English Edition
Dhivehi Edition

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ބިގް ޝޮޓްސް ސްޕޯޓްސް ކުލަބް، އެމްއެންޑީއެފް ސީއޭސީ، ރަސްހިންނެ ސްޕޯޓްސް ކުލަބް އަދި އައުޓްރީފް ޖޫނިއަރސް މޮޅުވެއްޖެއެވެ.

ރޭގައި މުބާރާތުގެ ގުރޫޕް މަރުހަލާގެ ހަތަރު މެޗެއް ކުޅެފައިވާއިރު، އެންމެ ފުރަތަމަ ކުޅުނީ ހުކުރު ދުވަހުގެ ރޭ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުކުޅެ ކެންސަލް ކުރި މެޗެވެ. އެއީ ފޮއެމަތި ސްޕޯޓްސް ކުލަބް އަދި ބިގް ޝޮޓްސް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗެވެ. މިއީ ގުރޫޕް ބީ ގެ ސްޓޭޖުގެ މި ދެޓީމުންވެސް ކުޅެން ޖެހޭ އެންމެ ފަހު މެޗެވެ.

ބިގް ޝޮޓްސް އަދި ފޮއެމަތި ރޭ ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބިގް ޝޮޓްސް ސްޕޯޓްސް ކުލަބުންނެވެ. މިއީ މުބާރާތުގައި އެޓީމު ހޯދި ފުރަތަމަ މޮޅެވެ. ރޭގެ މި މޮޅާއި އެކު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކު ބިގް ޝޮޓްސް ވަނީ ގުރޫޕް ބީގެ ދެވަނައަށް ޖެހިލައިފައެވެ. އަދި މި މޮޅާއި އެކު ބިގް ޝޮޓްސްއަށް ގުރޫޕުގެ ދެވަނަ ލިބުނު ނަމަވެސް އެޓީމަށް ކުއާޓާގެ ފުރުސަތެއް ޔަގީންވާނީ މިރޭ ކުޅޭ މި ގުރޫޕް ބީގެ ފަހުމެޗަށް ފަހުގައެވެ. އެއީ މި ގުރޫޕުގައި ހިމެނޭ މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ އަދި ބެސްޓް ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗަށް ފަހުގައެވެ. މިރޭގެ މެޗު ރަނގަޅު ނަތީޖާއަކުން ބެސްޓް ސްޕޯޓްސް ކުލަބް ބަލިކޮށްގެން ކުއާޓާއަށް ދިއުމުގެ ފުރުސަތު މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއަށް ވެސް އެބައޮތެވެ.

ބިގް ޝޮޓްސް އަދި ފޮއެމަތި ބައްދަލުކުރި މި މެޗުގައި ބިގް ޝޮޓްސް އަށް ލަނޑުތައް ޖަހައިދިނީ އިބުރާހީމް ޝަރީފް، ހުސެއިން މައިޝަން އަދި އަބުދުﷲ އަރީފުއެވެ. އަދި ފޮއެމަތީގެ ހަމަ އެކަނި ލަނޑި ޖަހައިދިނީ ހުސެއިން ޝައްމާހުއެވެ. މި މެޗު މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބިގް ޝޮޓްސްގެ ކެޕްޓަން ހުސެއިން މޫސާ (ޒައިބް)އެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ 16 އަހަރުން ދަށުގެ އުމުރުފުރައިން އައުޓްރީފް ޖޫނިއަރސް އަދި ޑިޓްރޮއިޓްސް ޖޫނިއަރސްއެވެ. މި މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ އައުޓްރީފް ޖޫނިއަރސް އެވެ. މިއީ މި ދެޓީމުންވެސް ގުރޫޕް މަރުހަލާގައި ކުޅުނު އެންމެ ފަހުމެޗެވެ. ރޭގެ މި މޮޅާއި އެކު އައުޓްރީފް ޖޫނިއަރސް އަށް ވަނީ މުބާރާތުގެ ސެމީއިން ޖާގަ ލިބިފައެވެ. ގުރޫޕް އެފް އިން ސެމީގެ ޖާގަތައް ކަށަވަރު ކުރީ އައުޓްރީފް ޖޫނިއަރސް އަދި ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބްވެ.

