English Edition
Dhivehi Edition

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރައިން، މުބާރާތުގެ ސެމީ ފައިނަލަށް ބެސްޓް ޖޫނިއަރސް އާއި ކަންމަތި ނިއުޖެނެރޭޝަން ދަތުރުކޮށްފިއެވެ.

ބެސްޓް ޖޫނިއަރސް އަދި ކަންމަތި ނިއު ޖެނެރޭޝަން ރޭ ބައްދަލުކުރި މެޗާއި އެކު މި ދެޓީމަށް ގުރޫޕް މަރުހަލާގައި ކުޅެން ޖެހޭ ހުރިހާ މެޗެއްވެސް ވަނީ ކުޅެ ނިމިފައެވެ. ކޮންމެ ޓީމަކުންވެސް ގުރޫޕު މަރުހަލާގައި ތިން މެޗު ކުޅުނެވެ. އޭގެތެރެއިން ބެސްޓް ޖޫނިއަރސް އިން ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފައެވެ. އެޓީމުން މުބާރާތުގެ ސެމީ ކަށަވަރުކުރީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށް ނުވަ ޕޮއިންޓާއި އެކުގައެވެ. އަދި ކަންމަތި ނިއު ޖެނެރޭޝަން އިން ސެމީ ކަށަވަރުކުރީ ގުރޫޕުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށް އެއް މެޗުން ބަލިވެ، ޖުމުލަ ހަ ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ބެސްޓް ޖޫނިއަރސް އަދި ކަންމަތި ނިއު ޖެނެރޭޝަން ރޭ ބައްދަލުކުރި ގުރޫޕުގެ ފަހު މެޗު، 3-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބެސްޓް ޖޫނިއަރސް އިންނެވެ. ރޭގެ މި މެޗުގައި ބެސްޓް ޖޫނިއަރސްއަށް ލަނޑުތައް ޖަހައިދިނީ އިސްމާއީލް ރާއިދު ރިޔާޒް، މުޙައްމަދު އާލިފް އަޒުހަމް އަދި އަޙުމަދު އަބާން އަބުދުލް ޣަފޫރެވެ. މީގެ ތެރެއިން އިސްމާއީލް ރާއިދު ރިޔާޒް ވަނީ ދެ ލަނޑު ޖަހައިދީފައެވެ. އަދި އެޓީމުގެ އަނެއް ދެ ކަނޑު ޖަހައިދިނީ މުޙައްމަދު އާލިފް އަޒުހަމް އަދި އަޙުމަދު އަބާން އަބުދުލް ޣަފޫރެވެ. ކަންމަތީގެ ލަނޑުތައް ޖަހައިދިނީ ހަސަން މިޒުއާން ޝަފީޤު އަދި މުޙައްމަދު ރިފްދާން އަލީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބެސްޓް ޖޫނިއަރސް އަށް ދެ ލަނޑު ޖަހައިދިން އިސްމާއީލް ރާއިދު ރިޔާޒްއެވެ.

16 އަހަރުން ދަށުގެ ގުރޫޕް އީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ބެސްޓް ޖޫނިއަރސް އަދި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކަންމަތި ނިއު ޖެނެރޭޝަން ސެމީއަށް ދަތުރުކުރިއިރު، މި ގުރޫޕުގައި ދެން ހިމެނޭ ފޮއެމަތި ޖޫނިއަރަސް އަދި ބްލެކް ސްޓްރީޓަށް ވަނީ ސެމީގެ ފުރުސަތު ގެއްލިފައެވެ.

ފޮއެމަތި ޖޫނިއަރސް އަދި ބްލެކް ސްޓްރީޓަށް ސެމީގެ ފުރުސަތު ގެއްލިފައިވަނީ ގުރޫޕުގައި ކުޅެން ޖެހޭ ތިން މެޗުގެ ތެރެއިން މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވެފައި ވިމުންނެވެ. ގުރޫޕުގައި ބާކީ އެއްމެޗު އޮތް ނަމަވެސް، އެ މެޗުން ނުކުންނަ ނަތީޖާއަކުން ކަނޑައެޅިގެން ދާނީ ގުރޫޕުގެ ތިންވަނަ އަދި ހަތަރުވަނަ އެވެ. ފޮއެމަތި ޖޫނިއަރސް އަދި ބްލެކްސްޓްރީޓް ބައްދަލުކުރާ ގުރޫޕުގެ ފަހު މެޗު އޮންނާނީ މާދަމާރޭގައެވެ. މި މެޗަށް ފަހު 16 އަހަރުން ދަށުގެ ގުރޫޕް އީ ގައި ކުޅެން ޖެހޭ ގުރޫޕް މެޗުތަކުގެ ކުޅުން ނިމޭނެއެވެ.

