އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ ފަނަރަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ބެކެޑް ޗިކެން ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
4 ގަނޑު ޗިކެންބްރެސްޓް
2 ސަމްސާ އޮލިވްއޮއިލް
1/2 ސަމްސާ ޑްރައިޑް އޮރެގާނޯ
1/2 ސަމްސާ ޑްރައިޑް ބެސިލް
1 ސަމްސާ ލޮނު
ރަހަލާވަރަށް އަސޭމިރުސް ކޮޅެއް
1 1/2 ސަމްސާ ލޮނުމެދު ގާނާފައި
2 ޖޯޑް ޗެރީ ޓޯމާޓޯ
1/4 ޖޯޑު ފިޔާކޮށާފައި
1/4 ޖޯޑް ވިނެގާ
1 ސަމްސާ ބްރައުންޝުގާ
3/4 ޖޯޑު މޮޒޮރެއްލާ ޗީޒް ގާނާފައި
2 ސަމްސާ ފްރެޝް ބެސިލް ނުވަތާ އޮރެގާނޯ (ގާނިޝްކުރުމަށް)
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ 220 ޑިގްރީ އަށް އަވަން ހޫނުކުރަން ޖައްސާށެވެ. ދެން ޓްރޭއެއްގައި ކުކުޅު އެތުރުމަށްފަހު ، އޮލިވްއޮއިލް، އޮރެގާނޯ، ބެސިލް، ލޮނު، އަސޭމިރުސް، 1 ސަމްސާ ލޮނުމެދު، ފިޔާ އެޅުމަށްފަހު މި ތަކެތި ކުކުޅުގައި ރަނގަޅަށް އުނގުޅާލާށެވެ. ދެން ޓްރޭގެ މެދުގައި ކުކުޅު ތައް އެތުރުމަށްފަހު ވަށައިގެން ޗެރީޓޮމާޓޯ އަތުރާލާށެވެ. ބާކީ ހުރި ލޮނުމެދު ކޮޅު އަދި ހަކުރު ވިނެގާ އަށް އަޅާފައި ގިރާލުމަށްފަހު ޓްރޭއަށް އޮއްސާލާށެވެ. އަދި ކުކުޅުތަކުގެ ދެފުށުގައި ރަނގަޅަށް ހާކާލަންވާނެއެވެ. ކުކުޅު ކޮޅުގެ ބޯމިނަށް ބަލާފައި 20-25 މިނެޓްވަންދެން ރޯފިލަންދެން އަވަނުން ފިހެލާށެވެ. ދެންޓްރޭ ނަގާފައި ކުކުޅުތަކުގެ މައްޗަށް ޗީޒް އެޅުމަށްފަހު އޮރެގާނޯ ފަތް ނޫނީ ބެސިލް ފަތް އެޅުމަށްފަހު 4-5 މިނެޓްވަންދެން ފިހެލާފައި އަވަނުން ޓްރޭނެގުމަށްފަހު ސާރވް ކުރާށެވެ.