English Edition
Dhivehi Edition

ވަގުތު ފާއިތު ވުމުގެ ކުރިން، އެ ވަގުތެއްގެ ފައިދާ އެންމެ ހެޔޮގޮތުގައި ހޭދަކުރުމަކީ އެންމެ ފައިދާހުރި ރަނގަޅު ގޮތެވެ. އަތުވައްޖެ ކޮންމެ އެއްޗަކީ އެނބުރި ދާނެ، ފިލައި ދާނެ އެއްޗެކެވެ.

އިއްޔެ އަޅުގަނޑުމެން ވަރަށް ހޫނު މަރުހަބާއެއް ކިޔައި، އިސްތިގުބާލުކުރި އިތްޒަތްތެރި މެހެމާނު އަޅުގަނޑުމެންނާއި ވަކިވެދާން ގާތް ވެއްޖެއެވެ. ބަރަކާތްތެރި ރަމްޞާންމަސް އަޅުގަނޑުމެންގެ ގާތަށް އައީ އިއްޔައެވެ. މިއަދު މިވަނީ އެ ބަރަކާތްތެރިމަސް އަޅުގަނޑުމެންނާއި ވަކިވާން ތައްޔާރުވެފައެވެ. އަޅުގަނޑުމެނާއި ވަކިވެ، އަލްވަދާއު ކިޔުމުގެ ވަގުތު އައިސް ޖެހުމުގެ މަގުމަތީގައެވެ. މާތް ﷲ އެމައްސަރުގައި ލައްވަވާފައިވަނީ ހުސް ހެޔޮކަމެވެ. އަމާންކަމާ އީމާންކަމެވެ. ސަލާމަތްތެރިކަމާ އިސްލާމްކަމެވެ. އޯގާތެރިކަމާ ހަމްދަރުދީއެވެ. އެހީތެރިކަމާ ތައާވުނެވެ. ފުއްސެވުމާއި ރުއްސެވުމެވެ.

ރޯދަމަހުގެ ރޭތަކާއި ދުވަސްތައް މާތް ކުރެއްވިފައިވަނީ އައްރަހުމާނުގެ ރަހުމަތް ބެއްސެވުމާއި އަލް ޣައްފާރުގެ ފުއްސެވުމާއި އަލްޖައްބާރުގެ އަޛާބުން މިންޖު ކުރެއްވޭ މޫސުމެއްކަމުގައެވެ. އެހެން ހުރިހާ މައްސަރަކަށްވުރެ ހުރިހާ ކަމެއްވެސް މިމައްސަރުގައި އިތުރުވެގެންވެއެވެ.

ރޯދަމަހުގެ ފަހު ދިހަޔަކީ އެމައްސަރުގެ އެއްމެ ފުރިހަމަ ބައެވެ. ހެޔޮއަމަލު ތަކާއި، ހެޔޮބަސްތައް އެއްމެ ގިނަކުރަންވީ ދުވަސްތަކެވެ. ދަރުމަޔާ ޘަވާބަށް އެއްމެ ދަހިވެތި ވާންވީ ވަގުތުކޮޅެވެ. ﷲ ސުބްހާނަހޫ ވަތައާލާގެ ފުއްސެވުމާއި ރުއްސެވުމަށް އެދިގެންވާ މީހުންނަށް އެއްމެ ބޭނުންވާނެ ކަމަކީ އެކަލާނގެ ކޯފާ އާއި އަޛާބުން މުއްތި ކުރެއްވުމެވެ. ފަހު ދިހަ އަކީ އެކަމަށްޓަކައި ޚާއްސަ ވަގުތެވެ. ކޮންމެ ކަމެއް، އަދި ކޮންމެ އެއްޗެއްގެވެސް އޭގެ ނިމުން ރަނގަޅުވެއްޖެ ނަމަ އެއީ ވަރަށްބޮޑު ކާމިޔާބެކެވެ. އެގޮތުން ރަމުޟާން މަހުގެ ފަހު ދިހައެއް ތަގުވާގެ މަތިވެރި ސިފަތަކާއެކުގައި ހާސިލު ކުރުމަށްޓަކައި، ރޯދަމަހުގައި އަޅުގަނޑުމެން ކުރަމުން އައި ހުރިހާ ހެޔޮ އަމަލުތަކެއް ދެގުނަޔަށް އިތުރު ކުރަންވީއެވެ. ހެޔޮ އަމަލުތަކުގައި ފަރުވާކުޑަކުރެވުނު ނަމަ މިވަގުތުކޮޅު ޣަނީމާކުރަންވީއެވެ.

 

މައުލޫމާތު: ޝައިޚް އާދަމް ޝަމީމްގެ ފަތުވާއަކުން