English Edition
Dhivehi Edition

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. އަރަހުށި މާތް ﷲ އަށް ކުއްތަންވުމުގެ މައްސަރެވެ. މިހެންވެ ސަލަފުއްޞާލިޙުން މި މާތް މައްސަރުގެ ރޭތަކާއި ދުވަސްތައް އަޅުކަންކުރެއްވުމުގައި ގަދައަޅުއްވައި މަސައްކަތް ކުރެއްވިއެވެ.

ރަމަޟާން މަހަކީ އެކަލާނގެ ބަރަކާތުން ފުރިގެންވާ މަހެކެވެ. “އެމަހުގެ ފުރަތަމަ ރޭ އެކަލާނގެ، އަޅުންނަށް ބައްލަވައި ވޮޑިގަންނަވާނެއެވެ. އެކަލާނގެ ބައްލަވައިވޮޑިގެންނެވި އަޅަކު ދުވަހަކުވެސް ނަރަކައަށް ނުވައްދަވާނެއެވެ”.

ރަމަޟާން މަހަކީ އެހެން މައްސަރުތަކާއި އަޅާބަލާއިރު، ވަރަށް މަތިވެރި މާތް މައްސަރެކެވެ. އެމަހުގައި ކުރާ އަޅުކަންތައް އެހެން މައްސަރުތަކުގައި ކުރާ އަޅުކަންތަކަށް ވުރެ ެތަކެއް ގުނަ ސދަވާބާއި ދަރުމަ އިތުރެވެ. އެހެން ކަމުން މި މައްސަރުގައި ހެޔޮ އަމަލުކުރުން ގިނަ ކުރުމަކީ ވަރަށް ބޮޑަށް އެދެވޭކަމެކެވެ. މި މައްސަރުގައި ކުރެވިދާނެ މަތިވެރި އެއް ކަމަކަށް އަލިއަޅުވާލަމާހެއްޔެވެ.

ސަދަޤާތް ދިނުން

ޞަދަޤާތަކީ ޤިޔާމަތް ދުވަހުގައި ހިސާބުބެއްލެވޭ ހިނދު، ފަރުޟު އަޅުކަމުން މަދުވާ ބައި ފުރިހަމަކޮށްދޭނެ ޢަމަލެކެވެ. ޞަދަޤާތުގެ ސަބަބުން ކުށްފާފަތައް ފުހެލައެވެ. ޞަދަޤާތުގެ ސަބަބުން ސުވަރުގެ ވަނުމަށް މަގުފަހިވެ ނަރަކައިން ސަލާމަތްވެއެވެ. ކިތަންމެ ކުޑަ ޞަދަޤާތަކުންވެސް ސުވަރުގެއަށް ވަނުމަށް މަގުފަހިވެދެއެވެ. ޞަދަޤާތަކީ ރިޒުގު ތަނަވަސްވުމުގެ މަގެކެވެ. ޞަދަޤާތުގެ ސަބަބުން ދަހިވެތިކަމުގެ ސިފަ ނެތިކޮށްލައެވެ. މީގެ އިތުރުންވެސް ޞަދަޤާތަކީ އޭގައި ގިނަގުނަ ދަރުމައާއި ސަވާބު ހިމެނޭ ވަރަށް މަތިވެރި ކަމެއްކަން ޝަރުޢީ ނައްޞުތަކުން އެނގެއެވެ.

ދުނިޔެވީ އެދުމެއްނެތި، ހަމައެކަނި ﷲ ގެ ހަޒުރަތުން ސަވާބަށް އެދިގެން ކުރާ ކަމެއްގެގޮތުގައި ޞަދަޤާތްކުރުން: ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. “(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲ ގެ ވަޖުހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ.”[އިންސާނު: 9]

ސަދަޤާތް ދިނުމުގައި ސަމާލުވާން ޖެހޭކަންކަން:

ހަލާލު ތަކެތިން ޞަދަޤާތްކުރުމާއި ފާޅުގައްޔާއި ސިއްރުގައިވެސް ޞަދަޤާތްކުރުން، މީގެތެރެއިންވެސް ސިއްރުގައި ކުރުން މޮޅުއިތުރެވެ. އެމީހަކަށް އެންމެ ކަމުދާ ރަނގަޅު އެއްޗެތިން ޞަދަޤާތްކުރުމާއި ޞަދަޤާތް ދިނުމުގައި މެދުމިން އިޚްތިޔާރުކުރުމާއި ޞަދަޤާތް ކުރުމަށްފަހު ކަލަނުގޮވުން ހިމެނެއެވެ. ކަލަގޮވުމަކީ ތިމާ އަނެކަކަށް ކޮށްދީފައި ހުންނަ ހެޔޮކަންތަކުގެ ވާހަކަ ހިތާނުވެގެން އެމީހާއާ ދިމާއަށް އެ ވާހަކަތައް ދެއްކުމެވެ. ނުވަތަ ތިމާ އެހެންމީހަކަށް ދީފައިވާ ޞަދަޤާތެއްގެ ވާހަކަ ފަހުން ދެއްކުމެވެ. މިއީ ވަރަށް ނުބައި ސިފައެއްކަމާއި މިކަމުގެ ސަބަބުން ޞަދަޤާތުގެ ސަވާބު ގެއްލިގެންދެއެވެ.

އަދި ސަދަޤާތް ދިނުމުގައި އެއްވެސް ދެއްކުންތެރިކަމެއް އޮވެގެން ނުވާނެއެވެ. މީސްތަކުންނަށް ދެއްކުމަށްޓަކައި މުދާ ހޭދަކުރާމީހުންނީ ﷲ އާއި އާޚިރަތްދުވަހަށް އީމާންނުވާ ބައެއްކަމަށް ﷲ އަންގަވާފައިވެއެވެ.