English Edition
Dhivehi Edition

ލ. ގަމު ތުނޑީ އަވަށުގައި މިހާރު ކުރިއަށް ދާ “ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445” 16 އަހަރުން ދަށުގެ އުމުރުފުރައިން ފައިނަލުގެ ޖާގަތަށް ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބް އަދި ބެސްޓް ޖޫނިއަރސް ކަށަވަރުކޮށްފިއެވެ.

ސެމީ ފައިނަލުގެ ދެ މެޗު ރޭ ކުޅޚެފައިވާއިރު، ރޭ އެންމެ ވަރުގަކޮށް ފެނިގެން ދިއަ މެޗަކީ ކަންމަތި ނިއުޖެނެރޭޝަން އަދި ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބް ބައްދަލުކުރިމެޗެވެ. މި މެޗު 9-5 ގެ ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށް ފައިނަލުގެ ޖާގަ ކަށަވަރުކުރީ ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބުންނެވެ.

މިފަހަރުގެ މި މުބާރާތުގައި 16 އަހަރުން ދަށުގެ އުމުރުފުރައިން އެންމެ ހުނަރުވެރި ޒުވާން އުންމީދީ ކުޅުންތެރިންތަކެއް ފެނިގެން ދިއަ އެއް ޓީމަކީ ކަންމަތި ނިއުޖެނެރޭޝަން އިންނެވެ. އެގޮތުން އެޓީމުން މުބާރާތުގެ ގުރޫޕް ސްޓޭޖު ފަށައިގެން އައީ ވެސް ތަފާތު މޮޅު ކުޅުމަކާއި އެކުގައެވެ. ފުރަތަމަ ދެމެޗު ވަރަށް ލުއިގޮތަކަށް ފަސޭހަކަމާއި އެކު ކާމިޔާބު ކުރިއެވެ. ނަމަވެސް މި މުބާރާތުގައި އެންމެ ވަރުގަދަކޮށް ފެނުނު ބެސްޓް ޖޫނިއަރސް އޮތީ ކަންމައްޗާއި އެއް ގުރޫޕެއްގައި ކަމުން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކަންމަތި ވަނީ ބެސްޓް އަތުން ބަލިވެފައެވެ. އެހެންކަމުން ކަންމަތިން ސެމީ ކަށަވަރު ކުރީ އެޓީމު ހިމެނުނު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ރޭގެ މެޗުގައި ކަންމައްޗާއި ދެކޮޅަށް ނިކުތް ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބަކީވެސް ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެކެވެ. ރަސްހިންނެ އިން މުބާރާތުގެ ސެމީއަށް ދިޔައީ ވެސް މޮޅު ކުޅުމެއް ދައްކައި އެޓީމު ހިމެނުނު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ސެމީއަށް ދިއައީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ ހަ ޕޮއިންޓާއި އެކުގައެވެ.

ރޭގެ މެޗު ފަށައިގެން ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެން ދިއައިއުރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ކަންމަތި ނިއުޖެނެރޭޝަން އިންނެވެ. ދުރުން ފޮނުވާލި ބާރުހަމަލާއެއް ގޯލުގެ ތެރެއަށް އަމާޒުކޮށްލައިގެން މެޗުގެ ތިންވަނަ މިނެޓުގައި މި ލަނޑު ކަންމައްޗަށް ކާމިޔާބު ކޮށްދިނީ އަޙުމަދު ސަޖުލް ސުއައިބުއެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ރަސްހިންނެ އިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު ރަސްހިންނެއަށް ޖަހައިދިނީ އަނާން އިބުރާހީމްއެވެ.

ރަސްހިންނެގެ މި ލަނޑަށް ފަހު ކަންމަތިން ކުޅުން ރަނގަޅު ކުރިއިރު، އެޓީމުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައެވެ. ކަންމައްޗަށް މި ލަނޑު ޖަހައިދިނީ އަހުމަދު ރިޔާންއެވެ. ރިޔާން މި ލަނޑު ޖަހައި ކަަންމައްޗަށް ދެވަނަ ފަހަރަށް ލީޑުނަގައިދިންތާ ގިނަ އިރުތަކެއް ނުވެ، ރަސްހިންނެ ބާބާ އެސްސީ އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެޓީމު އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. މެޗުގެ ދެވަަނަ ހާފުވެސް ފެނިގެން ދިއައީ ވަރަށް ފޯރިގަދަ ކޮށް، އަދި އެހާމެ ވާދަވެރިކޮށެވެ. ދެވަނަ ހާފަށް ކުޅެނ އަރައި ރަސްހިންނެ އިން ވަނީ ކަންމަތި ކޮޅަށް އިތުރު ހަތް ލަނޑު ޖަހައިފައެވެ. ކަންމަތިން ވެސް މިހާފުގައި ތިން ލަނޑު ޖެހިއެވެ. މެޗުގެ ކުޅުން ނިމުނުއިރު، 9-5 ގެ ނަތީޖާއިން ކުރި ހޯދައި ފައިނަލް ކަސަވަރުކުރީ ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބުންނެވެ.

ކަންމަތި އަދި ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބު ބައްދަކުރި މި މެޗުގައި ރަސްހިންނެ އަށް ލަނޑުތައް ޖަހައިދިނީ އަނާން އިބުރާހީމް، އަލީ ޝިއުތް، މުޙައްމަދު އަޔުޝް ސަލީމް، ތާއިޔު އަބުދުލް ޙަކީމް އަދި ހޫދު އަޙުމަދު ފަތުހީއެވެ. ކަންމައްޗަށް ލަނޑުތައް ޖަހައިދިނީ އަލީ އޝަމް، އަހުމަދު ސަޖުލް ސުއައިބް، އަޙުމަދު ރިޔާން އަދި އަޙުމަދު އަޒަފް އާރިފްއެވެ. މި މެޗުގެ ،މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބުގެ ހޫދު އަޙުމަދު ފަތުހީއެވެ.

މި މެޗު ކާމިޔާބު ކޮށް ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބް ފައިނަަލަށް ދިއައިރު، ރޭގައި ވަނީ ސެމީގެ ދެވަނަ މެޗުވެސް ކުޅެފައެވެ. ސެމީގެ އަނެއް މެޗުގައި ބައްދަލުކުރީ ބެސްޓް ޖޫނިއަރސް އާއި އައުޓްރީފް ޖޫނިއަރސް އެވެ. މި މެޗު 0-5 ގެ ނަތީޖާއިން ކާމިޔާބު ކޮށް ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ބެސްޓް ޖޫނިއަރސް އިންނެވެ. މި މެޗުގައި ބެސްޓްރ ޖޫނިއަރސް އަށް ލަނޑުތައް ޖަހައިދިނީ އިސްމާއީލް ރާއިދް ރިޔާޒް ދެ ލަނޑު، މުޙައްމަދު ރާއިޝް ރިޔާޒް އެއް ލަނޑު އަދި މުޙައްމަދު އާލިފް އަޒުހަމް އެއް ލަނޑެވެެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ބެސްޓް ޖޫނިއަރސް އަށް ދެ ލަނޑު ޖަހައިދިން އިސްމާއީލް ރާއިދް ރިޔާޒްއެވެ.

16 އަހަރުން ދަށުގެ އުމުރުފުރައިން ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބް އަދި ބެސްޓް ޖޫނިއަރސް ބައްދަލުކުރާ ފައިނަލް މެޗުގެ ކުޅުން އޮންނާނީ މިމަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ރޭ 10:00 ގައެވެ.