English Edition
Dhivehi Edition

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް އެތައް ކަމެއް ޢިލްމުވެރިން ބަޔާންކުރައްވާފައި ވާ ކަމަށާއި މި ހުރިހާ ކަންކަމަކީ ވެސް، تَقْوَى ވެރިކަން ޙާޞިލުކޮށްދޭ ކަންކަމެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގާ ރަޙުމާއި، ކުލުނު އުފެދުން ހިމެނޭކަމަށް މިއަދުގެ ޙުކުރު ޚުތުބާގައި ބުނެފިއެވެ.

“ރޯދައިގެ ޚުކުމަތް” މި އައުޟޫއަށް މިއަދު ރާއްޖޭގެ މިސްކިތް ތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް އެތައް ކަމެއް ޢިލްމުވެރިން ބަޔާންކުރައްވާފައި ވާ ކަމަށާއި މި ހުރިހާ ކަންކަމަކީ ވެސް، تَقْوَى ވެރިކަން ޙާޞިލުކޮށްދޭ ކަންކަމެވެ. އަދި ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގާ ރަޙުމާއި، ކުލުނު އުފެދުން ހިމެނޭކަމަށް މިއަދުގެ ޙުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.

މިއަދުގެ ޚުތުބާގައި ބުނީ ރޯދައަށް ހުންނަ ހިނދު އިޙްސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި، މިސްކީނުންގެ އިޙްސާސްތައް ދެނެގަނެވޭނެކަމަށާއި އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެކަމަށެވެ. އަދި އެ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން، ރޯދަވެރިޔާގެ ނަފުސު ޠާހިރުކޮށް ޒީނަތްތެރި ކޮށްދޭކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

އަދި ރޯދައިގެ ޚިކުމަތްތަކުގެ ތެރޭގައި ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭކަމަށާއި އަޅާ ރޯދައަށް ހުންނައިރު، ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން، އޭނާގެ ނަފުސު، ހިފަހައްޓާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން ﷲ تَعَالَى އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިޢުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވާކަމަށާއި ވަރަށް ގިނަފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިޢުމަތެއް ބީވެ ދިޔުމުންކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވާކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގާ، އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަޤީރުންގެ ޙާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަނަކަމަށެވެ.

މީގެ އިތުރުން ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާ ޙަރާމް ކަންތައްތަކާ ދުރުހެލިކުރުވުން ހިމެނޭކަމަށާއި ﷲ تَعَالَى ގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ ޢަޛާބުން މިންޖުވުމަށްޓަކައި، ޙަލާލު ކާބޯތަކެއްޗާއި، އޭނާއަށް ޙަލާލު ކުރައްވާފައިވާ، އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، ﷲ تَعَالَى ޙަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް، އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ރޯދައަކީ، އިންސާނާގެ ނަފުސު ހެޔޮކަންކަމަށް ހާނުވައިދޭ، ތަރުބަވީ އަޅުކަމެއްކަމަށާއި ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނޭކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ނަބިއްޔާ ޙަދީޘް ކުރައްވާފައި ވެއެވެ. (يَا مَعْشَرَ الشَّبَابِ! مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَن لَّـمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ) މާނައީ: “އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންކުރެ ކައިވެނިކުރުމަށް ކެރިކުޅަދާނަވެގެންވާ މީހާ ކާވެނި ކުރާހުށި ކަމެވެ! ފަހެ އެގޮތް ލޮލަށާއި، ލަދުވެތި ގުނަވަނަށް ރައްކާތެރިކަން ބޮޑުވެފައި، އެގޮތުގައި ޢިއްފަތްތެރިކަން މާބޮޑެވެ. އަދި އެކަމަށް ކުޅަދާނަވެގެން ނުވާ މީހާ (އެބަހީ: ކާވެނި ކުރުމަށް ކުޅަދާނަކަން ލިބިގެން ނުވާ މީހާ) ރޯދަހިފާހުށިކަމެވެ! ފަހެ ރޯދައަކީ، ޝަހުވާނީ އެދުންތަކުން އިންސާނާއަށް ވާ ރައްކާތެރިކަމެކެވެ.”

މާތް ނަބިއްޔާ ގެ މި ޙަދީޘް ބަސްފުޅަށް ވިސްނާލުމުން، ރޯދަ ހިފުމަކީ، އިންސާނާގެ ޝަހުވާނީ އެދުންތަކާ ދުރުހެލިވުމާއި، އޭނާގެ ނަފުސު އެދޭ ނޭދެވޭ ކަންކަމުން ދުރުހެލިވެ، ކެތްތެރިވުމަށް މަގުފަހިކޮށްދޭ އަޅުކަމެއްކަން އެނގެއެވެ.” ޚުތުބާގައި ބުނެފައިވެއެވެ.