English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ އަށްވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ މެންގޯޑެޒާޓް ތައްޔާރު ކުރާނެ ގޮތެވެ. ‏

ބޭނުންވާތަކެތި:

200މލ ވިޕިންގ ކްރީމް

1 މޭޒުމަތީ ސަމުސާ އައިސިން ޝުގަރ

2 އަނބު މިކްސަރުން ޕިއުރީ ކޮށްފައި

1 ތަށި ކިރު

1 ކޭކް (ބަޓަރ ކޭކް)

ތައްޔާރުކުރާނެގޮތް:

ވިޕިންގ ކްރީމް އޮލަވަންދެން ގިރާލާފަ އޭގެ ތެރެއަށް އައިސިންގ ކޮޅު އަޅާފައި އެއްކުރާށެވެ. ދެން މީގެ ތެރެއަށް ޕިއުރީ ކޮށްފައި ހުރި އަނބު އަޅާފައި ސަމުސަލަކުން ރަނގަޅަށް އެއްކުރާށެވެ.

ޓްރޭ ނެގުމަށްފަހު ޓްރޭގައި ކޭކް ޕޮތިކޮށްފައި އަތުރާލާށެވެ. ކޭކް ގެ މައްޗަށް ކިރުއަޅާފައި ފޯވީމަ ތައްޔާރު ކޮށްފައި ހުރި ވިޕިންގ ކްރީމް އެޅުމަށް ފަހު ކްރީމް ފަތުރާލާށެވެ. ގާނިޝް ކުރުމަށް މެންގޯ ޕިއުރީ ކޮޅެއް ރީތި ގޮތަކަށް ކްރީމްގެ މައްޗަށް އަޅާފައި ފްރިޖްގައި ބެހެއްޓުމަށް ފަހު ފިނިވީމަ ސާރވް ކުރާށެވެ.