English Edition
Dhivehi Edition

ރަމަޟާންމަހަކީ އަޅުކަމުގެ މައްސަރެވެ. އެތައް ގިނަގުނަ ސަވާބާއި ދަރުމައިގެ މައްސަރެވެ. ތިކަންމެ ކުޑަ ނަމަވެސް ހެޔޮކަމެއް ކޮށްފިނަމަ އެހެން މައްސަރުތަކަށް ވުރެ ލިބޭ ސަވާބާއި ދަރުމަ އެތަކެއް ގުނަ އިތުރުވާ މަހެކެވެ. ރަމަޟާން މަހަކީ ވަރުގަދަ ޢަޒުމަކާއިގެން މާތްﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމާއި އެކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންކަމުން ދުރުވާން ވީ މަހެކެވެ. ހެޔޮ ޢަމަލު ކުރުމަށް ތައްޔާރުވުމާއި، ހިތްވަރު ކުރުމަށް ނަފްސު ތައްޔާރު ކޮށްފައި ބަހައްޓަންވީ މަހެވެ.

ކަންމިހެން އޮތް އިރު، ރަމަޟާން މަހުގެ ރޯދަ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ރޯދަ ފާސިދުވެ، ރޯދައިގެ ދަރުމައާއި ސަވާބަށް އުނިކަން ލިބޭ އެންމެހާ ކަންކަމަކުން ދުރުހެލިވެގެން ހުރެ ރޯދަ ހިފުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ރޯދަ ގެއްލޭފަދަ ނުވަތަ ޘަވާބާއި ދަރުމަ އުނިވާނެފަދަ ހުރިހައި ކަމަކުން ދުރުވާން ޖެހެއެވެ. މިކަމުގެ ދަލީލަކީ: ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވަނީ:” مَنْ صَامَ رَمَضَانَ وَعَرَفَ حُدُوْدَهُ وَتَحَفَّظَ ممَّا كَانَ يَنْبَغِى أَنْ يَتَحَفَّظَ مِنْهُ كَفَّرَ مَا قَبْلَهُ” މާނައީ: “ރަމަޟާންމަހުގެ ރޯދަހިފައި، ރޯދައިގެ ޙުކުމްތައް ރަނގަޅަށް ދަނެހުރެ، ރަމަޟާންމަހުގެ ރޯދައަށް ރައްކާތެރިވެއްޖެ މީހެއްގެ ކުރިންދިޔަ ފާފަތައް ފޮހެވިއްޖެއެވެ.

ރޯދައަކީ މާތްﷲ ފަރުޟު ކުރައްވާފައިވާ އަޅުކަމެއްކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އެކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހަކު މާތްﷲ އަށް ތަޤްވާވެރިވާނެއެވެ. އެކަލާނގެއަށް ބިރުވެތިވާނެއެވެ. އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރާނެއެވެ. އިޚްލާޞްތެރިކަމާއެކު މާތްﷲ ގެ ވަޖުހުފުޅު އެދިގެން ރޯދަ ހިފުމެވެ. އެކަލާނގެ ދަރުމައާއި ޘަވާބަށް އެދުމެވެ. ވީމާ އެއީ ތެދުވެރިކަމާއި އިޚްލާޞްތެރިވުމެވެ. އަމިއްލަ ނަފްސަށް ތެދުވެރިވުމެވެ. މީހުންގެ ޘަނާއާއި ތަޢުރީފަށް ނޭދުމެވެ. ޖަޒާއަކަށްވެސް ނޭދުމެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނީ: ” مَنْ صَامَ رَمَضَانَ إِيْمَانًا وَ إِحْتِسَابًا غُفِرَلَهُ مَا تَقَدَّمَ مِنْ ذَنْبِهِ ” މާނައީ: ” ތެދުވެރިކަމާ އީމާންކަމާއެކު، ﷲގެ ދަރުމައަށްއެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހެއްގެ ވޭތުވެދިޔަހައި ފާފައެއް ފުހެވިއްޖެއެވެ.”

