English Edition
Dhivehi Edition

މުޅި ރާއްޖެއަށް ހުޅުވާލައިގެން ލ. ގަމުގައި ބާއްވާ ފޯރިގަދަ ފުޓްސަލް މުބާރާތް، “ތުނޑީ ރަމަޟާން ކަޕް 1445” ގައި ރޭ ކުޅުނު މެޗުތައް ކިއުއެމް ސްޕޯޓްސް އެކަޑަމީ، ކަންމަތި ނިއު ޖެނެރޭޝަން އަދި ރަސްހިންނެ ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފިއެވެ.

ތުނޑީ ރަމަޟާން ކަޕްގެ މެޗުތައް ލ. ގަން ތުނޑީ ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނީ 16 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗަކާއި 16 އަހަރުން މަތީގެ ދެމެޗެވެ. 16 އަހަރުން ދަށުގެ އުމުރުފުރައިގައި ކުޅުނު މެޗުގައި ރޭ ކަންމަތި ނިއު ޖެނެރޭޝަން އިން ފޮއެމަތި ޖޭއާރް ބަލިކުރީ 0-2 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގައި ކަންމަތި ނިއު ޖެނޭރޭޝަން ހޯދި ދެވަނަ މޮޅެވެ. އަދި ފޮއެމަތި ޖޭއާރްގެ ދެވަނަ ބައްޔެވެ.

ރޭގެ މި މޮޅާއި އެކު ކަންމަތި ނިއު ޖެނެރޭޝަން އަށް ސެމީ ފައިނަލުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައެވެ. އަދި ރޭގެ މެޗުގައި ކަންމަތި އަތުން ފޮއެމަތި ޖޭއާރު ބަލިވުމުން އެޓީމަށް ސެމީގެ ޖާގައެއް ލިބުމުގެ ފުރުސަތު ވަނީ ބޮޑުތަނުން ހަނިވެފައެވެ.

ގުރޫޕު އީއަށް ބަލާއިރު، މިވަގުތު ކުޅުނު ދެ މެޗުންވެސް މޮޅުވެ، ޖުމުލަ ހަ ޕޮއިންޓާއި އެކު އެއްވަނާގައި އޮތީ ކަންމަތި ނިއު ޖެނެރޭޝަން އެވެވެ. އަދި ދެވަނާގައި އޮތީ ކަންމައްޗަށް ވުރެ އެއް މެޗު މަދުން ކުޅެގެން، ފުރަތަމަ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ބެސްޓް ޖޭއާރްއެވެ. އެއްވެސް ޕޮއިންޓެއް ނުލިބި އޮތް ފޮއެމަތި ޖޭއާރަށް ގުރޫޕުގެ ތިންވަނަ ލިބޭއިރު، ހަތަރު ވަނަ ލިބެނީ ބްލެކް ސްޓްރީޓްއެވެ.

ކަންމަތި ނިއު ޖެނެރޭޝަން އަދި ފޮއެމަތި ޖޭއާރް ބައްދަލުކުރި މި މެޗުގައި، ކަންމައްޗަށް ލަނޑުތައް ޖަހައިދިނީ އަޙުމަދު ރިޔާންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ސޭވްތަކެއް ކުރި، ކަންމަތީ ގެ ގޯލްކީޕަރު އަމަން ޝަފީޤުއެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެމްއެންޑީއޭއެފް ސީއޭސީ އާއި ރަސްހިންނެ ސްޕޯޓްސް ކުލަބެވެ. ގުރޫޕް ސީގައި ހިމެނޭ މި ދެޓީމު ބައްދަލުކުރި މި މެޗު 0-5 ގެ ނަތީޖާއިން ކާމިޔާބު ކުރީ ރަސްހިންނެ ސްޕޯޓްސް ކުލަބުންނެވެ. މިއީ ރަސްހިންނެ މުބާރާތުގައި ހޯދި ދެވަނަ މޮޅެވެ. އެހެންކަމުން ރޭގެ މި މޮޅާއި އެކު އެޓީމަށް ޖުމުލަ ހަ ޕޮއިންޓު ލިބިފައިވާއިރު، މިވަގުތު ގުރޫޕް ސީގެ އެއްވަނަ ލިބެނީ ރަސްހިންނެ އަށެވެ. ރޭގެ މެޗުގައި ރަސްހިންނެ ސްޕޯޓްސް ކުލަބަށް ލަނޑުތައް ޖަހައިދިނީ ހަސަން ޝިހުބާން، ހައިޝަމް ރަޝީދު އަދި ލޫތު އަހުމަދު ފަތުހީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރަސްހިންނެ ސްޕޯޓްސް ކުލަބަށް މި މެޗުގައި ދެ ލަނޑު ޖަހައިދިން ހައިޝަމް ރަޝީދުއެވެ.

