވަރަކަށް ވެސް ވުމުން ވޯޓުލާ ވަގުތު އިތުރުކުރަން ފެންނަ ކަމަށް ލަފާދޭ ކޮމިޓީގެ މެންބަރުން ވަނީ ބުނެފައެވެ.
ވޯޓުލާ ވަގުތު އިތުރުނުކޮށް، އާދިއްތަ ދުވަހު ވިއްސާރަ ވެއްޖެ ނަމަ ވޯޓުލާ މީހުންގެ އަދަދު ދަށްވެދާނެކަމުގެ ކަންބޮޑުވުން ވެސް ލަފާދޭ ކޮމިޓީގެ މެންބަރުން އިއްޔެ ފާހަގަކުރިއެވެ.
މިލަފަޔާ ގުޅިގެން އިލެކްޝަންސްގެ މެންބަރުން ބޭއްވި ބައްދަލުވުމުގައި ނިންމެވީ ވަގުތު ހަވީރު 5:30 އަށް އިތުރު ކުރުމަށެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެ އެވެ. އެއީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.
މި އަހަރު މަޖިލީހުގެ 93 ދާއިރާއަކަށް ޖުމްލަ 386 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުން ހިމެނެ އެވެ.