ތެދުވެރިވުމުގެ މާނައަކީ އޭނާގެ ޢަމަލުގައި ތެދުވެރިވުމެވެ. މާތްﷲ އިޚްލާޞްތެރިކަމާއެކު ރަމަޟާންމަހުގެ ޘަވާބަށް އެދޭ މީހާ ހެޔޮ ޢަމަލުތައް ކުރާނެއެވެ. ވީމާ، އޭނާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން ދުލުން ނުބުންޏަސް ޢަމަލުން ފެނިގެންދާނެއެވެ. މި މަހުގެ ޘަވާބާއި ދަރުމައަށް އެދި ޤުރްއާން ކިޔެވުމާއި، ސުންނަތް ނަމާދުތައް ކުރުމާއި، ރޭ އަޅުކަން ކުރުމާއި، ދުޢާ ކުރުމެވެ.

ރަމަޟާންމަހަކީ ޤުރްއާނުގެ މައްސަރެވެ. ރޯދައާއި ޤުރްއާން ތިބާއަށްޓަކައި ޤިޔާމަތް ދުވަހުން ޝަފާޢަތްތެރިވާނެއެވެ. ފަހެ، ރޯދައަކީ ކެއުމާއި ބުއިމާއި ޝަހުވަތްތައް މަނަޢުކުރާ ކަމެކެވެ އަދި ޤުރްއާނަކީ އެފޮތް ކިޔަވާ އުޅޭ މީހެއްގެ ރޭގަނޑުގެ ނިދި ގެއްލުވާލައިކަމެވެ. އެއީ ޤުރްއާނަށް އޮންނަ ލޯތްބެއްގެ ސަބަބުން އެކިޔެވުމަށްޓަކައެވެ. މި ސަބަބާހުރެ އެމީހަކަށް އެހައި މަތިވެރި އަޖުރައާއި ޝަފާޢަތް ލިބިގެންދެއެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނީ: ” إِنَّ فِى الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانْ يَدْخُلُ مِنْهُ الصَّائِمُوْنَ يَوْمَ الْقِيَامَةِ لاَ يَدْخُلُ مَعَهُمْ أَحَدً غَيْرُهُمْ يُقَالُ أَيْنَ الصَّائِمُوْنَ فَيَدْخُلُوْنَ مِنْهُ فَإِذَا دَخَلَ آخِرُهُمْ أُغْلِقْ فَلَمْ يَدُخُلْ مِنْهُ أَحَدْ” މާނައީ: ” ހަމަކަށަވަރުން ސުވަރުގޭގައި ދޮރުކޮޅެއްވެއެވެ. އެދޮރުކޮޅަށް ރައްޔާނޭ ކިޔެއެވެ. ޤިޔާމަތްދުވަހުން ރޯދަވެރިން އެދޮރުކޮޅުން ވަންނާނެއެވެ. އެމީހުންނާއެކު އެހެން އެއްވެސް ބައެއް އެދޮރުކޮޅުން ނުވަންނާނެއެވެ. ޤިޔާމަތްދުވަހުން ގޮވާލެވޭނެއެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ދެން އެމީހުން އެދޮރުކޮޅުން ވަންނާނެއެވެ. އެމީހުންގެ ތެރެއިން އެންމެފަހު މީހާ ވަނުމަށްފަހު އެދޮރުކޮޅު ބަންދުކުރެވޭނެއެވެ. ދެން އެހެން އެކަކުވެސް އެދޮރުކޮޅުން ނުވަންނާނެއެވެ.”

ހެޔޮ ޢަމަލުކުރުމަށް ކުރާ ޖިހާދެވެ. ޙަރާމް ކަންކަމުން ދުރުވުމަށް ކުރާ ޖިހާދެވެ. އެއީ ހަވާ ނަފްސުގެ އެދުންތަކާ ޚިލާފުވެ މާތްﷲގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމަށް ކުރާ ޖިހާދެވެ. ބައެއް ފަހަރު ތިމާ ކުރާ ހިތްވާ ކަމަކީ މާތްﷲ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ނަފްސު އެދުނު ކަމުގައިވިޔަސް މާތްﷲ އަށްޓަކައި އެކަމެއް ދޫކުރުމީ ނަފްސުގެ ޖިހާދެވެ. ރަމަޟާންމަހަކީ ކިޔަމަންގަތުމުގެ މަހެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ: “މުޖާހިދަކީ، އެމީހެއްގެ ނަފްސު މާތްﷲ އަށް ކިޔަމަންތެރިކުރުމުގައި ޖިހާދުކުރާ މީހާއެވެ.” (أخرجه أحمد، وصحَّحه الألباني في الصحيحة).

 

މައުލޫމާތު: ޢިލްމުވެރިންގެ ފަތުވާތަކުން