English Edition
Dhivehi Edition
ސިނަމާލެ ބްރިޖްގެ މެއިންޓެނަންސް މަސައްކަތުގެ އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން؛

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް ތިން އަހަރު ދުވަހަށް ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްފިއެވެ.

ބްރިޖް ބެލެހެއްޓުމުގެ މަސައްކަތް ޗައިނާއިން ކޮށްދޭނީ ތިން އަހަރު ދުވަސް ވަންދެން. އެ މަސައްކަތް ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހިލޭ އެހީގެ ދަށުންނެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ބްރިޖު ބަލަހައްޓައި ރާއްޖޭގައި އޭގެ ކެޕޭސިޓީ އިތުރުކުރުމަށް ޗައިނާއިން އެހީތެރިވެދޭނެ ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ކުރާނެ ކަންކަންކަމުގެ ތެރޭގައި, ފިނިޝިން އަދި ރިޕެއާގެ މަސައްކަތް, ޕްރިވެންޓިން މެއިންޓެނަންސް މަސައްކަތް, ބްރިޖް މެއިންޓެނަންސް މަސައްކަތް, ބްރިޖް މެއިންޓެނަންސް މަސައްކަތް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ހެދުން, ރިކޯޑް ބަލަހައްޓާނެ ނިޒާމެއް ގާއިމް ކުރުން, ބްރިޖުގެ އެކިއެކި ކޮމްޕޮނެންޓްސް ތަކަށް ބޭނުންވާ މަރާމާތުތައް ދެނެގަނެ، މެއިންޓެނަންސް މަސައްކަތް ކުރުން ހިމެނެއެވެ.

ޗައިނާއިން ތިން މަސްދުވަހަށް ބުރިޖު ބަލަހައްޓާއިރު, ދިވެހި ޓެކްނީޝަނުން ތައްޔާރުކޮށް ބޭނުންވާ ތަމްރީނު ވެސް ދޭނެއެވެ. މި އެއްބަސްވުން ނިމުމުން ބްރިޖުގެ މެއިންޓެނަންސް މަސައްކަތަށް ހަވާލުވެވޭ ފެންވަރަށް ދިވެހިން ތަމްރީނުކުރާނެއެވެ. ތަމްރީނުތައް ކުރިއަށް ގެންދާނީ ސިނަމާލެ ބުރިޖް މެއިންޓެނެންސް މަސައްކަތްތައް ކުރަމުން އަންނައިރުއެވެ. ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް ދިވެހިން ތަމްރީން ކުރާ ދާއިރާތަކުގެ ތެރޭގައި, ރޯޑް އިންޖިނިއަރިން, ސޭފްޓީ ފެސިލިޓީ، ލޭޑްސްކޭޕިން އަދި ބްރިޖް މެއިންޓެނަންސް ހިމެނެއެވެ.

މި އެއްބަސްވުމަކީ ބްރިޖް މެއިންޓެނެންސް ކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާދެމެދު މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރެގައި ވެފައިވާ އެއްބަސްވުމެކެވެ.

މި ބައްދަލުވުމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓަކްޗާ މިނިސްޓަރު ވަނީ “ތިލަމާލެ ބުރިޖާ” ގުޅޭ ގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައެވެ.

މިގޮތުން މިނިސްޓަރު ވިދާޅުވީ, އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން މިދިޔަ ސަރުކާރުން މާލެ، ވިލިމާލެ، ގުޅީފަޅު، ތިލަފުށި ގުޅާލުމަށް ފެށި “ތިލަމާލެ” ބްރިޖު މަޝްރޫއުގެ މަސައްކަތް ދަނީ ތާވަލަށްވުރެ އަވަސްކޮށް ކަމަށާއި، އެމައްސަކަތުގެ 53 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެެވެ.

މިނިސްޓްރު ވިދާޅުވީ، ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަކީ މިވަގުތު އެންމެ އިސްކަންދޭކަން ކަމަށާއި، ބްރިޖުގެ މަސައްކަތް 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާއެކު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރުއެވެ.

އެއްބަސްވުން އެކުލަވާލިއިރު އޮތީ، މާލެއިން ގުޅީފަޅާ ހަމައަށް ބްރިޖުން ގުޅައި 27 މަސްދުވަސް ތެރޭގައި ނިންމަން ވަނީ އެއްބަސްވެފައެވެ. އަދި ބުރިޖުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ތިލަފުށްޓާ ހަމައަށް 32 މަސްދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް އޮތް އިރު، މުޅި ބްރިޖުގެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށް އޭރު ކަނޑައަޅާފައި އޮތީ 17 މެއި 2024 އަށެވެ.

ބްރިޖުގެ މަސައްކަތް އަވަސްކުރުމަށް އިންޑިއާއާއި ރާއްޖޭގެ ޓެކްނީޝަނުން ހިމެނޭހެން މި ސަރުކާރުން މިހާރު ވަނީ ކޮމިޓީއެއް ވެސް އެކުލަވާލާފައެވެ. އެ ކޮމިޓީގެ ބޭނުމަކީ ތިލަމާލެ ބްރިޖު މަޝްރޫއުގެ ކަންކަން ވީހާވެސް ކައިރިން ވިލަރެސް ކުރުމާއި، މަސައްކަތް އަވަސްކުރުންހިމެނެއެވެ.