ރޭ އައުޓްރީފް ޖޫނިއަރސް އަދި ޑިޓްރޮއިޓްސް ޖޫނިއަރސް ބައްދަލުކުރި މެޗުގައި އައުޓްރީފުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޚަލަފް އަދި އިބުރާހީމް ނަޒީލް ޖަމީލްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ގިނަ ސޭވްތަކެއް ކޮށް މޮޅު ކުޅުމެއް ދެއްކި އައުޓްރީފް ޖޫނިއަރސްގެ ގޯލް ކީޕަރު އަލީ އީމާން ޙަމީދުއެވެ.

ރޭގައި ކުޅުނު ތިންވަނަ މެޗުގައި ބައްދަލުކުރި އެމްއެންޑީއެފް ސީއޭސީ އަދި ބަންގްލާ ޓައިގާސްއެވެ. މިއީ ގުރޫޕް ސީ ގައި މި ދެޓީމުންވެސް ކުޅެން ޖެހޭ ގުރޫޕުގެ އެންމެ ފަހު މެޗެވެ. ރޭގެ މެޗަށް މި ދެޓީމު ނިކުތްއިރުވެސް މި ދެޓީމަށް ވަނީ ކުއާޓާގެ ފުރުސަތު ގެއްލިފައެވެ. އެމްއެންޑީއެފް ސީއޭސީ އަދި ބަންގްލާ ޓައިގާސް ބައްދަލުކުރި މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އެމްއެންޑީއެފް ސީއޭސީންނެވެ. މިއީ މި ޓީމުން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ހޯދި ފުރަތަމަ މޮޅެވެ. މި މޮޅާއި އެކު އެމްއެންޑީއެފް އަށް ވަނީ ގުރޫޕުގެ ތިންވަނަ ލިބިފައެވެ.

އެމްއެންޑީއެފް ސީއޭސީ އަދި ބަންގްލާ ޓައިގާސް ބައްދަލުކުރި މި މެޗުގައި އެމްއެންޑީއެފް ޓީމަށް ލަނޑުތައް ޖަހައިދިނީ އަހުމަދު ސައިފް އަދި ހުސެއިން ރަމީޒެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްއެންޑީއެފް ޓީމުގެ މުޙައްމަދު ހާރިސްއެވެ.

ރޭގެ ފަހު މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް އައުޓްރީފް އަދި ރަސްހިންނެ ސްޕޯޓްސް ކުލަބެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ރަސްހިންނެ ސްޕޯޓްސް ކުލަބުންނެވެ. ރޭގެ މި މެޗާއި އެކު ގުރޫޕް ސީގެ މެޗުތައް ވަނީ ކުޅެ ނިމިފައެވެ. މި ގުރޫޕުގެ ހުރިހާ މެޗެއް ރޭ ކުޅެ ނިމުނު އިރު، ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް، ގުރޫޕުގެ އެންމެ ކުރި ހޯދައިގެން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ރަސްހިންނެ ސްޕޯޓްސް ކުލަބުންނެވެ. އަދި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ ހަ ޕޮއިންޓު ހޯދައިގެން ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގަހޯދީ ޔުނައިޓެޑް އައުޓްރީފުންނެވެ.

ޔުނައިޓެޑް އައުޓްރީފް އަދި ރަސްހިންނެ ސްޕޯތްސް ބައްދަލުކުރި މި މެޗުގައި ރަސްހިންނެ އަށް ލަނޑުތައް ޖަހައިދިނީ ހައިޝަމް ރަޝީދު އަދި އަހުސަން ރަޝާދުއެވެ. ޔުނައިޓެޑް އައުޓްރީފުގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ޝާންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ރަސްހިންނެ ގެ ހައިޝަމް ރަޝީދުއެވެ.

