English Edition
Dhivehi Edition

ދުލަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެކެވެ. މި ނިއުމަތުން މަހުރޫމުވެފައިވާ ފަރާތަކަށް މެނުވީ މިނިއުމަތުގެ ބޮޑުކަން އިހުސާސް ނުކުރެވޭނެއެވެ. މި ގުނަވަނުގެ ކުޑަކަމާއެކުގައިވެސް އޭގެ ބޭނުން ނުހަނު ބޮޑުވެގެންވެއެވެ. އެއިން ކުރެވޭ އަޅުކަންވެސް އެހާމެ ބޮޑުވެފައި މުހިންމުވެގެން ވެއެވެ. ހަމަ އެފަދައިން ގުނަވަނުން ކުރެވޭ ފާފަތައްވެސް އެހާ ގިނަވެފައި ނުރައްކާތެރިކަން ބޮޑުވެގެންވެއެވެ.

ނިކަން ވިސްނައިލައްވާށެވެ! އީމާންކަން ސާބިތުވަނީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމުންނެވެ. ހަމަ އެފަދައިން ކުފުރުވާ މީހުން އެންމެ ގިނައިން ކުފުރުވަނީވެސް ދުލުގެ ޒަރިއްޔާއިންނެވެ.

ދޫ ރައްކާތެރިކުރުމުގައި ފަރުވާކުޑަކުރާ މީހުން ވަރަށްވެސް ގިނައެވެ. ނުވަތަ އެކަމަށް ސަމާލުކަމެއް ނުދީ ތާއަބަދު ދުލުން ފާފަކުޅައުމުގައި ވަގުތުތައް ހޭދަކުރަނީ ކިތައް މީހުން ހެއްޔެވެ! ދުލުގެ އާފާތްތައް ވަރަށްވެސް ގިނަވެގެންވެއެވެ. އެކަންކަމުން ސަލާމަތްވުމުގެ މަގަކީ ހަނުހުރުމެވެ. ހަނު ހުރެއްޖެ މީހާ ނަޖާވެއްޖެ ކަމުގައި ރިވާވެގެންވެއެވެ.

އަދިވެސް ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނު ހޖަދީޘްކުރައްވާފައިވެއެވެ. ” مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ” متفق عليه މާނައީ: “މާތްﷲއަށާއި ގިޔާމަތް ދުވަހަށް އީމާންވާ މީހަކު ހެޔޮބަހެއް ނޫނީ ނުބުނާށެވެ. ނުވަތަ ހަނުހުންނާށެވެ.”

ސަލަފުއްސާލިހުންގެ ބަސްތަކުގެ ތެރެއިން އަންނަނިވި އިބާރާތްކޮޅު ހިމެނެއެވެ. “ހަނުހުރުމަކީ ބުރަކަމެއް ނެތް އަޅުކަމެކެވެ. ގަހަނާއެއް ނެތި ވޭވޭ ޒީނަތްތެރިކަމެކެވެ. ވެރިކަމުގެ ބާރެއްނެތި ލިބޭ ހައިބަވަންތަކަމެކެވެ. އެކަމުގެ ސަބަބުން އުޒުރުވެރިވުމުން އެއްކިބާ ކުރުވައެވެ. އަދި އެކަމުގެ ސަބަބުން ތިބާގެ އައިބުތައް ފޮރުވައިދެއެވެ.”

ދޫ ރައްކާތެރިކުރާށެވެ! ހައްގު ބަހެއް ނޫނީ ދުލުން ނުބުނާށެވެ. ބާތިލު ވާހަކަތަކުން އެއްކިބާވާށެވެ. އޭރުން ތިބާއަށް ތެދުވެރި އެކުވެރިން ލިބޭނެތެވެ. ޣީބަ ބުނުން ފަދަ ފާފަތަކުން ރައްކާތެރިވެވޭނެއެވެ. މަޑުމޮޅިކަން ދަސްވާނެއެވެ.

ދެކެވޭ ވާހަކަ ބެހިގެންދަނީ ހަތަރު ބަޔަކަށެވެ. އެއީ މުޅީން ހެޔޮލަފާ ވާހަކައެވެ. މިފަދަ ހެޔޮބަސްތައް ބުނުމަކީ ސަވާބު ލިބޭކަމެކެވެ. ނޫނީ މުޅީން ގޯސް ވާހަކަތަކެވެ. މިފަދަ ވާހަކަތަކުން އެއްކިބާވުން ލާޒިމުވެގެންވެއެވެ. ނޫނީ ގޯސް ވާހަކަތަކާއި ނުބައި ވާހަކަތަކެވެ. ނުބައި ކަންކަން ހިމެނިފައިވާ ކޮންމެ ކަމަކާއި ދުރުހެލިވުން މޮޅު އިތުރުވެގެން ވެއެވެ. ނުވަތަ ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނެތް ވާހަކަތަކެވެ. ބޭކާރު ވާހަކަ ދެއްކުމަކީ ވަގުތު ނަގައިލުމެވެ. ވަގުތު ނަގައިލުމަކީ ތިމާގެ އުމުރު ބޭކާރުކޮށްލުމެވެ. މިކަމުންވެސް އެއްކިބާވުން ލާޒިމުވެގެންވެއެވެ.

 

މައުލޫމާތު: ޝައިޚް ޙަސަން މޫސާ ދިކުރީ ދޫރައްކާތެރިކުރުމާއި ގުޅިގެން ލިޔުއްވާފައިވާ ލިޔުމަކުން ނަކަލް ކުރެވިފައިވާ މައުލޫމާތކޮޅެއް.