އަންނަ ދިރާސީ އަހަރު ފެށޭއިރު، ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާ ދިވެހި ޕްރިންސިޕަލުންގެ އަދަދު %80 އިތުރުވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައިޝަތު ޝިހާމް ވިދާޅުވީ އަންނަ އަހަރު ފެށޭއިރު ރައްޖޭގެ ކޮންމެ ދިހަ ސްކޫލަކުން އަށް ސްކޫލެއްގައި ޤާބިލް ދިވެހި ޕްރިންސިޕަލުން ތިބޭނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހި ޕްރިންސިޕަލުން ސްކޫލްތަކަށް ހަމަޖެހިގެންދިޔުމުން، ބެލެނިވެރިންނާއި، ސްކޫލާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، މިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށާއި ކުރިއެރުމަށްވެސް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެކަމަށެވެ
ސްކޫލްތަކުގެ ހިންގުމުގެ ތަފާސް ހިސާބަށް ބަލާއިރު، 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު ސްކޫލްތަކުގައި ތިބި ދިވެހި ޕްރިންސިޕަލުންގެ ނިސްބަތް ހުރީ %40ގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ތީޗަރުންނާއި ޕްރިންސިޕަލުންނަކީ ސަތޭކަ އިންސައްތަ ދިވެހިންނަށް ހެދުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒެއްކަމަށާއި މި އަމާޒަށް ވާސިލްވުމަށް ވޭތުވެދިހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން ބޮޑު ކުރިއެރުމެއް ހާސިލްކުރެވިފައިވާކަމަށް އެޑިޔުކޭޝަނުން ވަނީ ބުނެފައެވެ.