މިރޭ ކުޅޭނީ ލ، ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445 ގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތަކެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗާއި އެކު ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމިގެންދާނެއެވެ. ދެން އޮންނާނީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ވަރުގަދަ ކުރިމަތިލުންތެކެވެ.

މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، މިރޭ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ 16 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗެކެވެ. ފޮއެމަތި ޖޫނިއަރސް އަދި ބްލެކް ސްޓްރީޓް ބައްދަލުކުރާ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ.

މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގައި ހިމެނޭ ކަންމަތި ސްޕޯޓްސް ކުލަބާއި ޔޫތް ރިވޮލިއުޝަން ކުލަބެވެ. މިއީ މި ގުރޫޕުގެ އެންމެ ވަރުގަދަ އެއްކުރިމަތި ލުމަށް ވެގެންދާނެއެވެ. މިރޭ ރަނގަޅު ނަތީޖާއަކުން މެޗު ކާމިޔާބު ކުރާ ޓީމަކަށް ކުއާޓާ ޔަގީންވެގެންދާނެއެވެ. މިރޭގެ މެޗަށް ނުކުންނައިރު، މި ދެޓީމަވެސް ވަނީ ދެ މެޗުން ތިން ޕޮއިންޓު ލިބިފައެވެ. ޕޮއިންޓު އެއްވަރުވެފައި އޮތް އިރު، މި ދެޓީމުގެ ފައިދާ ގޯލަށް ބަލާއިރުވެސް މާ ބޮޑު ފަރަގެއް ނެތެވެ. އޮތީ އެންމެ ގޯލެއްގެ ތަފާތެވެ. އެހެން ކަމުން މިރޭގެ މި މެޗު ވަރަށް ފޯރިގަދަވާނޭކަމަށް ވަނީ ބެލެވިފައެވެ.

މިރޭ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގައި ހިމެނޭ މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ އަދި ބެސްޓް ސްޕޯޓްސް އެވެ. މިރޭގެ މި މެޗަށް ނުކުންނައިރު، ބެސްޓަށް މާކުރިންވެސް އޮތީ ކުއާޓާގެ ޖާގަ ކަށަވަރުވެފައެވެ. ނަމަވެސް މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއަށް ކުއާޓާގެ ޖާގައެއް ބެނުންނަމަ މިރޭގެ މި މެޗު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވަން ޖެހެއެވެ. މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާގެ ޓީމަށް ވެސް އަދި ކުއާޓާގެ ފުރުސަތު އެބައޮތެވެ.

މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް؛

21:30: ފޮއެމަތި ޖޫނިއަރސް – ބްލެކް ސްޓްރީޓް (ގުރޫޕް އެފް، 16 އަހަރުން ދަށް)

22:30 : ޔޫތް ރިވޮލިއުޝަން ކުލަބް – ކަންމަތި ސްޕޯޓްސް ކުލަބް (ގުރޫޕް އޭ)

23:30: ބެސްޓް ސްޕޯޓްސް ކުލަބް – މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ (ގުރޫޕް ބީ)

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ސޮސައިޓީ ފޮރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން ގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ،

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.

މުބާރާތުގެ ސްޕޮންސަރުން:

ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް

ކޯ ސްޕޮންސަރ: ނޫފަރު ބްރަދާސް. ލ. ގަމު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް ޔޫޞުފް ނަޝީދު.

ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު، ނޫފަރު ގޭސް، މަސްކުރި. ރީޝް.

އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް.

ކިޓް ޕާރޓްނަރ: ބަމްބަމްބީ.

ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ.

މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން.

ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް.

ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން.

ޑިޖިޓަލް ޕާރޓްނަރ: ދިރާގު

މުބާރާތުގެ ސެކިއުރިޓީ އެސިސްޓެންސް: މޯލްޑިވްސް ޕޮލިސް ސާވިސް.

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.

މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.