English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ދިހަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ބްރެޑް ޕޮކެޓް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:

2 އަލުވި ފެނުކައްކާފައި

1 ޖޯޑު ގްރީންޕީސް

1 ފިޔާ

2 ތޮޅި މިރުސް

2 ސައިސަމްސާ ކޮރިއަންޑާ ފަތް ހިމުންކޮށްފައި

1/4 ސައިސަމްސާ އަސޭމިރުސް

1/2 ސައި ސަމްސާ ގަރަމް މަސާލާ

1 ސައި ސަމްސާ ޗިލީ ޕައުޑަރ

1 ސައި ސަމްސާ ލޮނު (ރަހަލާވަރަށް)

2 ބިސް

1 ސައިސަމްސާ ޖިންޖާ ގާލިކް ޕޭސްޓް

1 ޖޯޑު ޕާންކުނޑި

ތެޔޮ

ޗީޒް ގާނާފައި

ތައްޔާރުކުރާނެގޮތް:

ތަށްޓެއް ނަގާފައި އަލުވި އާއި ގްރީން ޕީސް އެޅުމަށްފަހު އަތުން ރަނގަޅަށް މޮޑެލާށެވެ. ދެން އޭގެ ތެރެއަށް ކޮށާފައި ހުރި ފިޔާ، މިރުސް، ލޮނު، އަސޭމިރުސް. ގަރަމް މަސާލާ، ޗިލީޕައުޑަރ އަދި ޖިންޖަރ ގާލިކް ޕޭސްޓް އަޅާފައި ރަނގަޅަށް މޮޑެލާށެވެ. ދެން ކޮރިއެންޑާ ފަތް އެޅުމަށްފަހު އަނެއްކާ މިކްސް ކޮށްލާށެވެ. މިހާރު މިހިރީ ފިލިންގ ތައްޔާރު ވެފައެވެ.

ދެން ޕާންފޮތި ތައްނަގާފައި އޭގެ ކައިރި ކަފާލާށެވެ. އަދި ރޮށިދަމާ ގޮތަށް ދަމާލާފައި ތައްޔާރު ކުރި ފިލިންގ އެޅުމަށްފަހު ގާނާފައި ހުރި ޗީޒްވެސް އަޅާފައި ފެންފޮދަކުން ޕާންފޮތީގެ ކައިރި ތަތްކޮށްލާށެވެ. ޕާންފޮތިތައް ހުސްވަންދެން މިގޮތަށް ޕޮކެޓް ތައްޔާރު ކުރާށެވެ. ދެން ދެބިސް ގިރާފައި ތައްޔާރު ކުރި ޕޮކެޓްތައް ފޯކޮށްފައި ޕާންކުނޑި ބޭރުގައި ހޭކުމަށްފަހު ތަވާ އުނދުން މައްޗަށް އުދާފައި ޕޮކެޓްގެ ބޭރަށް ގޯލްޑެން ބްރައުން ކުލަ އަރަންދެން ތެލުލާށެވެ.