ރޭގައި ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އައުޓްރީފް ސްޕޯޓްސް ކުލަބާއި އެފްއެމް އެސްސީއެވެ. މިއީ 16 އަހަރުން މަތީގެ ގުރޫޕް އޭ ގެ މެޗެކެވެ. ރޭގެ މި މެޗު ކާމިޔާބު ކޮށްފައިވަނީ އައުޓްރީފް އެސްސީންނެވެ. މި މެޗާއި އެކު މި ދެޓީމަށް ވެސް ގުރޫޕު މަރުހަލާގައި ކުޅެން ޖެހޭ ހުރިހާ މެޗެއް ވެސް ވަނީ ކުޅެ ނިމިފައެވެ. މި ގުރޫޕުގެ ފަހު މެޗުގެ ކުޅުން މާދަމާރޭ ކުރިއަށް ދާނެއިރު، މި މެޗުގައި ބައްދަލުކުރާނީ ކަންމަތި ސްޕޯޓްސް ކުލަބް އަދި ޔޫތް ރިވޮލިއުޝަން ކުލަބެވެ.

ކުޅުނު ތިން މެޗުންވެސް މޮޅުވެ، ޖުމުލަ ނުވަ ޕޮއިންޓާއި އެކު، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް އައުޓްރީފް ސްޕޯޓްސް ކުަލބުން ކަށަވަރުކުރިއިރު، މި ގުރޫޕުން ދެވަނައަށް ކުއާޓާ އަށް ދާ ޓީމެއް އެނގޭނީ މާދަމާރޭ ކަންމަތި ސްޕޯޓްސް ކުލަބް އަދި ޔައިއާރުސީ ބައްދަލުކުރާ މެޗަށް ފަހުގައެވެ.

ރޭގެ ފަހު މެޗު، ބިގް ޝޮޓްސް އަދި ފޮއެމަތި ސްޕޯޓްސް ކުލަބް ބައްދަލުކުރުމަށް ހަމަޖެހިފައި އޮތް މެޗުވަނީ ކެންސަލްކޮށްފައެވެ. މި މެޗު ކެންސަލް ކުރީ މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުންނެވެ. ރޭ ވިއްސާރައިގެ ސަބަބުން ކެންސަލް ކުރި ބިގް ޝޮޓްސް އަދި ފޮއެމަތި ސްޕޯޓްސް ކުލަބްގެ މެޗު މިރޭ 9:15 އަށް ވަނީ ތާވަލްކޮށްފައެވެ.

މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް:

21:15: ބިގް ޝޮޓްސް – ފޮއެމަތި ސްޕޯޓްސް ކުލަބް (ގުރޫޕް ބީ)

22:15: އައުޓްރީފް ޖޫނިއަރސް – ޑިޓްރޮއިޓްސް ޖޫނިއަރސް (ގުރޫޕް އެފް) (16 އަހަރުން ދަށް)

23:15: ސެންޓްރަލް އޭރިއާ ކޮމާންޑު – ބަންގްލަ ޓައިގަރސް ( ގުރޫޕް ސީ)

00:15: ޔުނައިޓެޑް އައުޓްރީފް – ރަސްހިންނެ ސްޕޯޓްސް ކުލަބް ( ގުރޫޕް ސީ)

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ސޮސައިޓީ ފޮރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން ގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ،

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.

މުބާރާތުގެ ސްޕޮންސަރުން:

ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް

ކޯ ސްޕޮންސަރ: ނޫފަރު ބްރަދާސް. ލ. ގަމު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް ޔޫޞުފް ނަޝީދު.

ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު، ނޫފަރު ގޭސް، މަސްކުރި. ރީޝް.

އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް.

ކިޓް ޕާރޓްނަރ: ބަމްބަމްބީ.

ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ.

މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން.

ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް.

ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން.

ޑިޖިޓަލް ޕާރޓްނަރ: ދިރާގު

މުބާރާތުގެ ސެކިއުރިޓީ އެސިސްޓެންސް: މޯލްޑިވްސް ޕޮލިސް ސާވިސް.

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.

މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.