ރޭގެ ފަހު މެޗު، ގުރޫޕް ޑީ ގައި ހިމެނޭ ކިއުއެމް ސްޕޯޓްސް އެކަޑަމީ އަދި ބެސްޓް ބޯއީޒް ބައްދަލުކުރި އިރު، 3-2 ގެ ނަތީޖާއިން މި މެޗު ކާމިޔާބު ކުރީ ކިއުއެމް ސްޕޯޓްސް އެކަޑަމީއިންނެވެ. މިއީ ކިއުއެމް ސްޕޯޓްސް އެކަޑަމީން މި މުބާރާތުގައި ކުޅުނު ފުރަތަމަ ގުރޫޕް މެޗެވެ. އަދި ފުރަތަމަ މޮޅުވެސް މެއެވެ. މި މެޗުގައި ކިއުއެމް އަތުން ބަލިވި ބެސްޓް ބޯއީޒްގެ މިއީ ދެވަނަ މެޗެވެ. އަދި އެޓީމު ކުޅުނު ދެ ނެޗުންވެސް ވަނީ ބަލިވެފައެވެ.

މި މެޗުގައި ކިއުއެމް ސްޕޯޓްސް އެކަޑަމީ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ މުޙައްމަދު ޖުމާންއެވެ. އެޓީމު އަނެއް ލަނޑު ޖަހައިދިނީ ޒަޚްވާން ހުސެއިންއެވެ. ބެސްޓް ބޯއީޒް ގެ ލަނޑުތައް ޖަހައިދިނީ ހަސަން ފަރީދު އަދު އަބްދުލް ބާރީއެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ކިއުއެމް ސްޕޯޓްސް އެކަޑަމީއަށް ދެ ލަނޑު ޖަހައިދިން މުޙައްމަދު ޖުމާންއެވެ.

މިރޭވެސް މި މުބާރާތުގެ ވަރަށް ފޯރިގަދަ ތިން މެޗެއް ކުޅޭނެއެވެ. މިރޭގެ މެޗުތަކުގެ ކުޅުންވެސް ފަށާނީ 9:30 ގައެވެ. މިރޭގެ ފުރަތަމަ މެޗަކީ 16 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗެކެވެ. 9:30 ގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ ބެސްޓް ޖޭއާރް އަދި ބްލެކް ސްޓްރީޓްއެވެ. މިރޭގެ މި މެޗަށް ނުކުންނައިރު، ބެސްޓް ޖޭއާރުން ވަނީ އެޓީމުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އަދި ބްލެކް ސްޓްރީޓް ވަނީ އެޓީމުން ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. މިއީ ދެޓީމުން ވެސް މުބާރާތުގެ ގުރޫޕް މަރުހަލާގައި ކުޅޭނެ ދެވަނަ މެޗެވެ.

މިރޭ ދެން ކުޅެން ހަމަޖެހިފައިވަނީ 16 އަހަރުން މަތީގެ ދެ މެޗެވެ. އެގޮތުން މިރޭ 10:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގައި ހިމެނޭ، ޔޫތް ރިވޮލިއުޝަން ކުލަބް އަދި އެފްއެމް އެސްސީއެވެ. އަދި މިރޭ 11:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގައި ހިމެނޭ، ބެސްޓް ސްޕޯޓްސް ކުލަބް އަދި ބިގް ޝޮޓްސްއެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުތައް:

16 އަހަރުން ދަށް،

21:30: ބެސްޓް ޖޭއާރް – ބްލެކް ސްޓްރީޓް (ގުރޫޕް އީ)

16 އަހަރުން މަތި،

22:30: ޔޫތް ރިވޮލިއުޝަން ކުލަބް – އެފްއެމް އެސްސީ (ގުރޫޕް އޭ)

23:30: ބެސްޓް ސްޕޯޓްސް ކުލަބް – ބިގް ޝޮޓްސް (ގުރޫޕް ބީ)

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ސޮސައިޓީ ފޮރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން ގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ މުބާރާތެކެވެ،

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.

މުބާރާތުގެ ސްޕޮންސަރުން:

ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް

ކޯ ސްޕޮންސަރ: ނޫފަރު ބްރަދާސް.

ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު، ނޫފަރު ގޭސް، މަސްކުރި.

އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް.

ކިޓް ޕާރޓްނަރ: ބަމްބަމްބީ.

ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ.

މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން.

ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް.

ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން.

ޑިޖިޓަލް ޕާރޓްނަރ: ދިރާގު

ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.

މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.