English Edition
Dhivehi Edition

އިތުރު ފިޔަވަޅުތަކަކާ އެކު ޑޮލަރުގެ އާންމު ރޭޓު އަދިވެސް ދަށަށް ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ވަރަށް ބޮޑަށް މަތިވެގެން ދިޔައިރު، މިހާރު އެ ހާލަތު ދަނީ މަޑުމަޑުން ބަދަލުވަމުންނެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލު ދެއްވަމުން ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިރު ރާއްޖޭގެ އިގްތިސާދު އޮތް ހާލަތުން އަރައިގަތުމަށް އެމަނިކުފާނު ކުރެއްވި ޕްލޭންތަކާ ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި ކަމަށެވެ.

މި ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ޑޮލަރުގެ ރޭޓް މައްޗަށް ދާން ފަށާފައި އޮތް ނަމަވެސް ރޯދަ މަހާއި އުމްރާ އާއި ހައްޖަށް ދިއުމުގެ އިތުރުން ރާއްޖެއަށް އެތެރެ ކުރާ މުދާ އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ޑޮލަރުގެ ރޭޓް ދަށަށް ދާކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ޑޮލަރު ރޭޓު ދަށަށްދާނެ ކަމަށާ އެކަން ހާސިލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ކަޅު ބާޒާރުގައި ޑޮލަރު ރޭޓް، މިހާރު ވަނީ 17.40 ވެއްޓިފައެވެ.